އެކަކު ނުވަތަ ގިނަ މީހުން ވެގެން އާމްދަނީ ހޯދުމުގެ ބޭނުމުގައި މުދަލެއް އުފައްދައި، އެ މުދާ ގޭގެއަށް ފޯރުކޮށްދިނުން ނުވަތަ ބަޔަކަށް ޚިދުމަތެއް ދިނުމުގައި ހަރަކާތްތެރި ވުމަށް ކިޔަނީ ވިޔާފާރި އެވެ. ފައިދާއެއް ލިބޭގޮތަށް ބައެއްގެ މައްސަލަތައް ހައްލު ކޮށްދިނުމަކީ ވެސް ހަމަ ވިޔަފާރި އެވެ.
އަމިއްލަ ފައިމައްޗަށް ތެދުވެ މީހުން ބަލައިގަންނަ މީހަކަށް ވުމަކީ އޭނާ އަބަދުވެސް ދެކޭ ތަސައްވުރެކެވެ. ވިޔަފާރި ކުރުމަށް ޝައުގުވެރިވާން ފެށީ މި ވިސްނުމުގެ ތެރެއިންނެވެ. އެކަން ހާސިލް ކުރުމަށް ޓަކައި ދުރާލާ ތައްޔާރުވި އެވެ. ބޭނުންވާ ތަޖުރިބާ ހޯދި އެވެ. އެ ތަޖުރިބާ އާއި ޢިލްމުގެ އަލީގައި މަސައްކަތެއް ފެށީ އެކަމުގައި ހުރި ރިސްކުތައް ރަނގަޅަށް އެނގި ހުރެ އެވެ.
ދ. ކުޑަހުވަދޫ އަށް ނިސްބަތްވާ އެރަށު ތޫލް، ހޫދު ހަސަން ޚަލީލަކީ ސޭލްސް އަދި ޕްރޮޑަކަޝަން ޑިޒައިނިން އަށް ވަރަށް ޝައުގުވެރިވާ މީހެކެވެ. އޭނާ އަންނަނީ ވިޔަފާރިގެ ދާއިރާގައި ގިނަ ކުރިއެރުންތަކެއް ވެސް ހޯދަމުންނެވެ. ވިލާ ކޮލެޖްގައި ޔުނިވާސިޓީ އޮފް ވެސްޓް އިންގްލެންޑްގެ މާކެޓިން ޑިގްރީ ހާސިލްކޮށްފައިވާ ހޫދު އަކީ އޭނާ ޝައުގުވެރިވާ ދާއިރާއިން ކުރިއަށް ދިއުމަށް ގިނަ މަސައްކަތްތަކެއް ކުރާ މީހެކެވެ.
"އަޅުގަނޑު މި މަސައްކަތަށް ކުރިއަސް (ޝައުގުވެރި) ވީމަ ކުރިއަށް ދިއުމަށް ވަރަށް ފަސޭހަވި، ވަރަށް ގިނަ ތަފާތު ތަންތާނގައި މަސައްކަތްކޮށް ތަޖުރިބާ ހޯދަމުން ގެންދިޔައީ. އޭގެ ތެރޭގައި އެލައިޑްގައި ފްރީލާންސްކޮށް މާކެޓިންގައި މަސައްކަތް ކުރިން. އެކި ވިޔަފާރިތަކުގައި މަސައްކަތް ކުރަމުން ޕީކަބޫ ފިހާރައިގައި ވެސް މަސައްކަތް ކުރިން. ފަހުން ވީބީ ބްރަދާސްގެ މާކެޓިން ޑިޒައިނާއަކަށް ވެސް އުޅުނިން،" މިހާރު ވީބީ ބްރަދާސްގެ މާކެޓިން އެސިސްޓަންޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރާ ހޫދު ބުންޏެވެ.
ކިތަންމެ އުމުރުން ހަގު ވިޔަފާރިވެރިއެއް ނަމަވެސް ހޫދުގެ ކިބައިގައި ހިންގުތެރިކަމާއި ގާބިލްކަން ވެ އެވެ. ރަސްމީ މަސައްކަތުގައި އުޅެމުން "ތޫލް"ގެ ނަމުގައި އޭނާ ވިޔާފާރިއެއް ފެށީ "ސައިޑް ބިޒްނަސް" އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި އެންމެ 200 ޑޮލަރުންނެވެ.
