ރައީސް މުހައްމަދު މުއިއްޒުގެ އިންޑިއާ ދަތުރުފުޅުގެ އެންމެ ބޮޑު އެއް ސުރުޚީއަކީ އެތެރޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ގެންގުޅޭ ރުޕޭ ކާޑު ރާއްޖޭގެ ބޭންކުތަކުން ބޭނުން ކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރި ވާހަކަ އެވެ. އެއާ އެކު ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުވާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. މި ލިއުމުގައި ބަލާލާނީ ރުޕޭ ކާޑަކީ ކޮބައިކަމާއި އޭގެ މުއާމަލާތްތައް ރާއްޖޭގައި ކުރެވޭނެ ގޮތާއި އެކަމުން ރާއްޖެއަށް ލިބޭނެ ކަމުގައި ބެލެވޭ ފައިދާ އާއި ގެއްލުމުގެ މައްޗަށެވެ.

ރުޕޭކާޑު

ރުޕޭ އަކީ އިންޑިއާގެ އެތެރޭގައި ފައިސާގެ މުއާމަލާތް ކުރުމަށް 2012 ވަނަ އަހަރު ނޭޝަނަލް ޕޭމެންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެން.ސީ.ޕީ.އައި) އިން އުފަންކުރިވި މަނީ ޓްރާންފާ ސިސްޓަމަކަށް ކިޔާ ނަމެކެވެ. މި ސިސްޓަމްގެ ތެރެއިން އިންޑިއާގެ ބޭންކްތަކުން ދޫކުރާ ރުޕޭ ކާޑްތަކުން ހިންގާ ފައިސާއާ ބެހޭ މުއާމަލާތްތައް ބަލަހައްޓާނީ އެން.ސީޕީ.އައި. އިންނެވެ. އެ މުއާމަލާތްތައް ކުރެވޭނީ އިންޑިއަން ރުޕީސް އިންނެވެ. ބޭނުމަކީ ގައުމުގެ އަމިއްލަ ސިސްޓަމެއް ބޭނުންކޮށްގެން ފައިސާގެ މުއާމަލާތް ކުރެވޭނެ ގޮތް ހެދުމުގެ ސަބަބުން ބޭރުގެ އެފަދަ ސިސްޓަމްތަކަށް ޑިޕެންޑުވުން ކުޑަވުމުގެ އިތުރުން ފައިސާގެ ޓްރާންސެކްޝަން ފީ ކުޑަ ކުރުމެވެ. ފީ ކުޑަކުރަމުގެ ސަބަބުން ބޭރުގެ އެފަދަ ޚިދުމަތުގެ މައްޗަށް ރުޕޭ އަށް ކުރި ހޯދުމަށް މަގު ފަހިވެ3އެވެ.

ރުޕޭ ރާއްޖެއަށް

ދިވެހި ރާއްޖެއަށް ރުޕޭގެ ޚިދުމަތް ތައާރަފުކުރަން ނިންމީ ސަރުކާރަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަމުން އަރައިގަނެވޭނެ ގޮތެއް ފެނޭތޯ އަޅަން ފެށި ފިޔަވަޅުތަކެއްގެ ތެރެއިންނެވެ. ސަރުކާރުން ބުނަމުން އަންނަނީ ރުޕޭ ކާޑުތައް ރާއްޖޭގައި ބޭނުން ކުރެވޭނެ ގޮތް ހެދުމުން ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑު ބޮޑު ވާނެކަމުގަ އެވެ.

ރާއްޖޭގައި ރުޕޭ ބޭނުންކުރާނީ ކިހިނެއް؟

ރުޕޭ ޕޭމެންޓް ސިސްޓަމާ އެކު އިންޑިޔާ އާއި ދިވެހި ރާއްޖެ ސޮއިކުރި އަނެއް އެއްބަސްވުމަކީ ކަރަންސީ ސޮވޮޕް ނުވަތަ އެއްގައުމުން އަނެއް ގައުމުގެ ފައިސާ ބަލައިގައތުމުގެ އެއްބަސްވުމެވެ. ރުޕޭ ޕޭމަންޓް ސިސްޓަމާއި ފައިސާ ބަދަލު ކުރުމުގެ މުއާމަލާތާ ދާނީ އެކު އެކީގަ އެވެ.

