އިންޑިއާ އަކީ ދެގޮތެއް ނުވެ ރާއްޖޭގެ އެކުވެރިއެއްގެ ގޮތުގައި އޮންނަ ގައުމެއްކަން އެ ގައުމުން ސާބިތުކޮށްދެމުންދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި އެ ކަމަނާ ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެ ވަޑައިގެން ރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރާއްޖެ އާއި އިންޑިއާއާއެކު އޮންނަ ގުޅުމަކީ އެތައް ގަރުނެއް ކުރީން އުފެދިފައިވާ ގުޅުމެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެކި ބޭނުންތަކަށް އިންޑިއާ އަށް ދިވެހިން ކޮންމެ އަހަރަކު ދަތުރުކުރާއިރު އެ ގައުމަކީ ދިވެހިންގެ ތެރެއިން އެތައް ބަޔަކަށް ދެވަނަ ގެޔެއްފަދަ ގައުމެއް ކަމަށެވެ.
ރައީސް ވަނީ އިންޑިއާ އިން ރާއްޖެ އަށް ދޭ އަހަންމިއްޔަތުކަން ފާހަގަކޮށް ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާ ކަމަށެވެ.
"އަންނަ އަހަރަކީ މި ދެގައުމުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ އަހަރު. މި މުނާސަބާއާއެކު ދެ ގައުމުގެ ގުޅުން މިހާރަށްވުރެ ބަދަހިވެ ވަރުގަދަވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގައި އިންޑިއާ އަކީ މުހިއްމު މާކެޓެއްކަން ފާހަގަ ކުރައްވާ އިންޑިއާ ރައްޔިތުން ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އައުމަށް ދައުވަތު ދެއްވި އެވެ.
"އިންޑިއާ އައުޓް" ކެމްޕޭނާއެކު ވެރިކަމަށް އައުމަށްފަހު، ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ސަރުކާރުގެ ކުރީކޮޅު ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. އެދުވަސްވަރު ރައީސް މުއިއްޒު ވެސް ވަނީ އިންޑިއާއަށް ނުސީދާކޮށް ފާޑުކިއުންތަކެއް ރައްދުކުރައްވާފަ އެވެ. އެގޮތުން ރާއްޖެއަށް "ބުލީ" ނުކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް މިހާރު ދެ ގައުމުގެ ގުޅުން ރަނގަޅުކުރުމަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
 އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
			އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
		 އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ
			އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ
		 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
			އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					