ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ކުރެހުންތެރިޔާ ނައުޝާދު ވަހީދު (ނައުބެ)ގެ ހުނަރުން ފުރިފައިވާ މަސައްކަތް ދައްކުވައިދޭ ގެލެރީއެއް މާލޭގައި ދާދިފަހުން މިވަނީ ހުޅުވާފައި. އޭނާގެ އަމިއްލަ ގެ މއ. ސިލްވަ ސީންގައި ހުޅުވި ނައުޝާދު އާޓްސް "މިނިއޭޗާ" ގެލެރީގައި ވަނީ ކުރެހުމާއި، އެންމެ ފެންވަރު ރަނގަޅު ޕްރިންޓްތަކާއި ވެދުމަށް އަރުވަން ކަމުދާ ކަހަލަ ސަގާފީ މިނިއޭޗާ ފިގާތަކެއް. އާޓްގެލެރީގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ބްރޭޑްތަކުގެ ކުލަ ހިމެނޭ ފިހާރައެއް ވެސް ވަނީ ހުޅުވާފައި. ނައުޝާދު އާޓް ޝޮޕަކީ ރާއްޖޭގައި އުޅޭ ހުނަރުވެރި އާޓިސްޓުންނަށާއި އާޓް ކޮމިއުނިޓީއަށް އަލަށް ގުޅޭ ކުދިންނަށް ޚާއްސަކޮށްގެން އެންމެ ކޮލިޓީ ކުލަ ފޯރުކޮށްދިނުމަށް ހުޅުވި ފިހާރައެެއް.

މަޝްހޫރު ކުރެހުންތެރިޔާ ނައުޝާދު ވަހީދު (ނައުބެ)ގެ ކުރެހުންތަކަށް ލޯބިކުރާ ފަރާތްތަކަށް މިފަހަރު މިއޮތީ ވަރަށް އުފާވެރި ޚަބަރެކެވެ. އެތައް އަހަރެއް ފަހުން އަނެއްކާ ވެސް ނައުޝާދު އާޓްސް އިން "މިނިއޭޗާ" ގެލެރީއެއް ދާދިފަހުން މާލޭގައި މިވަނީ ހުޅުވައިފަ އެވެ. ރާއްޖޭގައި އުފެދުނު އެންމެ ފުންނާބު އުސް އެއް ކުރެހުން ތެރިޔާ ނައުބެ ނުވަތަ ކުރެހުމުގެ ދުނިޔޭގައި މަޝްހޫރުވެފައިވާ ނަމުންނަމަ ނައުޝާދު އާޓްސް، އޭ ބުނުމުން ދުވަހަކު ކުރެހުމުގެ ތެރޭގައި އުޅެފައިނުވާ މީހަކަށް ވެސް އެއީ ކާކުކަން އެނގޭވަރަށް ނައުޝާދުގެ ކުރެހުންތައް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރުކަމާއި މަގުބޫލުކަން ހޯދާފަ އެވެ.

އިތުރު ތައާރަފަކަށް ބޭނުންނުވާ ނައުޝާދު ވިދާޅުވިގޮތުގައި ހަނދާން ހުންނަން ފެށީއްސުރެ ވެސް ކުރެހުމާއި ކްރާފްޓް މަސައްކަތަށް ވަރަށް ޝައުގުވެރިކަން ހުރެ އެވެ.

