ކަންޓަސް އެއާލައިންގެ ފްލައިޓެއްގެ ތެރެއިން ފަސިންޖަރުންގެ ސީޓުތަކުގައިވާ ސްކްރީންތަކުން ބޭއަދަބީ މަންޒަރުތަކެއް ދެއްކުނީތީ އެ އެއާލައިނުން މައާފަށް އެދެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮސްޓްރޭލިއާގެ ސިޑްނީއިން ފުރައިގެން ޖަޕާނުގެ ޓޯކްޔޯއަށް ދަތުރުކުރި އެ ފްލައިޓުގައި ބޭއަދަބީ މަންޒަރުތައް ހިމެނޭ ފިލްމެއް ދެއްކުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް އެ އެއާލައިނުން ބުންޏެވެ.

ހަބަރުތައް ބުނާ ގޮތުގައި ކަންޓަސްގެ އެ ފްލައިޓުން ދައްކާފައިވަނީ ޖިންސީ މަންޒަރުތައް އެކުލެވޭ "އެކްސް ރޭޓަޑް" ފިލްމެކެވެ.

ކުޑަކުދިން ވެސް ހިމެނޭހެން އެތައް އާއިލާއެއް އެކުގައި ދަތުރު ކުރަމުންދިޔަ އެ ފްލައިޓުގައި ކުރެވުނު ތަޖުރިބާއަކީ އުނދަގޫ ތަޖުރިބާއެއްގެ ގޮތުގައި ފަސިންޖަރުން ސިފަކުރި އެވެ.

އެގޮތުން ވަކިވަކި ސްކްރީންތަކުގެ އަޑު މަޑުކުރުމާއި މެދުކަނޑާލުމުގެ އިތުރުން ނިއްވާލަން ކުރި މަސައްކަތް ވެސް ނާކާމިޔާބު ވެފައިވާ ކަމަށް އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރަކު ބުންޏެވެ.

"ކުޑަކުދިންނާއި މައިންބަފައިންނާއެކު ދަތުރުކުރި މީހުންނަށް އެ ދަތުރު ވީ އުނދަގޫ އަދި ލަދުވެތި ތަޖުރިބާ އަކަށް." އޭނާ ބުންޏެވެ.

ކްރޫންގެ މަސައްކަތުން އެ މައްސަލަ ހައްލު ކުރެވި ހުރިހާ އުމުރުފުރައަކާ ގުޅޭ ޕްރޮގްރާމެއް އެޅުވުނީ ގާތްގަނޑަކަށް ގަޑިއިރެއް ހާއިރު ފަހުން ކަމަށް ހަބަރުތައް ބުނެ އެވެ.

މި ހާދިސާއަށްފަހު ކަންޓަސްއިން މައާފަށް އެދުނު ނަމަވެސް ސޯޝަލް މީޑިއާގައި އެ އެއާލައިނަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކާއެކު އެއާލައިންގެ އަގު ވަނީ ބޮޑުތަނުން ދަށްވެފަ އެވެ.