ތޫލްގެ ނަމުގައި ވިޔަފާރިއެއް ކުރުމުގެ ވިސްނުން އައީ ޑިގްރީ އަށް ކިޔެވި ދުވަސްވަރުގައި ކަމަށް އޭނާ ބުންޏެވެ. އިންސްޓާގްރާމްގައި ފެށި އެ ވިޔަފާރި ފުރަތަމަ ގެންދިޔައީ ވަރަށް ކުޑަކޮށެވެ. އެހެން މީހުން ވެސް ކުރާގޮތަށް ވަރަށް އާދައިގެ ގޮތަކަށް ޝެއިން އިން އެއްޗެހި ގެނެސްގެން ވިއްކައި އުޅެމުންނެވެ. ވަކި ހިސާބަކުން ޝެއިންގެ އޯޑަރުތައް ވިއްކުން ހުޓާލާފައި އަމިއްލަ އުފެއްދުންތައް ނެރެން އޭނާއަށް ވިސްނި އެވެ. އޭނާގެ އިންސްޓަގްރާމް ޕޭޖުން ދެން ފެންނަން ފެށީ އަމިއްލަ އުފެއްދުންތަކެވެ.
ތޫލްގެ އުފެއްދުންތައް ތަފާތު ވަނީ އެއިން ކޮންމެ އުފެއްދުމެއްގައި ވެސް ދިވެހިރާއްޖޭގެ ޗާޓު ހިމަނައިފައި ވާތީ އެވެ. ހޫދުގެ އަމިއްލަ ބްރޭންޑް ތޫލްގައި ހިމެނެނީ މުޅިން އަމިއްލަ އުފެއްދުންތަކެވެ. އަމިއްލަ ޑިޒައިންތަކެވެ. ތޫލް އުފެއްދުންތަކުގެ ތެރޭގައި ވޮލެޓާއި، ފެންފުޅި އާއި، ދަބަސް އަދި ގިފްޓް ޕެކޭޖް ހިމެނެ އެވެ.
"އަޅުގަނޑުގެ ގޭގެ ނަން ތޫލްއަކީ. ތޫލް ބްރޭންޑެއްގެ ގޮތުގައި މަޝްހޫރުވީ އަޅުގަނޑު ނެރުނު ވޮލަޓުތަކެއްގެ ސަބަބުން.. މިހާރު އަޅުގަނޑުމެންގެ އަމިއްލަ ވެބްސައިޓެއް ވެސް ހަދައިފިން،" އެންމެ ކުޑަ އިރުއްސުރެ ވެސް އަމިއްލައަށް ވިޔަފާރިއެއް ފެށުމަށް ބޭނުންވި ހޫދު ކިޔައިދިނެވެ.
ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ތޫލްގެ އަމިއްލަ ފިހާރައެއް ހުޅުވި
ތޫލްގެ އުފެއްދުންތައް އޮންލައިކޮށް ނެރެ، ވިޔަފާރި ކުރަން ފެށިތާ ތިން އަހަރުވެފައި ވާއިރު، މިހާރު ވަނީ އެ ވިޔަފާރީގެ ތެރެއަށް އިތުރު ކުރިއެރުމެއް ވެސް ގެނެސްފަ އެވެ. އެއީ ތޫލް ގެނަމުގައި ފިހާރައެއް ހުޅުވުމެވެ.
"މިހާރު ކޮމްޕެނީއެއް ރަޖިސްޓްރީކުރީ ކޮށްފިން. ކުރިން މި ފިޔަފާރި މުޅިން ވެސް ހިންގީ އޮންލައިންކޮށް. އޯޑާކުރާ އެއްޗެއް ހަމަ އެދުވަހު ޑެލިވަ މިކުރަނީ،" ހޫދު ކިޔައިދިނެވެ.
ކޮންމެ މަސައްކަތެއްގައި ވެސް ދަތި އުނދަގޫ ކަންތަކާއި އުނދަގޫ މަރުހަލާ ހުންނަ ފަދައިން ހޫދުގެ ވިޔަފާރީގައި ވެސް އެފަދަ ދަތި އުނދަގޫވާކަން އޭނާ ފާހަގަ ކުރެ އެވެ. ވިޔަފާރީގައި ހުރި ދަތިތައް ހިއްސާކުރަމުން އޭނާ ބުނީ ކަނޑައެޅިފައިވާ އޮންނަ އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ވިޔަފާރީގެ ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރުގެ މުއައްސަސާތަކުން ލިބެންވާ އެއްބާރުލުން ލިބޭލެއް ކުޑަކަމެވެ.
