ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުކޫލާ ބެހޭ ކޮމިޓީއަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ހާޒިރުކުރަން މިއަދު އެ ކޮމިޓީން ނިންމުމުން އެއީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ވިދާޅުވެއްޖެ އެވެ.
މަލީހު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމީ އޭނާގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު ނެގި ދުވަހު މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުމަށް ދެއްވި ފުރުސަތުގައި މަޖިލިހުގެ ބައެއް މެންބަރުން ސަރުކާރުގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. އަދި މަޖިލީހުގެ ތެރެއިން ވަޒީރުންނަށް ބިރުދައްކާ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.
މިނިސްޓަރު މަލީހުގެ އެ ތުހުމަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ މަޖިލީހުގައި މަލީހު ދެއްކެވި ވާހަކަފުޅުގައި އިތުރުފުޅެއް ހައްދަވާފައިވޭތޯ ބައްލަވަން އިމްތިޔާޒު ކޮމިޓީއަށް ފޮނުއްވާނެ ކަމަށެވެ. އަދި އިތުރުފުޅެއް ހައްދަވާފައިވާ ނަމަ ދައުވާކުރުމަށް ޕީޖީ އޮފީހަށް ވެސް ފޮނުއްވާނެ ކަމަށް ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ނަޝީދު ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ ހ.ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މަޖިލިހުގެ މެންބަރެއް ނުވަތަ އެ ނޫންވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތިން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދައުވާކޮށް ހަދައިގެން ނުވާނެ ކަމަށެވެ.
މިނިސްޓަރުކަމުން ވަކިކުރެއްވުމުގެ ކުރިން ވެސް މަލީހު ވަނީ އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ވެސް އެކަމާ ހިތްހަމަނުޖެހިގެން އެމްޑީޕީގެ މެމްބަރުންނަށް ފާޑުވިދާޅުވުމުންނެވެ.
މަޖިލީހުގެ ރިޔާސަތަށް އަރާ އިންނަ ކެނެރީގެ ނަޝީދަށް ހީވަނީ އެތަނަކީ އެއީ އެމްޑީޕީގެ ހަރުގެއެއް ކަމަށް. މިކަލޭގެ އަށް ވެސް ގާނޫނު އަރާ ހަމަކުރާނެ ދުވަސް އަދި އަންނާނެ. މަލީހު އެއްގޮތަކަށް ވެސް ހާސްވާނެ ކަމެއް ނެތް. މިއީ ކުޑަ ދުވަސްކޮޅެއްގެ ކަމެއް. ނަޝީދަކަށް އަބަދު އެހެން ފުއްޕާފައެއް ނޫޅެވޭނެ. އޭނާ އަދިވެސް ގޮޅިއަށް ލާނެ ދުވަސް އަންނާނެ.