މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޮތް އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެކަޑަމީ އެވޯޑްސް (އައިފާ އެވޯޑްސް) ހަފްލާގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އެ ޝޯގައި ފެނިގެންދިޔަ ހުށައެޅުންތަކެވެ.
އެ ހުށައެޅުންތަކުގެ ތެރެއިން ވެސް ބޮލީވުޑްގެ ވެޓެރަން އެކްޓަރު ރޭކާ ހުށައަޅައިދިން ހުށައެޅުމަކީ ގިނަ ބަޔަކު ހައިރާން ކޮށްލި ހުށައެޅުމެކެވެ.
އުމުރުން 69 އަހަރުގެ ރޭކާ ވަނީ އެ އައިފާ އެވޯޑްސްގައި ދެ ލަވައަކަށް ނެށުމެއް ހުށައަޅައިދީފަ އެވެ. 20 މިނެޓަށް ދެމިގެންދިޔަ އެ ހުށައެޅުމުގައި އޭނާގެ އިތުރުން ވިއްސަކަށް ނެށުންތެރިން ބައިވެރިވި އެވެ.
އެހާ ދޮށީ އުމުރެއްގައި އެއްވެސް އުނދަގުލެއް ނެތި ދިގު ހުށައަޅައިދިނުމެއް ހުށައެޅީތީ ރޭކާއަށް ގިނަ ބަޔަކު ތައުރީފު ކުރަމުން އަންނައިރު މިކަމުން ވެސް އެނގިގެންދަނީ އުމުރަކީ ހަމައެކަނި ނަމްބަރެއް ކަމަށް އެމީހުން ބުނެ އެވެ.
ރޭކާގެ ހުށައެޅުމުގެ ވީޑިއޯއެއް އައިފާގެ ޓީމުން އެ އެވޯޑްސްގެ ރަސްމީ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވާއިރު އެ ވީޑިއޯ މިހާރު އަންނަނީ އިންޓަނެޓުގައި ހަލުވިކަމާއެކު ދައުރުވަމުންނެވެ.
އައިފާ އެވޯޑްސްގެ މައި އިވެންޓު ހޮނިހިރު ދުވަހުގެ ރޭ އަބޫދާބީގައި އޮތްއިރު އެ ހަފްލާއިން ބޮލީވުޑްގެ ނަން މަޝްހޫރު ގިނަ މޫނުތަކެއް ފެނިފައިވެ އެވެ.