މި ހިނގާ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓް ހާމަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނެފި އެވެ.
މިނިސްޓްރީގެ ގްރޫޕްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން އެ މިނިސްޓްރީން ބުނީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މި މަސް ނިމުމުގެކު ރިން ލިސްޓު އިއުލާނު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނިމިދިޔަ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދައުރުގެ ފަހުކޮޅު އާއްމުކުރި ފްލެޓް ލިސްޓްގައި ހައްގުނޫން އެތައް ބަޔަކަށް ފްލެޓް ދީފައިވާކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އެ ލިސްޓަށް ފްލެޓް ދޫކުރުން ހުއްޓުވާފަ އެވެ.
އޭގެފަހުން މިނިސްޓްރީގެ ބެލުމުގެ ދަށުން ލިސްޓް މުރާޖާއާކޮށް އެކުލަވާލާ ފްލެޓް ދޫނުކުރެވި ވަނީ ގިނަ ދުވަސްތަކެއް ވެފަ އެވެ.