އެއްބަސްވުމުގެ ދަށުން އިންޑިއާ ރައްޔިތުންނަށް ދިވެހި ރާއްޖެއިން އެމީހުން ގަންނަ މުދަލާއި ހޯދާ ޚިދުމަތަށް ރުޕޭ ކާޑު ބޭނުން ކޮށްގެން ފައިސާ ދެއްކޭނެ އެވެ. އެގޮތަށް ކުރާ މުއާމަލާތުގައި ބޭނުން ކުރާނީ އިންޑިއާ ރުޕީސް އެވެ. ހަމަ އެފަދައިން ދިވެހިންނަށް ވެސް ރުޕޭ ކާޑު ބޭންކުން ހޯދޭނެ އެވެ. އެ ކާޑު ބޭނުން ކޮށްގެން އިންޑިއާ އިން ގަންނަ މުދަލާއި ހޯދާ ޚިދުމަތްތަކަށް ރުފިޔާއިން ފައިސާ ދެއކުމުގެ ފުރުސަތު ލިބޭނެ އެވެ.

ކުރިމަތިވާނެ ގޮންޖެހުންތައް

ރުޕޭ ބޭނުންކޮށްގެން ފައިސާގެ މުއާމަލާތް ކުރެވޭ ގޮތަށް ސޮއިކުރި އެއްބަސްވުމުގެ ސަބަބުން އިންޑިއާގެ ޓޫރިސްޓުންނަށް ރާއްޖެ އިން ހޯދާ ޚިދުމަތްތަކަށް ފަސޭހައިން ފައިސާ ދެއްކޭނެ މަގު ތަނަވަސްވުމާއި ދިވެހި ވިޔަފާރި ވެރިންނަށް އިންޑިއާ އިން ގަންނަ މުދަލަށް ވެސް އެފަދަ ފުރުސަތުތަކެއް ފަހިވާނެ ކަމުގައި ބެލެވުނަސް މި އެއްބަސްވުމުގެ ސަބަބުން ނުކުމެދާނެ ނުބައި ނަތީޖާތައް ގިނަ އެވެ.

އިގުތިސާދު ވަކި ކޮޅަކަށް ބަރޯސާވުން

ރުޕޭ ޕޭމެންޓް ސިސްޓަމް ބޭނުން ކޮށްގެން ފައިސާގެ މުއާމަލާތް ކުރެވެން ފެށުމާ އެކު ރާއްޖޭގެ ވިޔަފާރީގެ ތެރެއަށް އިންޑިއާގެ ނުފޫޒު މިހާރަށްވުރެ ބޮޑުވާނެ އެވެ.

ރާއްޖެއަކީ ކުޑަ ގައުމަކަށް ވެފައި އިގުތިސާދުގެ މައިގަނޑު ބަޔަކީ ޓޫރިޒްމް ކަމުގައި ވުމާ އެކު ރުޕޭ ޕޭމެންޓް ސިސްޓަމްގެ ސަބަބުން އިންޑިއާގެ ޓޫރިސްޓުން ރާއްޖެ އައުން އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް މިއިން އެއްވެސް ޓޫރިސްޓެއްގެ ފަރާތުން ރާއްޖޭގެ އިގުތިސާދަށް ޑޮލަރެއް ނުލިބޭނެ އެވެ. އޭގެ ބަދަލުގައި އެމީހުންގެ ޚިދުމަތަށް އަގު ދައްކާނީ އިންޑިއަން ރުޕީސް އިންނެވެ. އޭގެ އިތުރުން އިންޑިޔާގެ މައްޗަށް ޓޫރިޒްމްގެ ސިނާއަތު ބަރޯސާވެ އިންޑިއާގެ އިގުތިސާދަށް އަންނަ ލޮޅުމަކުން ނުވަތަ އެ ގައުމުގެ ސިޔާސަތަށް އަންނަ ބަދަލަކުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އިނދަޖެހިގެން ދިއުމަކީ ދާދި ގާތުގައި އޮންނާނެ ކަމެކެވެ.

