ޓްރިޕްތީ ޑިމްރީއަކީ ބޮލީވުޑްގައި މިވަގުތު އަރަމުން އަންނަ އަންހެން ތަރިންގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ތަރި އެވެ. އޭނާގެ ފިލްމުތަކަށް އާއްމުންނާއި މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބެ އެވެ.

އެގޮތުން މިދިޔަ އަހަރު އޭނާ ފެނިގެންދިޔަ ފިލްމު "އެނިމަލް"އަކީ އެ ފިލްމެއްގެ ވާހަކަ މީޑިއާގައި ވަރަށް ގަދައަށް ދެކެވުނު ފިލްމެކެވެ. އަނިޔާވެރިކަން ޕްރޮމޯޓްކުރާ ފިލްމެއްގެ ހިއްސާއަކަށް ވީތީ ގިނަ ބަޔަކު ޓްރިޕްތީއަށް ފާޑުވެސް ކިޔެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެ ފާޑުކިޔުންތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު ޓްރިޕްތީ ވަރަށް ފަހުން ވަނީ އެ ވާހަކަތަކަށް ރައްދު ދީފަ އެވެ.

ދާދި ފަހުން ބޭއްވި އިވެންޓެއްގައި އެކަމާ ބެހޭގޮތުން ސުވާލު ކުރެވުމުން ޓްރިޕްތީ ބުނީ އޭނާއަކީ ފަސޭހަ ރޯލުތައް ކުޅެން ބޭނުންވާ މީހެއް ނޫން ކަމަށާއި އަބަދުވެސް ތަފާތު ކަންކަން ތަޖުރިބާ ކުރަން ބޭނުންވާ ކަމަށެވެ.

އެގޮތުން "އެނިމަލް"އަކީ ވެސް އޭނާއަށް ކުރެވުނު ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށާއި އެކަމާމެދު ހިތާމަ ނުކުރާ ކަމަށް ވެސް ޓްރިޕްތީ ބުންޏެވެ.

ޓްރިޕްތީގެ އިތުރުން ރަންބީރު ކަޕޫރާއި ރަޝްމިކާ މަންދަނާ މުހިއްމު ރޯލުތަކުން ފެންނަ "އެނިމަލް"އަށް ބޮކްސްއޮފީހުގައި ބޮޑު ކާމިޔާބެއް ލިބުނު ނަމަވެސް އެ ފިލްމަށް ފާޑުކިޔުންތަކެއް ވެސް އަމާޒުވި އެވެ.

"އެނިމަލް"ގެ އިތުރުން "ލައިލާ މަޖްނޫ" އަދި "ބޭޑް ނިއުސް"ފަދަ ފިލްމުތަކުން ވެސް ފެނިފައިވާ ޓްރިޕްތީ ދެން އެންމެ އަވަހަށް ފެންނާނީ ރާޖްކުމާރް ރާއޯއާއެކު "ވިކީ ވިދްޔާކާ ވޯ ވާލާ ވީޑިއޯ"އިންނެވެ.