ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމަށް އަހަރެއްވާން ކައިރިވެފައިވާއިރު އަދިވެސް ކިޔަނީ ކުރީގެ ސަރުކާރު، ކުރީގެ ސަރުކާރު ކަމަށް ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އައްބާސް ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމަށް އަހަރެއްވަމުންދާއިރު، ކުރީގެ ސަރުކާރު، ވައްކަން ކުރީ، ވައްކަން ކުރީ އޭ އަބަދު ކިޔާނެ ގޮތެއް ނުވިސްނުނުކަމަށެވެ.

"ރައްޔިތުން މިއަދު މިވާހަކަތައް ގަބޫލުނުކުރާ މިންވަރަށް ކަންކަން ހިނގަމުންދަނީ. އެބުނާ ވައްކަމެއް ކުރި މީހަކު ހޯދުނީކީ ނޫން، ތަހުގީގެއް ކުރީކީ ނޫން" އޭނާގެ ޕޯސްޓްގައި ވިދާޅުވި އެވެ.

އެމްޑީއޭގެ މެންބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވިވަޑައިގަތުމަށްފަހު، ވަރަށް ބޮޑަށް ސަރުކާރަށް ތާއިދު ކުރައްވާ، ސަރުކާރުގެ ދިފާއުގައި މަޖިލިސް ތަޅުމުގައި ވާހަކަ ދެއްކެވި އައްބާސް ސަރުކާރާމެދު ހިތްހަމަ ނުޖެހިފައިވާކަން އޭނާގެ ޕޯސްޓުން ދޭހަވެ އެވެ.

އެނގިފައިވާ ގޮތުގައި ދާދިފަހުން ސަރުކާރުން ވަނީ ސިޔާސީ މަގާމުތަކުގައި ތިބި އެމްޑީއޭއަށް ނިސްބަތްވާ ބަޔަކު މަގާމުން ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި މެންބަރު އައްބާސްގެ ދަރިފުޅުވެސް ހިމެނޭކަމަށްވެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާ ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ނިމިފައިވާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުގައި ކޮންމެ ޖަލްސާއެއްގައިވެސް ކުރީގެ ސަރުކާރަށް އެއްޗެހި ކިޔުމާއި ރައީސް މުއިއްޒުއަށް ސަނާ ކިޔުމަކީ ޕީއެންސީ ކޮންމެ މެންބަރަކުވެސް ކުރައްވާ ކަމެކެވެ.

ދައުލަތުގެ ހަރަދުކުޑަކުރެއްވުމުގެ ގޮތުން ފިޔަވަޅު އަޅުއްވާނެކަމަށް ރައީސް މުއިއްޒުވަނީ ޖޫން މަހު އިއުލާން ކުރައްވާފަ އެވެ. ނަމަވެސް އޭގެ ފަހުންވެސް އެތައްބަޔަކަށް ސިޔާސީ މަގާމު ދީފައިވެ އެވެ. ބައެއް މީހުނަށް ސިޔާސީ މަގާމު ދިންނަމަވެސް، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ އާދައިގެ މުވައްޒަފުން ވަކި ކުރަމުންދާކަމަށްވެ އެވެ. އޭގެ ތެރޭގައި ރަށްރަށުގެ ބްރާންޗް ތަކުގައި ތިބި ފެނަކަ އަދި އާރްޑީސީ މުވައްޒަފުންވެސް ހިމެނެ އެވެ.