ކޮންމެ ހޮނިހިރު ދުވަހަކު "ހުރިހާ" ގެ ކިޔުންތެރިންށް ގެނެސްދެމުން އަންނަ ހޮނިހިރު ދަތުރު ސެގްމެންޓްގެ މި ހަފްތާގެ ބައިގައި ވެސް މިއޮތީ ވަރަށް ތަފާތު ތަނެކެވެ.

އޮސްޓްރޭލިއާގެ ރެޗާޗެ އައިލެންޑްސްގެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ރަށް ކަމަށްވާ މިޑްލް ލޭކް ހިލިއާ ފެންގަނޑަކީ އެތަނުގެ ގުދުރަތީ ރީތިކަމުގެ ސަބަބުން އެތަނަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ އާދަޔާޚިލާފް ފެންގަނޑެކެވެ.

ލޭކް ހިލިއާ

މި ފެންގަނޑުގެ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ އަޖައިބުކުރުވާ ކަމަކީ އެ ފެންގަނޑުގެ ކުލަޔަށް އަންނަމުންދާ ރީތި ފިޔާތޮށި ކުލަ އެވެ. ލޭކް ހިލިއާ ފެންގަނޑުގެ ކުލަ މުޅި އަހަރު ތެރޭގައި ވެސް ބަދަލު ނުވެ އޮވެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް މި ފެންގަނޑުގެ ކުލައަށް ބަދަލެއް ނާންނައިރު ބައެއް ސައިންސްވެރިން ވަނީ މި ފެންގަނޑުގައިވާ ސެލިނިޓީ ލެވެލް މަތިވުމަކީ ފެންގަނޑުގެ ކުލަ އެގޮތަށް ފެންނާނެ ސަބަބެއް ކަމަށް ލަފާ ކޮށްފަ އެވެ.

އެއާއެކު ބައެއް ސައިންސްވެރިން ބުނެފައިވަނީ ޑިއުނަލިއެލާ ސަލިނާ ނަމަކަށްކިޔާ އަލްގޭގެ ބާވަތަކާއި ފިޔާތޮށި ކުލައިގެ ބެކްޓީރިއާއެއްކަމުގައިވާ ހޭލޯ ބެކްޓީރިއާގެ ސަބަބުން މި ފެންގަނޑުގެ ކުލަ ފިޔާތޮށި ކުލައަށް ބަދަލުވެފައިވާ ކަމަށެވެ.

ލޭކް ހިލިއާ

އަށާރަ ސަތޭކަ ދެވަނަ އަހަރު ހޯދުނު މި ފެންގަނޑު ވެފައިވަނީ އޮސްޓްރޭލިއާގެ އެންމެ މަޝްހޫރު އަދި ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލަކަށެވެ.

ލޭކް ހިލިޔާގެ އިތުރުން ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފިޔާތޮށި ކުލައިގެ ފެންގަނޑުތައް ފެނުނު ނަމަވެސް މިއީ ދަތުރުވެރިންގެ މެދުގައި އެންމެ މަޝްހޫރު ފިޔާތޮށި ފެންގަނޑެވެ.