ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ބޭނުންވާ ބަދަލުތައް ގެނައުމަށްފަހު، ސަރުކާރު މުވައްޒަފުންނަށް މި މަހުގެ މުސާރަ ދިނުމަށް 800 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފި އެވެ.

ޓީ-ބިލްގެ ގޮތުގައި ސަރުކާރަށް 800 މިލިއަން ރުފިޔާގެ ލޯނެއް ދޫކުރިކަން އިތުބާރު ހުރި ފަރާތަކުން ވަނީ "ހުރިހާ" އަށް ކަށަވަރުކޮށްދީފަ އެވެ. މި ލޯނު ނަގާފައި ވަނީ މި މަހު ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ.

މިއީ ސަރުކާރު ބޭނުންވާގޮތަށް ބީއެމްއެލްގެ ބޯޑު ބަދަލުކުރުމަށްފަހު، އެ ބޯޑުން ނިންމި ފުރަތަމަ ނިންމުމެވެ.

ސަރުކާރާއި ރައްޔިތުންގެ ބޮޑު ހިއްސާއެއް އޮންނަ ބޭންކުގެ ބޯޑުން އެ ޓީ-ބިލް ގަންނަން ނިންމީ ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދޭނެ އިތުރު ގޮތެއް ނެތިގެން ފިނޭންސް މިނިސްޓްރީން އެދިގެންނެވެ. އަދި މި ލޯނު ދިނީ ބޭންކުގެ ބޯޑުގެ ރިސްކް ކޮމިޓީ އާއި މެނޭޖްމަންޓްގެ ފަރާތުން އޮންނަ އެސެޓްސް އެންޑް ލައިބިލިޓީސް ކޮމިޓީގެ ރުހުން ހޯދުމެއް ނެތި ކަމަށް ވެސް އެނގިފައިވެ އެވެ.

އޮގަސްޓް މަހު ބީއެމްއެލްގެ ކާޑުތަކުގެ ޑޮލަރު ލިމިޓަށް ބަދަލު ގެންނަން ނިންމާ އިއުލާން ކުރުމުން އެއީ އިދިކޮޅާ ގުޅިގެން ކުރަން އުޅުނު މާލީ ބަޣާވާތެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު އާއި ސަރުކާރުގެގެ އިސްވެރިން ތުހުމަތު ކުރި އެވެ. އެކަމާ ގުޅިގެން ފުލުހުން ތަހުގީގު ފަށާފައިވަނިކޮށް ބޭންކުގެ ސީއީއޯގެ މަގާމުގައި ހުންނެވި ކާލް ސްޓުމަކް ވަނީ މި މަހުގެ 9 ގައި އިސްތިއުފާ ދެއްވާފަ އެވެ.

އޭގެ ފަހުން ސަރުކާރުން ވަނީ ބީއެމްއެލްގެ ޗެއާމަންކަމަށް ރައީސްގެ ކެބިނެޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި، އަހުމަދު އަލީ ހަބީބު ހަމަޖައްސާފަ އެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެފައިވާއިރު، ނިމިދިޔަ ޖޫން މަހު ރައީސް މުއިއްޒު ވަނީ ދައުލަތުގެ ހަރަދު ކުޑަކުރެއްވުމަށް ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް އިއުލާން ކުރައްވާފަ އެވެ. ނަމަވެސް ސަރުކާރަށް 10 މަސް ވީއިރު، ފެނިގެންދަނީ ސިޔާސީ މުވައްޒަފުން އިތުރުކުރުމާއި ސަރުކާރުގެ އިސްވެރިން ބޭކާރު ރަސްމީ ދަތުރުތައް ކުރައްވާ މަންޒަރެވެ.

އެޑިޓަރުގެ ނޯޓް: މި ހަބަރުގައި ކުރިން ލިޔެފައިވާ ލޯނުގެ އަދަދު އިސްލާހުކޮށް ބައެއް މައުލޫމާތު ވާނީ އިތުރުކޮށްފައި. އެ މައުލޫމާތު އިތުރުކުރީ ހަބަރު ޝާއިއުކުރި ފަހުން ލިބުނު މައުލޫމާތުތަކަކާ ގުޅިގެން. މި ހަބަރަށް ބީއެމްއެލް އާއި ސަރުކާރުގެ ފަރާތުން އެއްވެސް ކޮމެންޓެއް ނުދިން.