އަހަރުގެ ދޫނީގެ ގޮތުގައި ކުނިވަސް ދުވާ، އަދި އެހާ އަޑުގަދަ ދޫންޏއް ހޮވައިފި އެވެ.
ނިއު ޒިލޭންޑްގައި ކޮންމެ އަހަރަކު ވެސް ބާއްވާ އަހަރުގެ ދޫނި ހޮވުމުގެ މި މުބާރާތުން އެއްވަނަ ހާސިލް ކުރީ "ހޮއިހޯ" ނަމަކަށްކިޔާ ރީނދޫ ކުލައިގެ ލޮލެއް ލިބިފައިވާ ޕެންގުއިންގެ އާއިލާއަށް ނިސްބަތްވާ ޕެންގުއިން އަކަށެވެ. ނުބައިވަސް ދުވި ނަމަވެސް މިއީ ވަރަށް މަޑުމައިތިރި ޕެންގުއިން އެއްކަމަށް ވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ޕެންގުއިން އަކީ އޭތިގެ ނަސްލު އެއްކޮށް ނެތިގެންދާނެ ކަމުގެ ބިރުވެރިކަން އޮތް ދޫންޏެކެވެ.
ވީމާ ހޮއިހޯ ދޫނި މުބާރާތުން އެވަނައަށް ހޮވިގެން ދިއުމަކީ މިދޫނީގެ ނަސްލު ދަމަހައްޓަން މަސައްކަތްކުރާ ފަރާތްތަކަށް ވެސް ލިބުނު ވަރަށް ބޮޑު އުންމީދަކާއި ކުރިއެރުމެއް ކަމަށް އެފަރާތްތަކުން ބުނެފައިވެ އެވެ. މިގޮތަށް ވަނަ ލިބޭ ދޫނިތައް ހިމާޔަތް ކުރުމަށް ކުރާ މަސައްކަތައް ފައިސާގެ އެހީ އާއި ހޭލުންތެރިކަން ކުރިއެރުވުމުގެ ފުރުސަތު ލިބިގެންދެއެވެ.
ނިއުޒިލޭންޑްގައި ކޮންމެ އަހަރަކު ވެސް، އަހަރުގެ ދޫނިހޮވާ މުބާރާތަކީ ވަރަށް ބޮޑަށް އެތެރެ އާއި ބޭރުގެ ނުފޫޒު ވެސް ގަދަ އެހާ ވާދަވެރިކޮށް ކުރިއަށްދާ މުބާރާތެ ކެވެ. ދުނިޔޭގެ ކޮންމެ މީހަކަށް ވެސް ވޯޓްގައި ބައިވެރިވެވޭ މި މުބާރާތުގައި ވޯޓުލުމުގައި، މަކަރާއި ހީލަތް ހެދުމުގެ މައްސަލަތައް ވަރަށް ގިނައިން ފެންމަތި ވެއެވެ. އޭގެ ތެރޭގައި ރަޝިޔާގެ ނަން ޚާއްސަކޮށް ފާހަގަކޮށްލެވެ އެވެ. ނަމަވެސް މިފަހަރުގެ މުބާރާތުގައި ވަނަ ހޮވަން ލީ ވޯޓަށް ބޭރުގެ އެއްވެސް ނުފޫޒެއް ފޯރާއިފައި ނުވުމުން ހޮއިހޯއަށް ލިބިފައިވާ ވޯޓަކީ ސީދާ ނިއު ޒިލޭންޑް މީހުންގެ ވޯޓެއްކަން ކަށަވަރު ވެއެވެ. މި އަހަރުގެ މުބާރާތުގައި 50،000 މީހުން ބައިވެރިވި އެވެ. މިއީ މިދިޔަ އަހަރަށްވުރެ 30،000 ވޯޓު މަދު އަދަދެކެވެ. މިދިޔަ އަހަރު ހޮވިފައިވަނީ އަމިއްލަ ގައިގާ ހުންނަ ފިޔަފަތްތައް ކައި ވަގުތުން ހޮޑުލައިހަދާ ޕޫޓެކެޓެކެ ކިޔާ ދޫންޏެކެވެ.
ހޮއިހޯއަކީ ދުނިޔޭގައި އެންމެ މަދުން ފެންނަ ޕެންގުއިންގެ ވައްތަރެވެ. އާންމުކޮށް ހޮއިހޯ ދިރިއުޅެނީ އެ ގައުމުގެ ދެކުނުގެ ހިސާބުތަކުގައި އާއި އަދި އެ ގައުމުގެ ދެކުނަށް އޮންނަ ޗަތަމް އައިލެންޑްސް ގައެވެ. މި ޕެންގުއިންތައް އާލާކުރުމުގެ މަސައްކަތް ކުރުމަށް ކުރެވޭ މަސައްކަތައް ހީނަރުކަމެއް އައިސްފައިވަނީ އޭތީގެ ކަނާ މަދުވެފައިވުމާއި މަސް ދަލުގައިޖެހި މޫދަށް ގެނބި މަރުވާ އަދަދު އިތުރުވެފައިވުމުގެ ސަބަބުންނެވެ.
މި މުބާރާތުގެ ދެވަނަ ހޯދީ ކަރޫރޭ ކިޔާ ބްލެކް ރޮބިން ނަމަކަށް ކިޔާ ކަޅު ދޫންޏެކެވެ. ކަރޫރޭ އަކީ ވެސް ނަސްލު ނެތިގެން ދިޔުމުގެ ބިރުވެރިކަށް އޮތް ދޫނީގެ ވައްތަރެކެވެ.