ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންނަށް ކޮންމެ އަހަރަކު ވެސް ދެމުން އަންނަ އަހަރީ ބޯނަސް ދިނުން މި އަހަރު ފަސްކޮށްފި އެވެ.

މިކަން އެޗްޑީސީގެ ބައެއް މުވައްޒަފުން ވަނީ "ހުރިހާ"އަށް ކަށަވަރުކޮށްދީފަ އެވެ.

އެ މުވައްޒަފުން ބުނީ ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު މަހުގެ ކުރިން އަހަރީ ބޯނަސް ލިބޭ ކަމަށެވެ. އެކަމަކު މި އަހަރުގެ ބޯނަސް އަދިވެސް ނުލިބޭތީ މުވައްޒަފުން ޝަކުވާކުރުމުން އިސްވެރިން ދިން ޖަވާބުން ބޯނަސް ދިނުން ފަސްކޮށްފައިވާކަން އެނގޭ ކަމަށް އެ މުވައްޒަފުން ކިޔައިދިނެވެ.

"އަޅުގަނޑުމެން ބޯނަހުގެ ވާހަކަ ދެއްކީމަ ބުނަނީ އަދި ނެތެއް ނޫންހެއްޔޭ ނުދެވިފަކާއެއް. އެކަމަކު ކޮންމެ އަހަރެއްގެ ޖޫން ނޫނީ ޖުލައިގަ ދޭ. ދެން މިވާހަކަ ބުނީމަ މި ބުނަނީ އަންނަ އަހަރު ވިޔަސް ދޭނަމޭ،" އެޗްޑީސީގެ މުވައްޒަފަކު ކިޔައިދިނެވެ.

ކޮންމެ އަހަރަކު ވެސް އަހަރީ ބޯނަހުގެ ގޮތުގައި އެޗްޑީސީގެ މުވައްޒަފުންނަށް ޑަބަލް މުސާރަ ލިބެ އެވެ. މިދިޔަ އަހަރު އެ ކުންފުނީގެ ކޮންމެ މުވައްޒަފަކަށް 20،000ރ. އަށް ވުރެ ބޮޑު އަދަދެއް އަހަރީ ބޯނަހުގެ ގޮތުގައި ލިބުނެވެ.

މުވައްޒަފުން ބުނީ އަހަރީ ބޯނަސް ދިނުން ފަސްކުރި ސަބަބެއް ނޭނގޭ ކަމަށެވެ. އެޗްޑީސީއަކީ ފައިދާގައި ހިންގާ ކުންފުންޏެކެވެ.

މިކަމާ ގުޅޭގޮތުން އެޗްޑީސީގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.