މަޝްހޫރު ކުރެހުންތެރިޔާ ނައުބެ ދާދިފަހުން މާލޭގައި ހުޅުވި ގެލެރީ

"ސްކޫލް ދައުރުގައި ކްރިއޭޓިވް ވަރަށް ގިނަ މަސައްކަތް ކުރަމުން އައިސް، ސްކޫލް ނިންމާފައި އަޅުގަނޑުގެ އަމިއްލަ އާޓް ސްޓޫޑިއޯއެއް ފުރަތަމަ ހުޅުވީ. ދެހާސް ހަޔަކާ ހަމައަށް އެ ސްޓޫޑިއޯގެ މަސައްކަތް ވަރަށް ކާމިޔާބުކޮށް ވަރަށް ރަނގަޅު އެންވަޔަރަމަންޓެއްގައި ކުރިއަށް ދިއަ. ދެން އަޅުގަނޑު ބަދަލުވީ ރާއްޖޭން ބޭރަށް. ރާއްޖޭން ބޭރުގައި ވަރަށް ގިނަދުވަހު މަސައްކަތް ކޮށްފައި ހިތަށް އެރީ އަނެއްކާވެސް ދިވެހި މުޖްތަމައުގައި މަސައްކަތެއް ކޮށްލާނަމޭ، އެހެން ހިތާ އާޓްގެލެރީއެއް މި ހުޅުވީ،" ގިނަ ދުވަސްތަކެއް ވަންދެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވި ނައުޝާދު ވިދާޅުވި އެވެ.

ނައުޝާދު އާޓް "މިނީ" ގެލެރީއެއް

ވަރަށް ހިތްގައިމުކޮށް ނައުޝާދުގެ އަމިއްލަ އުފެއްދުންތަކުން ފުރާލެވިފައިވާ މި ގެލެރީގައި ހުރިހާ ފަންތިއަކަށް އަދި އުމުރު ފުރައަކަށް ވެސް ކަމުދާ ގޮތަށް މޮޅު ކޮލިޓީގެ އާޓްސް، ކޮލިޓީ ޕްރިންޓްސް އަދި ކްރާފްޓްސް ލިބެން އެބަހުއްޓެވެ. ޕެއިންޓިންސްއާ (އަސްލު ކުރެހުމާ) އެކު ކޮލިޓީ ޕްރިންޓްސް ހިމެނުމުގައި މުހިންމު މަގުސަދެއް ވެ އެވެ.

ނައުބެގެ "ނައުޝާދު އާޓްސް" ގެލެރީ ހުރި ބައެއް ކުރެހުންތަކާއި ޕެއިންޓްސް.

"އަޅުގަނޑުގެ ދިގު ތަޖުރިބާއަށް ބަލާއިރު ޕެއިންޓިންއަކީ ރާއްޖޭގައި ފާސްޓްކޮށް މޫވްކުރާ އެއްޗެއް ނޫން. ޕެއިންޓިންއިން ހިންގާ ޕްރިންޓްސް ބޭރު ދުނިޔޭގައި ވެސް ފާސްޓް މޫވިންގް އެއްޗަކަށް ކޮމާޝަލްކޮށް ވެސް މިފެންނަނީ. އަސްލު ކުރެހުމެއްގެ އަގު ބޮޑުވާތީ އެންމެނަށް ވެސް ކުޑަ އަގެއްގައި ކޮލިޓީ ކުރެހުމެއް ލިބޭނެ ގޮތް ހެދުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު ވިސްނުމެއް. އެ މަގުސަދުގައި ޕެއިންޓްއާއެކު ޕްރިންޓް މި ހިމެނީ،" މަޝްހޫރު ނަމުން ނަމަ ނައުބެ ވިދާޅުވި އެވެ.

ޑްރަމާ ނުވަތަ ބެރުޖަހާ މީހާ: ބޭރުގެ އިއްޒަތްތެރިންނަށް ވެދުމަށް އެރުވުމަށް ނައުޝާދު ހެއްދެވި މިނިއޭޗާ ފިގާއެއް

އެ ގެލެރީގައި ބެހެއްޓިފައިވާ އެއް ވައްތަރަކީ ވަރަށް ބްރޭންޑެޑް ކޮލިޓީއެއް ކަމަށްވާ "އެޗްޑީ ޕްރޮމަލެކްސް" ކިޔާ މެޓަލް ޕްރިންޓެކެވެ. ދެވަނަ ވައްތަރަކީ ހަމަ އެހާ ކޮލިޓީ އަދި ނަން މަޝްހޫރު ކޮލިޓީއެއް ކަމަށްވާ "ޖީކްލޭ ކެންވަސް ޕްރިންޓްސް" އެވެ.

