އިރާނާ ގުޅިފައިވާ ޔަމަނުގެ ހޫތީން ބެލިސްޓިކް މިސައިލަކާއި ޑްރޯން ހަމަލާއެއް އިޒްރޭލުގެ ތެލްއަވީވް އަދި އަޝްކެލޯން ސިޓީއަށް ދީފި އެވެ.

ހުކުރު ދުވަހު މި ހަމަލާ ދީފައިވަނީ ގައްޒާ އާއި ލުބުނާނަށް އިޒްރޭލުންދޭ ހަމަލާތަކާ ގުޅިގެންކަމަށް ހޫތީން ބުނެ އެވެ. ހޫތީގެ ތަރުޖަމާނު ބުނީ އިޒްރޭލުން ގައްޒާއާ ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު ހޫތީންގެ މި އޮޕަރޭޝަން ކުރިއަށް އޮތް ދުވަސްތަކުގައި ހުއްޓާނުލާނެކަމަށެވެ.

އިޒްރޭލުގެ ސިފައިން ވަނީ ޔަމަނުން މިސައިލް ހަމަލާއެއް އެގައުމަށް އައިކަމަށް ބުނެފަ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ލުބުނާނުން މިހާތަނަށް 700 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. ފާއިތުވި 24 ގަޑިއިރުގައި އިޒްރޭލާއި ހިޒުބުﷲ އިން ބަދަލުކުރަމުންދާ ހަމަލާތައް ވަނީ ވަރުގަދަކޮށްފަ އެވެ. އިޒްރޭލުންދަނީ ހުއްޓުމެއް ނެތި ލުބުނާނަށް ބޮން އަޅަމުންނެވެ.

ހުކުރު ދުވަހު އިޒްރޭލުން ލުބުނާނުގެ ބައިރޫތުގައި ހުންނަ މީހުން ދިރިއުޅޭ އެޕާޓްމެންޓްތަކަކަށް ވަނީ ހަމަލާ ދީފަ އެވެ. އެ ހަމަލާގައި ކުޑަކުދިންނަށްވެސް އަނިޔާވެފައިވެ އެވެ. އިޒްރޭލުން ބުނީ މި ހަމަލާގައި ހިޒުބުﷲ ގެ ހަތަރު ކޮމާންޑަރުން މަރާލާފައިވާ ކަމަށެވެ.