އެކުވެރި ދައުލަތްތައް ނުވަތަ ޔުނައިޓެޑް ނޭޝަންސް އަކީ ދެވަނަ ބޮޑު ހަގުރާމައިގެ އަޅިން އުފެދުނު ޖަމިއްޔާއެކެވެ. ބޭނުމަކީ ދުނިޔޭގެ ސުލްހައަށް މަސައްކަތްކޮށް، އެފަދަ އެހެން ހަނގުރާމައެއް އުފެދުނަ ނުދިނުމެވެ. މިތާނގައި މިބަލާލަނީ އދ. އުފެދިގެން މިއަދާ ހަމައަށް ކުރި ދަތުރާއި މުސްތަގުބަލަށް ހުރި ގޮން ޖެހުންތަކަށެވެ.

ސެންފްރެންސިސްކޯ ކޮންފަރެންސް (1945)

1945 ވަނަ އަހަރުގެ އޭޕްރީލް މަހު، ދުނިޔޭގެ 50 ގައުމެއްގެ މަންދޫބުން ހިމެނޭ ކޮންފަރެންސެއް އެމެރިކާގެ ސެންފްރޭންސިސްކޯގައި ބޭއްވި އެވެ. ބޭނުމަކީ ގައުމުތަކުގެ މެދުގައި އެއްބަސްވެވޭ އެއްބަސްވުމެއް (ޔޫއެން ޗާޓާ) ޑްރާފްޓްކުރުމެވެ. އެ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދުނިޔޭގައި އިތުރު ބޮޑު ހަނގުރާމައެއް ފެށުނަ ނުދިނުމެވެ. އެމަގުސަދު ހާސިލުކުރުމަށްޓަކައި އިންސާނީ ހައްގުތަކާއި ދުނިޔޭގެ ސުލްހައަށް މަސައްކަތް ކުރުމަށްޓަކައި ގައުމުތަކުގެ އެއްބާރުލުމާއި ގުޅުން ބަދަހިކުރުމަކީ ޗާޓަރުގެ ތެރެއިން ހާސިލުކުރަން ބޭނުންވި ލަނޑުދަނޑިތަކެވެ. މި މާތް މަގުސަދުގައި 50 ގައުމުން އެކުލަވައިލި ޗާޓަރު ރަސްމީކޮށް ބަލައިގަތީ 1945 ވަނަ އަހަރު ޖޫން މަހުގެ 25 ވަނަ ދުވަހު އެވެ. އދ ވުޖޫދުވީ އޭގެ ހަތަރު މަސް ފަހުން، އެ އަހަރުގެ އޮކްޓޯބަރު 24 ގަ އެވެ.

ލީގް އޮފް ނޭޝަންސް އުވާލުން

ލީގް އޮފް ނޭޝަންސް އަކީ އދ. ވުޖޫދުވުމުގެ ކުރިން އުފެއްދައިފައި އޮތް އެބާވަތުގެ ޖަމިއްޔާއެކެވެ. އެހެންނަމަވެސް ދެވަނަ ބޮޑު ހަނގުރާމަ ފެށި، ދުނިޔެއަށް ކުރިމަތިވި ބޮޑު ގެއްލުމާއެކު އެ ޖަމިއްޔާ ބެލެވުނީ ސުލްހަ މަސްލަހަތު ދެމެހެއްޓުމަށް ނުކުޅެދިފައި އޮތް ހަރަކާތްތެރިކަން ކުޑަ ޖަމިއްޔާއެއްގެ ގޮތުގަ އެވެ. އެހެންކަމުން އދ. އުފެއްދީ އެޖަމިއްޔާގެ ބަދަލުގައި ހަރަކާތްތެރިވުމަށެވެ. އަމާޒަކަށްވެފައި އޮތީ ހަނގުރާމައަކަށް މަގުފަހިވެދާނެ ކަންތައް އުފެދި، ކުރިޔަށްދިޔަ ނުދިނުމަށްޓަކައި ދުރާލައި ހަރަކާތްތެރިވުމެވެ. ދުނިޔޭގެ ސުލްހައަށް މަގުފަހި ކުރުމަށްޓަކައި ގައުމުތަކުގެ މެދުގައި އެއްބާރުލުމާއި އެހީތެރިކަން ބިނާކުރުމެވެ.