ގާތްގަނޑަކަށް 40 އަށްވުރެ ގިނަ ކުރެހުން އެ ގެލެރީގައި ހިމެނޭއިރު އޭގެ ތެރޭގައި ޕްރިންޓްއާއެކު ތިން އަސްލު ކުރެހުން ހިމެނޭނެ ކަމަށް ނައުޝާދު ވިދާޅުވި އެވެ.

ޖީކްލޭ ޕްރިންޓްސް އަކީ 12 ކުލަ ނުވަތަ އެއަށް ވުރެ އިތުރަށް ކުލަ ހުންނަ މެޝިނަކުން ވަކި ކަހަލަ ޕިގްމަންޓް އިންކަކުން ޕްރިންޓްކުރާ ކުރުމަކަށް ކިޔާ ނަމެކެވެ. ގެލެރީގައި ބަހައްޓާނެ ކުރުހެހުމުގެ ކޮލިޓީ ކަނޑައެޅުމުގެ ކުރިން ގިނަ ސްޓަޑީޒްތަކެއް ވެސް ހައްދާފައިވާކަން ނައުޝާދު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަށް ފެނިފައި އެބަހުރި ބައެއް ނެޝަނަލް މިއުޒިއަމްތަކުގަ އާއި އާޓް ގެލެރީތަކުގައި ވެސް ޖީކްލޭ ޕްރިންޓްސް ޑިސްޕްލޭކޮށްފައި ހުންނަ ތަން. އަނެއްކާ މިވައްތަރު ޕްރިންޓްސްއަކީ 100 އަހަރަށް ވުރެ ގިނަ ދުވަހު ހަލާކު ނުވެ ހުންނާނެކަމުގެ ގެރެންޓީ ހުންނަ ޕްރިންޓެއް،" ނައުޝާދު ވިދާޅުވި އެވެ.

މެހެމާނުން އުފާވާ ފަދަ ސަގާފީ މިނިއޭޗާތަކެއް

ކުރެހުމާއި ޕްރިންޓްސްގެ އިތުރުން އެ ގެލެރީގައި ދެން ހުރީ ވަރަށް ތަފާތު މިނެއޭޗާ ފިގާތަކެކެވެ. މި ފިގާތައް ހެދުމުގެ ބޭނުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ މެހެމާނުންނަށް ތަފާތު ހަދިޔާއެއް ދިނުމުގެ މަގްސަދުގައި ކަމަށް ނައުޝާދު ވިދާޅުވި އެވެ.

ނައުޝާދުގެ ވިސްނުމަކީ އާންމުކޮށް ރާއްޖޭގައި ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ހަދާ ލިޔެލާ ޖެހި ތަކެއްޗާއި، ދޯނީގެ ބަދަލުގައި ދިވެހި ސަގާފަތް ދައްކުވައިދޭ ތަފާތު އާ ހަދިޔާއެއް ވުޖޫދުކުރުމެވެ.

އަށް އިންޗީގެ މޯލްޑިވިއަން ލޭޑީ: ބޭރުގެ އިއްޒަތްތެރިންނަށް ވެދުން ކުރެވިދާނެ ތަފާތު ހަދިޔާއެއް

އޭނާގެ އުފެއްދުންތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ކަސަބު ބޯވަޅު އެޅި އަންހެން ކުއްޖެއްގެ ސިފައިގައި ތައްޔާރު ކޮށްފައިވާ އަށް އިންޗީގެ "މޯލްޑިވިއަން ލޭޑީ "އަކާއި، ހަމަ އެސައިޒުގެ ފޭލި އަނދެގެން ހުރި ބެރުޖަހާ ޒުވާނެއްގެ ގޮތަށް ދައްކުވައިދޭ "މޯލްޑިވިއަން ޑްރަމާ" (ބެރުޖަހާ މީހެއް) އެކެވެ. އޭގެ އިތުރުން ގަތާފަޔާއި، ތަފާތު މެޓީރިއަލްސްގެ ގެތުންތައް ވެސް ވެ އެވެ. މިއީ މުޅިން ވެސް ނައުޝާދުގެ އަމިއްލަ ފަރުމާތަކެވެ.

ނައުބެގެ "ނައުޝާދު އާޓްސް" ގެލެރީ ހުރި ބައެއް އުފެއްދުންތައް ދައްކާލަން ބަހައްޓާފައި.

