ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެކަމަށް ލަފާކޮށް އެ އިދާރާއިން ވަނީ ގިނަ އަތޮޅުތަކަކަށް ހުދު ސަމާލު ނެރެފަ އެވެ. މިއަދު މެންދުރާ ހަމައަށް އެލާޓު ނެރެފައިވަނީ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ.

މެޓު އޮފީހުން ބުނީ މި ސަރަހައްދުތަކަށް މިއަދު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭ ކަމަށް ވެސް މެޓުން ބުންޏެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ކަނޑުތައް ގަދަވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ގަދަ ވަގުތުތަކުގައި ކަނޑުގެ ރާޅުތަކުގެ އުސްމިން ހަތަރު ފޫޓައި ހަތް ފޫޓާ ދެމެދުގެ އުސްމިނުގައި ކަމަށެވެ.

މެޓް އޮފީހުން ބުނީ އިއްޔެ އިން ފެށިގެން ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ.

މޫސުން ގޯސްވެފައިވާތީ ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.