ވިޔަފާރިތަކަށް ބީއެމްއެލް އިން ހިލޭ އެހީގެ ގޮތުގައި ދޫކުރާ 'ބީއެމްއެލް ސްޓާޓް އަޕް ގްރާންޓް' އަށް އެދި ހުށަހަޅަން ހުޅުވާލައިފި އެވެ.

ބީއެމްއެލްގެ މި އެހީއަކީ އުފެދެމުން އަންނަ ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގައި އަލަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް ދޫކުރާ ހިލޭ އެހީ އެކެވެ.

ގްރާންޓަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބެލުމަށް ފަހު އެންމެ ރަނގަޅު ދެ ވިޔަފާރިއެއް ހޮވާ، ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ ދޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. މިއާއެކު އެ ވިޔަފާރިތަކުން ހުށަހަޅާ ޕްލޭންއާ އެއްގޮތަށް ކާމިޔާބު ކަމާއެކު ވިޔަފާރި ފަށައި ހިންގުމަށް ބޭނުންވާ މާލީ ފަންނީ އެހީ ވެސް ބޭންކުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އަމިއްލަ ފަރުދުންނާއި އަލަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ކޮންމެ ވިޔަފާރިއަކަށްވެސް މި ގްރާންޓަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އެކްޓިން ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ، ވިޔަފާރިތައް ބާރުވެރިކުރުވުމަކީ އިޤުތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.

މި އެހީއަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ17 އާ ހަމައަށް ވަނީ ހުޅުވވާލައިފަ އެވެ. މި އެހީއަށް އެދި ޕްރޮޕޯސަލް އީމެއިލް ކުރަން ޖެހެނީ [email protected] އަށެވެ.

މި ގްރާންޓަށް އެދި ހުށަހެޅުމާ ބޭހޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.