"ހައިލެވެލް ޑިޕްލޮމެޓުންނާއި ބައްދަލުކުރަން ދާއިރު ގެންދާ ހަދިޔާ ޕާރުސަލްކުރެވިފައި މި ހުންނަނީ ދިވެހި ކުލަތައް އެކުލެވިފައިވާ ކަރުދާހަކުން. އެ ނުހުޅުވަނީސް އެބޭފުޅުންނަށް އެބަ އެނގޭ އަދި އެބަ ބުނޭ އެއީ ލިޔެލާޖެހި އެއްޗެކޭ. އެހެން އެވަނީ ތަކުރާރުކޮށް އެކައްޗެއް އެބޭފުޅުންނަށް ވެދުން ކުރެވޭތީ. ތަފާތު ހަދިޔާއެއްގެ ގޮތުގައި މި ފިގާތަށް ކަމުދާނެ ވެދުމަށް އަރުވަން ވެސް. އަޅުގަނޑުމެން މި ގެންގުޅެނީ އާދައިގެ ސުވެނިއާއެއް ނޫން. އެއަށް ވުރެ ތަންކޮޅެއް ޕްރޮފައިލް ހައި، މަތީ ލެވެލްގައި މި ފިގާތައް އުޅޭނީ،" މިދިޔަ ސަރުކާރުގައި އިނގިރޭސިވިލާތުގެ ޑެޕިއުޓީ ހައި ކޮމިޝަނަރުކަން ވެސް ކުރައްވާފައިވާ ނައުޝާދު ވިދާޅުވި އެވެ.

ޔޫރަޕްގެ ކޮލިޓީ ބްރޭންޑްތަކުގެ ކުލަތައް ނައުޝާދު އާޓް ފިހާރައިން

ނައުޝާދުގެ އާޓް ގެލެރީ ހުޅުވުމުގެ ދެމަސް ކުރިން އާޓްގައި ބޭނުންކުރާ ކުލަތައް ލިބޭނެ ޚާއްސަ ފިހާރައެއް ވެސް ވަނީ މާލޭގައި ހުޅުވާފަ އެވެ. އެ ފިހާރައިން ދުނިޔޭގެ އެންމެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ކުލަ ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު މި މުޖުތަމައުގައި ވަރަށް ހުނަރުވެރި ކުދިންތަކެއް އެބައުޅޭ. ސޯޝަލް މީޑިއާއިން އެދުރުވެގެން ވަރަށް ގިނަ ކުދިންތަކެއް މި ދާއިރާއަށް އަންނަނީ ނުކުންނަމުން. އެކުދިންނަށް އަމާޒުކޮށް މި ފިހާރަ ހުޅުވަން ގަސްތުކުރީ. ހަމަ އަޅުގަނޑު ވެސް ބޭނުންކުރާ ކުލަ އެ ފިހާރައިން ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އެ ފިހާރައިން ލިބެންހުރި މޮޅެތި ޔޫރަޕިއަން ބްރޭޑްސްތަކުގެ ތެރޭގައި ސްޓެޓްލާ، ޑެލަރައުނީ، ވިންސާ އެންޑް ނިއުޓަން އަދި ލިކުއިޓެކްސް ހިމެނެ އެވެ.

ނައުޝާދަކީ މި ބްރޭޑްތަކުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓާ އެވެ. ކިތަންމެ އަގުބޮޑުކޮށް ގެންނަން ޖެހުނު ނަމަވެސް މިފަދަ ކޮލިޓީ ބްރޭންޑްތައް ރާއްޖެއިން ލިބޭނެގޮތް ހެދުވުމުގެ އެންމެބޮޑު އެއްބޭނުމަކީ ރާއްޖޭގައި އުފެދެމުން އަންނަ ގިނަ އާޓިސްޓުންޓުން ކުރިއެރުވުމަށް ބާރު އެޅުމެވެ.