އދ. އަށް ކުރިމަތިވެފައިވާ ގޮން ޖެހުންތައް

ފާއިތުވެ ދިޔަ ދުވަސްތަކުގައި އދ. އަށް ވަނީ ތަފާތު ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފަ އެވެ. ދުނިޔޭގައި އުފެދެމުންދާ ގިނަ މައްސަލަތަކެއް ހައްލުކުރުމުގައި އެ ޖަމިއްޔާއިން ކުރިމަތިވާ ގޮންޖެހުންތަކުގައި ދިމާވާ އަޑިގުޑަންތަކުން އަރައިގަންނަން ކޮށްފައިވާ މަސައްކަތަކީ އެންމެންގެ ތަރުހީބު ލިބިފައިވާ ކަމެއް ކަމަށް ނުވެ އެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުތުރަސް، 2022 ވަނަ އަހަރު ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް 19 އާއި ޔުކްރޭން މައްސަލައާއި ތިމާވެށީގެ މައްސަލަތަކުގެ އިތުރުން ދޭދޭ ގައުމުތަކުގެ މެދުގައި އުފެދެމުންދާ މައްސަލަތަކާ ހުރެ އދ. އަށް އަންނަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވަމުންނެވެ.

އދ. އަށް ކުރިމަތިވެފައިވާ ތަފާތު ގިނަ ގޮންޖެހުންތަކުގެ ތެރެއިން ވެސް އެންމެ ބޮޑު އެންމެ މުހިންމު ކަމެއްކަމުގައި ފާހަގަކުރެވިފައި ވަނީ ދުނިޔޭގެ ސުލަހަ ބެލެހެއްޓުމުގެ މައްސަލަ އެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު މުޅި ދުނިޔެއަށް ފެތުރިގެންދިޔަ ހަނގުރާމައެއް ނުހިނގި ކަމުގައި ވިޔަސް އެ ހަނގުރާމައިގައި މަރުވި އަދަދަށް ވުރެ ގިނައިން މީހުން މަރުވެ ދިޔަ ގެއްލުން ބޮޑު އެތައް ހަނގުރާމައެއް ވަނީ ހިނގާފަ އެވެ. މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކަށް ހައްލެއް ހޯދުމަށް އދ. ނުކުޅެދިފައިވާ އިރު ޔޫރަޕާއި އެނޫންވެސް ސަރަހައްދުތަކުގައި މިހާރު ހިނގަމުންދާ ހަނގުރާނަތައް މުޅި ދުނިޔެއަށް ފެތުރި ދާނެކަމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ.

ކުރިމަގަށް ކުރެވޭ އުންމީދު

އދ. އުފެދުނު ފަހުން މިހާތަނަށް އެ ޖަމިއްޔާއަށް ވަރަށް ގިނަ ލަނޑު ދަނޑިތަކެއް ހާސިލުވެކުރި އެރުންތަކެއް ހޯދުނުކަމުގައި ވިޔަސް އެ ޖަމިއްޔާ އުފެއްދި މައިގަނޑު މަގުސަދުކަމުގައިވާ ދުނިޔޭގެ ސުލްހައާއި ހަނގުރާމަތައް ނުހިނގާނެ ގޮތަށް ކަންތައް ކުރުމުގެ މަގުސަދު ވަނީ ހާސިލުނުކުރެވި އެވެ. ނުވަތަ އެކަން އަންނަނީ އިންތިހާއަށް އުނދަގޫވަމުންނެވެ.

