އިނގިރޭސި ޕްރިިމިއާ ލީގުގައި ރޭ އެވަޓަން އަތުން 2-0 އިން ޗެލްސީ މޮޅުވިއިރު، މެޗަށް ފަހު ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލްގެ ތައުރީފް ލިބުނު އެއް ކުޅުންތެރިއަކީ ޖަރުމަންގެ މިޑްފީލްޑަރު ކައި ހަވާޓްޒް އެވެ.

މެޗުގެ 31 ވަނަ މިނިޓުގައި ޗެލްސީން ލީޑު ނެގީ ކައި ޖައްސާލި ބޯޅައެއް އެވަޓަންގެ ބެން ގޮޑްރޭ އަތުން ބައިކޮޅަށް ވަނުމުންނެވެ. މެޗުގެ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޗެލްސީގެ ލީޑު ފުޅާކޮށްދިނީ މިޑްފީލްޑަރ ޖޯޖީނިއޯ އެވެ. މިއީ ކައި އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

މިއީ ޖެނުއަރީ 27ގެ ފަހުން ޗެލްސީގެ ފުރަތަމަަ 11ގައި ކައި ކުޅުނު ފުރަތަމަ މެޗެވެ. ބަޔާ ލޭވަކޫސަން އިން 71 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި ޗެލްސީ އަށް މި ސީޒަންގައި ބަދަލުވި ކައި އަދި ފޯމަކަށް ނޭޅެ އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ޓުޗެލް ބުނީ ކައިއާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"ކައިއާމެދު ވަރަށް ހިތްހަމަޖެހޭ. އަހަރަމެން އޭނާ އަށް ކުރި އިތުބާރުގެ ނަތީޖާ ފެނިއްޖެ. ކައި އަކީ އެޓޭކްގައި މުހިންމު ރޯލެއް އަދާކުރެވޭނެ ކުޅުންތެރިއެއް. މިއަދު އެކަން ފެނިގެންދިޔަ،" ޓުޗެލް ބުންޏެވެ. "ކައިގެ ފެންވަރާމެދު ޝައްކެއް ނުކުރަން."

ޗެލްސީ ތާވަލްގެ ހަތަރު ވަނައިގައި އޮތީ 50 ޕޮއިންޓާއެކު އެވެ. މި މެޗުން ބަލިވުމުން، އެވަޓަން ވަނީ ތާވަލްގެ ހަ ވަނަ އަށް ވެއްޓިފަ އެވެ. – ބީބީސީ