ނައުޝާދު އާޓްގެލެރީގެ މަސައްކަތް ބައްލަވާ ލައްވަނީ: މިއާޓްގެލެރީގައި ވަނީ ނައުޝާދުގެ ހުނަރުވެރި މަސައްކަތް

"އަޅުގަނޑުމެންނަށް 1980 ގައި ވެސް އަދި 1990 ގެ މެދާ ހަމައަށް ދިޔައިރު ވެސް ރަނގަޅު ކުލައެއް ނުލިބޭ. 1979- 1980 ދެމެދުގެ ހިސާބެއްގައި އަޅުގަނޑުމެންނަށް ލިބުނު ނޭރީސް އޮއިލް ކަލާސް، ނޭރީސް ވޯޓާ ކަލާސް. އެއީ ޗައިނީސް ގްރާންޓެއްގެ ދަށުން ސްކޫލްތަކަށް ގެނައި ކުލަތަކެއް. އެ އަޅުގަނޑުމެންނަށް ކޮލިޓީ ކުލަތަކެއްގެ ގޮތުގައި އޭރު ފެނުނީ. ރާއްޖޭން ބޭރުން ރަނގަޅު ކުލަ ލިބެން ފެށީ ދެހާހުގެ ތެރޭގައި،" އޭނާ ވިދާޅުވި އެވެ.

ދެން އޮތީ އެ ގެލެރީއިން ގަންނަ ހަދިޔާ ޕެކިން (ޕާރުސަލް) ކުރުމުގެ ވާހަކަ އެވެ. އެ ޚިދުމަތް ދިނުމުގައި ވެސް ނައުޝާދު ވަނީ ދުނިޔޭގެ ނަން މަޝްހޫރު "ޖޯން ލުވިސް" ސްޓަޑީކުރައްވައި އެއާ އެންމެ ގާތް ކުރާ ޕެކިންގެ ޚިދުމަތެއް ދެވޭނެ ގޮތް ދުރާލާ ވިސްނައި ހަމަޖައްސައިފަ އެވެ.

ދާދިފަހުން މާލޭގައި ހުޅުވި ނައުބެގެ "ނައުޝާދު އާޓްސް" ގެލެރީ ތެރޭގައި ބަޔަކާއެކު މަޑުކޮށްލައްވައިގެން.

"އަޅުގަނޑު ބެލިބެލުމުގައި ޖޯން ލުވިސް ގެނގުޅޭ ޕެކިން ފުދޭ ވަރަކަށް ރަނގަޅު. އެމީހުން ޕެކް ކުރަން ބޭނުންކުރާ މެޓީރިއަލް އާއި ތެރަސް އަޅުގަނޑު ވަރަށް ސްޓަޑީކޮށްފިން. އެހާކަންހާވަރުގެ ޕެކިންއެއް ފޯރުކޮށްދެވޭތޯ ބަލާނަން. ދެން އަނެއް ކަމަކީ އަޅުގަނޑުމެންގެ އަތުން ބައްލަވައި ގަންނަވާ އެއްވެސް އެއްޗެއްގައި، ކިތަންމެ ކުޑަ ޑެމޭޖެއް އިނަސް ނުވަތަ ގެންދާ ފަހުން ވެސް ވަކި މުއްދަތެއްގެ ތެރޭގައި ވެއާ އެންޓެއާ (ގުދުރަތީގޮތުން އަންނަ ބަދަލެއް) ނޫން ގޮތަކަށް ގެއްލުމެއް ހުރިކަން ފާހަގަކުރެވިގެން ބަދަލު ކުރަން ގެނެސްފިނަމަ، އަޅުގަނޑުމެން އޭތި ރިޕްލޭސް [ބަދަލު] ކޮށްދޭނެ ކަމުގެ ޔަގީންކަންދެން،" ނައުޝާދު ވިދާޅުވި އެވެ.

އެތައް އަހަރެއް ފަހުން ނައުބެގެ ހުނަރުވެރިކަން އަނެއްކާ ވެސް މިވަނީ ދިވެހިންނާ ހަމަޔަށް ފޯރައިފަ އެވެ. މިއީ އޭނާގެ މޮޅު ހުނަރު ދައްކުވައިދޭ ޝައުގުވެރި ގެލެރީއެކެވެ.