ރާއްޖޭގެ ފައިސާއާ ބެހޭ އިދާރާތަކަށް ދިމާވާނެ ދަތިތައް

ރުޕޭ ބޭނުންކޮށްގެން ކުރާ މުއާމަލާތުގައި ބޭނުންކުރެވޭ މައިގަނޑު ފައިސާ އަކީ އިންޑިއާ ރުޕީސް ކަމުގައި ވެފައި އެ ޚިދުމަތުގައި އިންޑިޔާ ބޭންކުތަކާއި ދިވެހި ރާއްޖޭގެ އެހެން ބޭންކުތަކުންން ވާދަކުރަން ޖެހޭނެ އެވެ. ފައިސާގެ މުއާމަލާތްތަކުގައި ބޮޑު ބައެއް ރުޕޭ އަށް ޑިޕެންޑްވާން މަޖުބޫރު ވާނެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު ވެސް އުނދަގޫ މަގެއްގައި ދަތުރު ކުރަމުންދާ ބޭންކު އޮފް މޯލްޑިވްސް ފަދަ ބޭންކުތަކަށް ލިބޭ ފައިދާ ދަށްވެ ގައުމުގެ އިގުތިސާދުގައި އިންވެސްޓު ކުރުމުގެ ކުޅަދާނަކަން ނެތިދާނެ އެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ބޭންކުތަކަށް އިތުރު ފުރުސަތުތައް ފަހިވާނެ އެވެ. މިފަދަ ހާލަތުގައި އިންޑިޔާއަށް ރާއްޖޭގެ ފައިސާއާ ބެހޭ އިދާރާތަކުގެ މައްޗަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބި، ބޭނުން ވެއްޖެ ހިނދެއްގައި ބޭންކްތައް އިނދަ ޖައްސާލުމުގެލުމުގެ ކުޅަދާނަކަން ލިބޭނެ އެވެ.

ރުފިޔާގެ އަގު ވެއްޓުން

ސަރުކާރުން ދައުވާ ކުރާގޮތުގައި ރުޕޭ އިން ފައިސާ ދެއްކޭ ގޮތަށް ހެދުމުން ދިވެހި ރުފިޔާއަށް ޑިމާންޑު ބޮޑުވާނެ އެވެ. އެހެން ނަމަވެސް މިކަން އަނެއްކޮޅަށް ޖެހި އިންޑިއާ ރުޕީސްގެ ޑިމާންޑް ދިވެހި ރުފިޔާއަށް ވުރެ މަތިވުމަކީ ވާނެ ކަމެއް ކަމުގައި ގާތްގަނޑަކަށް ޔަގީން ކުރެވެ އެވެ. ރުޕޭ ބޭނުންކޮށްގެން ކުރެވޭ މުއާމަލާތްތަކުގައި މާރުކުރަން ޖެހޭ ފައިސާގެ ނިސްބަތުން އިންޑިއާ ރުޕީސްގެ މިންވަރު މަތިނަމަ ދިވެހި ރުފިޔާ އަށް ވުރެ ޑިމާންޑް މަތިވާނީ އިންޑިއާ ރުޕީސްއަށެވެ. ނަތީޖާއަކަށް ވާނީ އިންޑިއާ ރުޕީސްއާ އަޅާބަލާއިރު ދިވެހި ރުފިޔާގެ އަގު ވެއްޓުމެވެ. އޭގެ ސަބަބުން އާންމު ރައްޔިތުންގެ ޖީބަށް ބަރު ބޮޑުވެ އަތްމަތި ދަތިވާނެ އެވެ.

