އއ. އަތޮޅާއި އދ. އަތޮޅުގައި ޕީއެސްއައިޕީގެ ގޮތުގައި 151 މިލިޔަން ރުފިޔާގެ މަސައްކަތް މިހާރު ކޮށްފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ކުރިޔަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިން ހަރަކާތުގައި އއ. އަދި އދ. އަތޮޅުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ މުޅި އަތޮޅުގައި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން އެ ދެއަތޮޅުގެ ހުރިހާ ރަށެއްގެ ތަރައްގީއަށް ޕްލޭންކުރި 62 މަޝްރޫއުގެ ތެރެއިން ހަ މަޝްރޫއެއް ފިޔަވައި އެހެން މަޝްރޫއުތައް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ހިނގަމުންދާ މަޝްރޫޢޫތައް އެބައުޅޭ، ޓެންޑަރިންގައި ވެސް ބައެއް ޕްރޮޖެކްޓްތައް އެބަހުރި. ނިމިފައިވެސް އެބަހުރި. އަދި ކޮންޓްރެކްޓްކުރެވިފައި ވެސް ބައެއް މަޝްރޫއުތައް އެބަހުރި. އެހެންވީމަ އަތޮޅުގައި ނިންމަންހުރި 62 ޕްރޮޖެކްޓުގެ ތެރެއިން ބޮޑު ބައެއް މިހާރު މިވަނީ އެކި ސްޓޭޖްގައި މަސައްކަތް ފެށިފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ ދެއަތޮޅުން 25 މީހަކަށް 36 މިލިއަން ރުފިޔާ އެސްއެމްއީ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އެ އަތޮޅުގެ 200 ދަރިވަރުންނަށް ހިލޭ ފަސްޓް ޑިގްރީއަށް ކިޔަވަން ފަށާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ އަތޮޅަށް ބޭނުންވާ އުމްރާނީ ތަރައްގީއާއި ކުޅިވަރުގެ ދާއިރާގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށްދާއިރު، އަދިވެސް ހިންގަންޖެހޭ މަޝްރޫއުތަކެއް ހުރިކަން ވަޒީރުން ވެސް ފާހަގަކުރެއްވި އެވެ.