އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންގެ ގޮތުގައި ތިބި ދުނިޔޭގެ ނުފޫޒުގަދަ ބާރުގަދަ ގައުމުތަކަށް ލިބިފައިވާ ވީޓޯކުރުމުގެ ބާރު އުވާލައި، އދ.ގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑަށް އިސްލާހު ގެނައުމަށް ރައީސް މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ރައީސް މުއިއްޒު މިހެން ގޮވާލެއްވީ އދ.ގެ ސަލާމަތީ މަޖިލީހުގައި ބުދަ ދުވަހު ދެއްވި ބަޔާނެއްގަ އެވެ.

ސަލާމަތީ މަޖިލީހަކީ ނާގާބިލު އިތުބާރު ގެއްލިފައިވާ މަޖިލީހެއްކަމަށްވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެ މަޖިލީހުގެ ނާގާބިލުކަމުގެ ސަބަބުން، އދ.ގެ ނިޒާމަށް ދުނިޔެއިންކުރާ އިތުބާރު ގެއްލެމުންދާ ކަމަށެވެ. ސަލާމަތީ މަޖިލީހަށް އޮތް އިތުބާރު ގެއްލެމުންދަނީ، ހަމަހަމަކަމާއެކު ތަމްސީލުކުރުމާއި، ޖަވާބުދާރީވުމާއި، ދެފުށްފެންނަ ގޮތަށް މަސައްކަތްކުރަން ނުކުޅެދިފައިވާތީކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ސަލާމަތީ މަޖިލީހުގައި ދެއްވި ބަޔާނުގައި، ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށްގެން ކުރާ މަޝްވަރާގެ އަލީގައި ސަލާމަތީ މަޖިލީހަށް އިސްލާޙު ގެނައުމަށް ވަނީ އިންޓަރގަވަމެންޓަލް ޕްރޮސެސް އެއް ހުށަހަޅުއްވާފަ އެވެ. މިގޮތުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ސަލާމަތީ މަޖިލީހުގައި ހާއްސަ ޖާގައެއް ދިނުމަށް ދިވެހިރާއްޖެއިން ކުރާ އިލްތިމާސް އެމަނިކުފާނު ތަކުރާރުކުރެއްވި އެވެ.

ސަލާމަތީ މަޖިލީހުން ބައިނަލްއަގުވާމީ ގާނޫނު ނެގެހެއްޓުމުގައި ނުކުޅެދިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގާ ގަތުލުއާންމު ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ލިބިފައިވާ ބާރު ކަނޑުވާލަނީ ވީޓޯގެ ބާރުންކަމަށާއި، އަދަބެއް ނުދެވި، އަނިޔާވެރި އިސްތިއުމާރު ދެމެހެއްޓުމަށް އިސްރާއީލަށް ފުރުސަތު ފަހިކޮށްދެނީވެސް ވީޓޯގެ ބާރުންކަމަށެވެ.

ސަލާމަތީ މަޖިލީހުގައި ހިމެނޭ ބާރުގަދަ ގައުމުތަކަށް ލިބިފައި އޮންނަ ވީޓޯ ބާރު ދޫކޮށްލަން ރާއްޖެފަދަ ކުޑަ ގައުމަކުން ގޮވާލިނަމަވެސް، އެފަދަ ގައުމަތަކުން އަޑުއަހާނެކަމަކަށް ނުބެލެވެ އެވެ. އެ ގައުމުތަކުން ދަނީ އެ މަޖިލީހަށް މެންބަރުން އިތުރު ކުރުމާވެސް ދެކޮޅުހަދަމުން ނެވެ. ބައެއް ފަރާތްތަކުން ބުނަނީ ރާއްޖެފަދަ ގައުމަކުން މިފަދަ ކަންކަމަށް ގޮވާލުމަކީ ކަނޑުގައި ރޮނގެއް އެޅުންފަދަ ކަމެއް ކަމަށެވެ.