އދ. ގެ އޮނިގަނޑު ބެހިފައި ވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ ސަލާމަތީ މަޖިލީހާއި އާންމު މަޖިލީހެވެ. ސަލާމަތީ މަޖިލީހަކީ ދުނިޔޭގެ ސުލްހަ ބެލެހެއްޓުމުގެ ޒިންމާ މަތިވެފައި އޮންނަ އިދާރާ ކަމުގައިވާއިރު، އެ ޖަމާއަތުގައި ތިބެނީ ދާއިމީ ފަސް މެންބަރުންނެވެ. އެފަސް މެންބަރު ގައުމުގެ އިތުރުން ދެއަހަރުން ދައުރުވާ ގޮތަށް އިތުރު 10 މެންބަރުން އެ އިދާރާގައި ތިބެ އެވެ. އެހެން ނަމަވެސް އ.ދ. ގެ ނިންމުންތައް ވީޓޯކުރުމުގެ ބާރަކީ އެޖަމިއްޔާގެ ދާއިމީ ފަސް މެންބަރުންނަށް އެކަނި ލިބިފައިވާ ބާރެކެވެ. ނަތީޖާ އެއްގެގޮތުން އެ ޖަމިއްޔާއިން ނިންމާ މުހިންމު ކަންތައްތަކަކީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންގެ ރުހުމާއި އެއްބާރުލުމާ އެއްކޮޅަށް ނިމޭ ކަންތައްކަމުގައި އޮންނަނީ ވެފަ އެވެ. އެހެން ކަމުން އެއީ ޒަމާނަށް ފެތޭކަމެއް ކަމުގައި ނުވާކަމުގެ ޝަކުވާ ވަރަށް ބޮޑެވެ. ގިނަ ބަޔަކު ދެކޭގޮތުގައި މިހާރު ހަމަޖެހިފައި އޮތް ވީޓޯކުރުމުގެ އުސޫލަކީ ޑިމޮކްރަސީގެ ހަމަތަކާ ބީރަށްޓެހިކަމެކެވެ. ހަމަ އެފަދައިން އެ ޖަމާއަތް އުފެދުނު އިރާ، މިހާރު ދުނިޔޭގެ ބާރު ބެހިފައިވާގޮތާ އަޅާބަލާއިރު ސަލާމަތީ މަޖިލިސް އެކުލެވިފައިވާ ގޮތް ބަދަލުކުރަން ޖެހޭކަމުގައި ގިނަ ގައުމުތަކަކުން ދެކެ އެވެ.

އދ. ގެ ކުރިމަގު

މޫސުމަށް އަންނަ ބަދަލާއި ސިއްހީ ޗެލެންޖެތަކުގެ ސަބަބުން އެ ޖަމިއްޔާއަށް އަންނަމުން ދާ ޕްރެޝާ އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ ބޮޑުވަމުންނެވެ. މިހުރިހާ ކަމަކަށް ވުރެ ވެސް ބޮޑަށް ދުނިޔޭގެ ސުލްހަ ބެލެހެއްޓުމުގެ މަސައްކަތް އެޖަމިއްޔާއަށް ނުއުފުލޭ ފަދަ ބުރަޔަކަށް ވެދާނެކަމުގެ ބިރު އޮތީ ވަރަށް ބޮޑުވެފަ އެވެ. ޔުކްރޭންގެ މައްސަލައަށް ހައްލެއް ހޯދަން އެޖަމިއްޔާއަކަށް ނޭނގެ އެވެ. އިޒްރޭލުގެ މައްސަލައަކީ ނިމުމެއް ނެތް މައްސަލައެކެވެ. އޭގެ އިތުރުން އެފްރިކާ އާއި އޭޝިޔާގައި ވެސް ހުޅުރޯވެގެން އަނދަން ތައްޔާރުވެފައި ހުރި އެތައް މައްސަލެއެއް ވަނީ ފުނިޖެހިފަ އެވެ.

މި ހުރިހާ މައްސަލަތަކާއެކު އ.ދ. ގެ މުސްތަގުބަލް އޮތީ އެހާ އުޖާލާކޮށް ކަމުގައެއް ނުބެލެވެ އެވެ. އެ ޖަމިއްޔާއަށް ގެންނަން ޖެހޭ ރިފޯމްތައް އަވަސް ގޮތަކަށް ގެނެވިގެން ނޫނީ މުސްތަގުބަލް އުޖާލާނުވާނެ ކަމުގައި ދެކޭ މީހުން ގިނަ އެވެ. އެވާހަކަ އެޖަމިއްޔާޣެ ތެރޭގައި ވެސް އަންނަނީ ދެކެވެމުންނެވެ. އެކަމަކު ވެސް ކުރިޔަށް ދަނީ ވަރަށް ލަސް ދުވެއްޔެއްގަ އެވެ.