ބިލިއަނުން ދަރަނިވެރިވެފައިވާ ފެނަކަ ކޯޕަރޭޝަނުން މިއަދު ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރުމަށް ނިންމައިފި އެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ފެނަކަގެ ލިޔުމެއްގައި ވާގޮތުން އެ ކުންފުނިން ކުރިއަށްގެންދާ އިން-ހައުސް ޕްރޮޖެކްޓަކުގައި މަސައްކަތްކުރާ މުވައްޒަފުން މިއަދުން ފެށިގެން ވަކިކުރުމަށް ވަނީ ނިންމާފަ އެވެ.

މުވައްޒަފުން ވަކި ކުރަނީ ކޮން ބްރާންޗަކުންކަން އެ ލިއުމުން ސާފެއް ނުވެ އެވެ. ނަމަވެސް އެ ލިއުމުގައި ވާގޮތުން މި ނިންމުން ނިންމާފައިވަނީ މި މަހުގެ ކުރީކޮޅު އެވެ. ނަމަވެސް މުވައްޒަފުންގެ ކަންބޮޑުވުންތައް ހުރުމުން، ކުންފުނީގެ މެނޭޖްމަންޓާއި ބޯޑުން ނިންމުން މުރާޖާ ކުރުމަށްފަހު ނިންމާފައިވަނީ މުވައްޒަފުން ވަކިކުރުމުގެ މުއްދަތު 1 ހަފްތާއަށް އިތުރުކޮށް 26 ސެޕްޓެމްބަރު 2024 (މިއަދު) ވަކި ކުރަންކަމަށް ބުނެފައިވެ އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން "ހުރިހާ" އިން ހުށަހެޅި އާރްޓީއައި އަކަށް މި މަހުގެ 16 ވަނަ ދުވަހު ފެނަކައިން ދީފައިވާ ޖަވާބުގައި ވާގޮތުން ފެނަކައަށް މި ސަރުކާރު އައިފަހުން 1477 މުވައްޒަފުން ނަގާފައިވާއިރު، 2029 މީހަކު ވަކިކޮށްފައިވެ އެވެ.

ހަތަރު ބިލިއަނަށްވުރެ ގިނަ ރުފިޔާއިން ދަރަނިވެރިވެފައިވާ ފެނަކަ ދަރަނިން ސަލާމަތް ކުރުމަށް އެ ކުންފުނި 2 ބިލިއަނުން ދަރާފައިވާ އެސްޓީއޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ދާދިފަހުން ނިންމާފަ އެވެ. އެ ނިންމުމާއެކު އެ ކުންފުނީގެ ޗެއާމަނަކަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވަނީ ހަމަޖައްސާފަ އެވެ.

ދަރަނިން އަރައިގަތުމަށް ފެނަކައިން މަސަކަތްތަކެއް ކުރަމުންދާކަމަށް ފެނަކަގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ފެނަކަ ތެރޭގައި ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުންދާކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.