އިޖްތިމާއީ-ސިޔާސީ އަސަރު

މާޒީ އަށް ބަލާއިރު ރާއްޖެ އާއި އިންޑިއާ އާ ދެ ގައުމަކީ ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމުގައި ވިޔަސް ދޭތެރެ ދޭތެރެއިން އެ ގުޅުމަށް ބުރޫއަރާ ނުތަނަވަސްކަން މެދުވެރިވެ އެވެ. އެފަދަ ވަގުތުގައި އިންޑިޔާ އިން އަޅާ ކުޑަކުޑަ ފިޔަވަޅެއްގެ އަސަރު ދިވެހިންނަށް ވަރަށް ބޮޑަށް ކުރެ އެވެ. އަލުތްވާއި ފިޔާ ނުލިބޭ ގޮތަށް ތާށި ކޮށްލުމުން އޭގެ އަގު އިންތިހާއަށް ބޮޑު ވެ އެވެ. ބޭހަށް ދާން ވިސާ ޖައްސަން އެންގުމުން ހައި ކޮމިޝަން ދޮށުގައި ގޮދަނޑި އަޅައިގެން މުސްކުޅި ބަލި މީހުން ގެންގުޅެން ޖެހިފައިވެސް އެބަހުއަޓެވެ. ސަރުކާރަށް ނިސްބަތްވާ އެކްޓިވިސްޓަކު ކުރި ޓްވީޓަކުން މުޅި ރާއްޖެ ބޮއިކަޓް ކުރުމުގެ ކެމްޕޭން އިންޑިއާ އިން ހިންގާފައި އެބަހުއްޓެވެ. އެފަދަ ނާޒުކު ގުޅުމެއް އޮތް ގައުމެއްގެ މައްޗަށް ރާއްޖޭގެ ފައިސާއާ ބެހޭ މުއާމަލާތްތަކުގެ ކޮންޓްރޯލު ދޫކޮށްލުމުން އެ މީހުން ނޭދޭ ގޮތަކަށް ކަމެއް ވެއްޖެނަމަ ރާއްޖޭގެ މާލީ އިދާރާތައް އިންދަޖައްސާލެވޭ ފަދަ ބާރު ލިބުމަކީ ރުޕޭ އެގްރިމެންޓުގެ ސަބަބުން އުފެދޭ ބިރެކެވެ.

ނިންމާލުން

ދިވެހި ރާއްޖެއަށް އިންޑިއާގެ ރުޕޭ ޕޭމެންޓް ސިސްޓަމް ތައާރަފްކޮށް ބޭނުން ކުރަން ފެށުމުން އޭގެ ފަސޭހަ ދެ ގައުމުގެ ރައްޔިތުންނަށް ކުރާނެ ކަމުގައި ބެލެވެ އެވެ. އެހެނަސް ނުކުމެދާނެ ނުރަނގަޅު ނަތީޖާތަކަށް ފަރުވާތެރި ވާން ޖެހެ އެވެ. ޓޫރިޒަމް އިންޑަސްޓްރީ އަށް ލިބިދާނެ ގެއްލުމަކާއި ދިވެހި ރުފިޔާގެ އަގު ވެއްޓުމުން ރައްޔިތުންނަށް ލިބޭނެ ނިކަމެތި ކަމާއި ދިވެހި ބޭންކްތައް ބަލިކަށި ވުމުން އުފެދޭނެ މައްސަލަތަކަށް ސަމާލުވާން ޖެހެ އެވެ. މީގެ އިތުރަށް ސިޔާސީ ގޮތުން އިންޑިޔާއާ އެކު އޮންނަ ގުޅުމަށް ހީނަރުކަމެއް އަތުވެއްޖެ ނަމަ ރާއްޖެ އެއްކޮށް ބަނގުރޫޓުވުމުގެ ފުރުސަތު ފަހިވާނެ ކަން ވެސް ވިސްނަން ޖެހެ އެވެ. ރުޕޭގެ އެގްރީމްނެޓަކީ އިންޑިއާއާ އެކު ހެދި އެހެން ހުރިހާ އެއްބަސްވުމަކަށް ވުރެ ވެސް ނުރައްކާތެރި އެއްބަސްވުމެކެވ.