ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަލަށް ހަދާ ޓާމިނަލް މިއަހަރުގެ ޑިސެމްބަރު މަހު ބޭނުންކުރަން ފެށިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި މިނިސްޓަރު ފައިސަލް ވިދާޅުވީ ފަތުރުވެރިކަމަށް އެންމެ ބޮޑަށް ބޭނުންވަނީ ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލް އޮޕަރޭޝަނަށް އައުންކަމަށެވެ. އަދި މިހާރު މަސައްކަތްތައް ކުރިއަށްދާގޮތަށް ބަލާއިރު، ޑިސެމްބަރުމަހުގެ ތެރޭގައި އައު ޓާމިނަލް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ފައިސަލު ވިދާޅުވި އެވެ. "އުއްމީދުކުރަނީ ޑިސެމްބަރުމަހުތެރޭގައި އައު ޓާމިނަލް ހުޅުވާލެވޭނެ ކަމަށް، އަދި މުޅި އެއާޕޯޓު ފުލީ ފަންކްޝަން ކުރަން ފެށެން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ ނޫނީ ދެވަނަ ކުއާޓަރުގައި ފެށިގެންދާނެ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލު ވިދާޅުވީ ޓާމިނަލް ހުޅުވުމާ އެކު އާ އެއާލައިންތައް ރާއްޖެ ގެނައުމަށްޓަކައި ސަރުކާރުން އިސް ނަގައިގެން މާކެޓިން ހަރަކާތްތަކެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ. މިމަސައްކަތްތަކުގައި ފަތުރުވެރިކަމުގައި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން މަސައްކަތްކެއް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ފައިސަލު އިތުރަށް ވިދާޅުވީ މިހާރު ފަތުރުވެރިކަމުން ދައުލަތަށް ލިބެނީ 4.5 ބިލިޔަން ޑޮލަރު ކަމަށެވެ. އަދި އަމާޒަކީ 2027 ވަނަ އަހަރު އަންނަންވާއިރަށް މި އަދަދު 6 ބިލިޔަން ޑޮލަރަށް އިތުރުކުރުންކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދޭގޮތަށް 78،000 އަކަ މީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގައި ހަދާ މި ޓާމިނަލްގައި ރާއްޖޭގައި އަލަށް އެރޯ ބޯޑިން ބްރިޖާއި އެންމެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ހިމެނެ އެވެ. އާ ޓާމިނަލް އިމާރާތުގެ ސަބަބުން، މިހާރު ހުރި ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، އެފްއެންޑްބީ އައުޓްލެޓްތަކާއި އިތުރު ފިހާރަތަކާއި ލައުންޖްތަކާއި އެހެނިހެން ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ލިބެން ހުންނާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.