ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި ދަރިވަރުންނަށް ޕިއްޒާއާއެކު، ރައީސް މުހައްމަދު މުއިއްޒު އދ. ގައި ދެއްވި ތަގުރީރު އަޑުއެހުމަށް ހާއްސަ ހަފްލާއެއް ބޭއްވުމުން އާންމުގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ސްކްރީން ސޮޓެއްގައިވަނީ އެމްއެންޔޫގެ ޕްރޮފެސަރެއް ކަމަށްވާ ކުރީގެ ސިވިލްސާވިސް ކޮމިޝަންގެ ރައީސްކަން ކުރެއްވި އަލީ ޝަމީމް ދަރިވަރުން ތިބޭ ގުރޫޕެއްގައި ހިއްސާ ކުރެއްވި މެސެޖެކެވެ.

އެ މެސެޖްގައި ބުނެފައިވަނީ އެމްއެންޔޫގައި ޕޮލިޓިކަލް ސައިންސް ކިޔަވާ ދަރިވަރުންނަށް އެރޭގެ 9:15 ގައި ރައީސް މުހައްމަދު މުއިއްޒު އދ ގައި ދެއްވި ތަގުރީރު އަޑުއެހުމާއި އދ ގައި ރާއްޖޭގެ ރޯލާއި ގުޅޭގޮތުން މަޝްވަރާކުރުން އޮންނާނެ ކަމަށެވެ.

މިއާއެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ މި ހާއްސަ ހަފްލާގައި ބައިވެރިވާ ދަރިވަރުންނަށް ޕިއްޒާ ލިބޭނެކަމަށް އެ މެސެޖްގައި ބުނެފައިވުމުންނެވެ. ބައިވެރިންނަށް ހަފްލާގައި ގަޑީއެއްހާއިރު ތެރޭގައި ޕިއްޒާ ލިބޭނެކަމަށާއި، ހަފްތާ ބަންދާ ދިމާކޮށް ބާއްވާ މި ހަފްލާއަށް ހާޒިރުވުމަށާއި ދަރިވަރުންނަށް މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެކަމަށްވެސް މެސެޖްގައި ބުނެފައިވެ އެވެ.

އެމްއެންޔޫގެ ދަރިވަރުންތިބޭ ގްރޫޕެއްގައި ހިއްސާކޮށްފައިވާ މެސެޖް

މީސްމީޑިއާގައި މިކަމަށް ފާޑުކިޔަމުންދާ ގިނަ މީހުން ބުނަމުންދަނީ ރައީސް މުއިއްޒުގެ ތަގުރީރު އަޑުއަހާނެ މީހުން ނުވެގެން އުޅެނީ ކަމަށެވެ.

މިކަމާއި ގުޅިގެން ފާޑުކީ މީހަކު ބުނެފައިވަނީ އެއްވެސް މީހަކު ރައީސްގެ ތަގުރީރު އަޑު ނޭހުމުން ޕިއްޒާ ދީގެންވެސް އަޑުއަހަން ގެންދަނީ ކަމަށެވެ. އެއްވެސް މީހަކަށް މިފަދަ ކަންކަމަށް މަޖުބޫރު ނުކުރުމަށް އޭނާވަނީ ބުނެފަ އެވެ.

ހިޔާލު ފާޅުކުރި އިތުރު މީހަކު ބުނީ ދޮގުން ފުރިފައިވާ އެ ތަގުރީރު އޮލިންޕަހާއި ސްވެކް ސިނަމާގައި އަޅުވަން ފެންނަކަމަށެވެ.

ސިޔާސީ ކަންކަމުގައި ވަކި ކޮޅެއް ނުނަގާ މިނިވަންކަމާއެކު އަބަދުވެސް ދަރިވަރުންނަށް އުނގަންނާދެމުން އައި ގައުމީ ޔުނިވާސިޓީއިން ވަނީ މިފަހަރު ރައީސް މުއިއްޒު އދ ގައި ދެއްވި ތަގުރީރުގެ ހާއްސަ ކަވަރޭޖްގައި ދަރިވަރުން ބައިވެރިކޮށް ވަރަށް ބޮޑަށް ސިޔާސީ ކަންކަމުގައި ބައިވެރިވާތަން ދައްކާފަ އެވެ.

https://www.facebook.com/reel/363938050018884

ޕޮލިޓިކަލް ސައިންސް ކިޔަވާ ދަރިވަރުން މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެކަންކަމުގައި އެމްއެންޔޫގެ ނަން ހިމެނުމަކީ ގައުމީ ޔުނިވާސިޓީން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުންކަމަށް ބުނުމުގެ ފުރުސަތު އޮތްކަމެވެ.