"މިސާލަކަށް ރަޖިސްޓްރީކުރުމާއި، ޓެކްސް ދެއްކުމާއި، ބިދޭސީންގެ ކަންކަމުގައި ގިނަ ދަތިތަކެއް ދިމާވޭ،" މާކެޓް ރިސާޗް ހަދައިގެން ކޮންމެ ޕްރޮޑަކްޓެއްގެ ވެސް މަސައްކަތް ކުރަމުންގެންދާ ހޫދުގެ އޭނާގެ ހިތްހަމަނުޖެހޭ ކަމެއް ފާހަގަ ކޮށްލަމުން ބުންޏެވެ.
ހޫދު ސާބިކޮށްދޭ އެއްކަމެއް އެބައޮތެވެ. އެއީ ދަތި އުނދަގުލުގައި ވެސް ކެތްތެރިވެ ސާބިތުކަންމަތީ ހިފަހައްޓާލައިފި ނަމަ، ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ ކަމެވެ. އެފަދަ އުނދަގޫ ދަތުރުތަކުގައި ކާމިޔާބުގެ އިތުރުން ގިނަ ކަންތައްތަކެއް ތަޖްރިބާކުރަން ލިބި މީހާ ރޯފިލަ އެވެ. ހޫދު އޭނާގެ ގާތް ރައްޓެހިންނަށް ބުނެދޭ ވާހަކައަކީ ވެސް އެއީ އެވެ.
"ދޭން އޮތް މެސެޖަކީ، ނެވާ ގިވްއަޕް. ގޮންޖެހުންތައް ކުރިމަތިވާނެ، ޑައުން ފޯލް އަންނާނެޔޭ، ޑައުން ފޯލްއެއްގައި ހިފަހައްޓާ ލާށޭ، ކޮންސިސްޓެންސީ އާ އެކީގައި ޑިވެލޮޕްމަންޓަށް މަސައްކަތް ކުރާށޭ، އެހަކަލަ ގަޑީގައި ހިފަހައްޓައިލައިގެން މަސައްކަތް ކޮށްފިއްޔާ ކޮންމެ ކަމެއްގައި ވެސް ކާމިޔާބު ވާނެޔޭ. ހުރިހާ ކުދިންނަށް ވެސް އަޅުގަނޑު އަބަދުވެސް ދޭ ނަސޭހަތެއް މީ،" އޭނާ ބުންޏެވެ.
ހޫދު ތަފާތު ވަނީ އޭނާ ފަދަ އެހެން ޒުވާނުން ވެސް ކޮޅަށް ޖަހަން މަސައްކަތް ކުރާތީ އެވެ. އެގޮތުން ކުދި ވިޔަފާރިތައް ފަށަން ބޭނުންވާ ކުދިންނަށް އެކަން ރަޖިސްޓްރީ ކޮށްދިނުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް، އެހީތެރިކަން ފޯރުކޮށްދިނުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
ހޫދު ދެކޭގޮތުގައި މި ޕްލެޓްފޯމްގައި ކިތަންމެ މަދު ދުވަސްކޮޅެއް އަދި ހޭދަކުރެވިފައިވީ ނަމަވެސް، މިހާތަނަށް ލިބިފައިވާ ކާމިޔާބީތައް ވަރަށް ގިނަ އެވެ. އެންމެ 200 ޑޮލަރުން ފެށި ވިޔަފާރި ނުހުއްޓި މިއަދާ ހަމައަށް ވެސް ކުރިއަށް ދިއުމަކީ އޭނާ ދެކޭ ގޮތުގައި ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި އަމިއްލަ ފިހާރައެއް ހުޅުވުމާއި މީރާއަށް މިހާރު ޓެކްސް ދައްކަން ޖެހުން ފަދަ ކަންކަމަކީ ވެސް ކުރިއެރުމުގެ ގޮތުގައި އޭނާ ފާހަގަ ކުރެ އެވެ.
"މި ހުރިހާ ކަމެއް އަޅުގަނޑަށް ކުރެވެނީ އަޅުގަނޑުގެ ފަހަތުގައި ވަރަށް ބޮޑަށް ސަޕޯޓް ދޭ ބަޔަކު ތިބޭތީ. އޭގެ ތެރޭގައި އަޅުގަނޑުގެ އާއިލާ އާއި ގާތް ރައްޓެހިންނާއި، އަދި އަޅުގަނޑު އަންހެނުން ހިމެނޭ،" ހޫދު ބުންޏެވެ.