އިޒްރޭލުން ފާއިތުވި ހަފްތާއިން ފެށިގެން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 700 މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަހަމްވެފައިވާކަމަށް އެ ގައުމުން ބުނެފި އެވެ.

އިޒްރޭލުން ލުބުނާނުގެ ހަތިޔާރުއެޅި ހިޒުބުﷲ ޖަމާއަތާ ދެކޮޅަށް ދޭންފެށި ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް އެމެރިކާއިން ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އިޒްރޭލުންވަނީ އެމެރިކާގެ ހުށަހެޅުން ބަލައިނުގަންނަ ކަމަށް ބުނެފަ އެވެ.

2023 ވަނަ އަހަރު އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ގައްޒާއަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހިޒުބުﷲ ގެ ހަނގުރާމަވެރިން ދިޔައީ ލުބުނާނުގެ ބޯޑަރު ސަރަހައްދުގައި އިޒްރޭލު ސިފައިންނަށް ހަމަލާ ދެމުންނެވެ. ދެކޮޅުގެ ހަމަލާތައް ބަދަލު ކުރަމުންގޮސް ލުބުނާނަށް އިޒްރޭލުން ހަމަލާދޭން ފަށާފައި މިވަނީ މި މަހު ހިޒުބުﷲ އަށް ނިސްބަތްވާ މީހުން ގެންގުޅޭ ޕޭޖަރު ތަކާއި ވޯކީ ޓޯކީތައް ގޮއްވާލުމަށްފަހު އެވެ.

އިޒްރޭލުން ލުބުނާނަށް ދެމުންގެންދާ ވައިގެ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 92 މީހުން މަރުވެ 153 މީހަކު ވަނީ ޒަހަމްވެފަ އެވެ. މިއާއެކު ހޯމަ ދުވަހުން ފެށިގެން ދެމުންދާ ހަމަލާތަކުގައި 700 އަށް ވުރެ ގިނަ މީހުންވަނީ މަރުވެފަ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުން މި ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ގޮވާލުންތަކަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ދެކޮޅުހަދާ، ބުނެފައިވަނީ އިޒްރޭލުގެ ބޯޑަރު ސަރަހައްދަށް ހިޒުބުﷲ އިން ދެމުންދާ ރޮކްޓް ހަމަލާތައް ހުއްޓާނުލާހާ ހިނދަކު، އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތައް "ފުލް ފޯސް" ގައި ވަރުގަދަ ކުރާނެކަމަށެވެ.

ލުބުނާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެގައުމުގެ 31،000 ވުރެ ގިނަ މީހުން ވަނީ ގައުމު ދޫކޮށް ސީރިއާއަށް ގޮސްފައިކަމަށް އެ ގައުމުން ބުނެ އެވެ. އެގޮތުން ފާއިތުވި ދެ ދުވަސް ތެރޭގައި ލުބުނާނުގައި އުޅޭ ސީރިއާގެ 15،600 މީހުނާއި ލުބުނާނުގެ 16،130 މީހުން ސީރިއާއަށް ގޮސްފައިވާކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ޔުނިޓުން ހާމަކޮށްފައިވެ އެވެ.

ލުބުނާނަށް ހަމަލާ ދެމުން ދާއިރު އިޒްރޭލުންދަނީ ގައްޒާއަށް ވެސް މެދުކެނޑުމެއްނެތި ހަމަލާތައް ދެމުންނެވެ. ގައްޒާގެ ގެދޮރު ގެއްލިފައިވާ ގިނަބަޔަކު ބޯހިޔާވަހިކަން ހޯދަމުން އަންނަ އުތުރު ޖަބާލިއާގެ ހަފްސާ އަލް ފަލޫޖާ ސްކޫލަށް ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހަމަލާދީ 15 މީހުން ވަނީ މަރާލާފަ އެވެ. އެއާއެކު ފާއިތުވި 24 ގަޑިއިރު ތެރޭގައި ގައްޒާގައި މަރުވި އަދަދު 36 އަށް ވަނީ އަރާފަ އެވެ.

އިޒްރޭލުން ގައުމުތައް ސުންނާފަތި ކުރަމުންދާއިރު، އެގައުމުން އިއްޔެ ބުނެފައިވަނީ އެމެރިކާއިން 8.7 ބިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީ ވަރަށް އަވަހަށް ހަމަޖެހޭނެކަމަށެވެ.