ދާ އަޅައިގެން ބޭރުގެ ބޯޓުތައް ރާއްޖޭގައި މަސްވެރިކަން ކުރާތީ އެކަން ހުއްޓުވަން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ހުށައެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައި ނުގަނެ ބޭރު ކޮށްލައިފި އެވެ.

މި މައްސަލައަށް ބަހުސް ކުރުމަށް ވޯޓަށް އެހުމުން 26 ވޯޓު ލިބުނީ ނުފެންނަ ކަމަށެވެ. ފެންނަ ކަމަށް ލިބުނީ 10ވޯޓެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ތާރިގު ވިދާޅުވީ ދާ އަޅައިގެން މަސްވެރިކަން ކުރާ ބޯޓުތައް މި ދުވަސްވަރު އިންތިހާއަށް އިތުރުވެފައި، މަސްވެރިކަމަށް އިންތިހާއަށް އަސަރުކުރުމުންދާ ކަމަށް މަސްވެރިން ރިޕޯޓްކުރަމުންދާ ކަމަށެވެ. އެހެންކަމުން އެކަމަށް އިތުރަށް ސަމާލުވެ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު އިތުރަށް ބެލެހެއްޓުމަށް މެމްބަރު ވަނީ ގޮވާލައްވައިފަ އެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަންނެލި މަސްވެރިކަން ކުރާ ދެ ދޯންޏަކުން ރިޕޯޓްކޮށް އަދި ދިވެހި ސިފައިން އަންނަންދެން އެބޯޓަށް ފާރަވެރިވެ، އެންމެ ފަހުން ދިވެހިރާއްޖޭގެ ކޯސްޓްގާޑުން ހިފަހައްޓާފައިވާ ދިވެހިރާއްޖޭގެ ސަރަހައްދުގައި ދާއެޅުމުގެ މަސްވެރިކަން ކުރަމުންދިޔަ ބޯޓެއް، އެއްވެސް ފިޔަވަޅެއް އެޅުމެއްނެތި ދޫކޮށްލުމަށް ސަރުކާރު ނިންމާފައިވާ ކަމަށް މައުލޫމާތު ލިބޭތީ އާއި އަދި އޭގައި ތިބި މީހުންނަށް ދައުވާ ނުކުރުމަށް ޕީޖީ ނިންމާފައިވާ ކަމަށް މީޑިޔާގައި ރިޕޯޓް ކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ތާރިގު ފާޅުކުރެއްވި އެވެ.

"ދިވެހި މަސްވެރިން އެތައް ވަގުތަކާއި، މަސައްކަތުން މިފަދަ ބޯޓުފަހަރު ހިފާ ރިޕޯޓްކުރަމުންދާއިރު، ރާއްޖޭގެ ސަރަހައްދުން އަތުލައިގަންނަ ދާއަޅާ މަސްބޯޓްތަކަށް އެއްވެސް ފިޔަވަޅެއް ނާޅާ، ދޫކޮށްލުމަކީ އެފަދަ މީހުންނަށް ލިބޭ އިތުރު ފުރުސަތެއް. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ނުހަނު ގެއްލުން ލިބޭ. މިފަދަ ބޯޓުތަކަށް ފިޔަވަޅު ނޭޅުމަކީ މަސްވެރިކަމާމެދު ސަރުކާރުން އިހުމާލުވުން،" ތާރިގު ވިދާޅުވިއެވެ.

މިމައްސަލަ މަޖިލީހުން ބޭރުކޮށްލުމުން ބޮޑު ކަންނެލި އެސޯސިއޭޝަނުންވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ޖަމްއިއްޔާއިން ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ދާއަޅާ ބޯޓުފަހަރު ގިނަވަމުންދާތީ މެމްބަރު ތާރިގު މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަކީ ވަރަށް ހިތާމަ ކުރާ ކަމެއްކަމަށެވެ. އަދި އެ މައްސަލައަކީ ހަގީގަތުގައިވެސް މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.