ފަރުކޮޅުފުށީގައި ހުންނަ ކޮވިޑް-19 އަށް ޕޮޒިޓިވްވާ ޑްރަގް އެޑިކްޓުން އައިސޮލޭޓް ކުރާ ޖަލުގައި ކަމާ ނުގުޅޭ މީހަކު އައިސޮލޭޓް ކޮށްފި އެވެ.

އުމުރުން 27 އަހަރުގެ އެ ޒުވާނާ ފަރުކޮޅުފުށީގައި ހުންނަ ޑްރަގް އެޑިކްޓުންގެ ޖަލުގައި އައިސޮލޭޓްކުރީ މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޭނާ ބުނީ ކޮވިޑަށް ޕޮޒިޓިވްވުމާއެކު ފުރަތަމަ އޭނާ ބެހެއްޓީ ޗަންޕާ ސެންޓްރަލް ހޮޓަލްގައި ކަމަށެވެ. އަދި އެތަނުގައި ބަހައްޓާފައި ވަނިކޮށް ބޭބެ ކައިރިއަށް ބަނޑޮސް އައިލެންޑް ރިސޯޓަށް ބަދަލުކޮށްދިނުމަށް އެދުމުން ދެން ގެންދިޔައީ ޕޮޒިޓިވްވާ ޑްރަގް އެޑިކްޓުން ބައިތިއްބާ ޖަލަށް ކަމަށް ވެސް އޭނާ ބުންޏެވެ.

"އެ ޖަލުގައި ތިބެނީ ބިއްޖެހިފައި ތިބި ޒުވާނުން. އެތަނުގެ ތެރޭގައި ވެސް އެމީހުން މަސްތުވާތަކެތި ބޭނުންކުރޭ. އަޅުގަނޑު އެތަނަށް ލުމުން ތަކުރާރުކޮށް އެޗްޕީއޭގެ ބޭފުޅުންނަށް ދެންނެވިން ޑްރަގް އެޑިކްޓުން ބައިތިއްބާ ޖަލެއްގައި އަޅުގަނޑު ބެހެއްޓީ ކީއްވެގެން ހެއްޔޭ. އަޅުގަނޑު އެހެން ތަނަކަށް ބަދަލުކޮށްދޭށޭ. އެކަމަކު އެޗްޕީއޭ އިން ދިނީ ބީރު ކަންފަތެއް،" އޭނާ ބުންޏެވެ.

އެތަނުގައި ހޭދަކުރި ދުވަސްތަކުގައި ދިމާވި ކަންތައްތައް ހިއްސާ ކުރަމުން އޭނާ ބުނީ ނަފްސާނީ ގޮތުން އެތައް އުނދަގޫތަކެއް ތަހަންމަލް ކުރަން ޖެހުނު ކަމަށެވެ.

ޑްރަގް އެޑިކްޓުން ބައިތިއްބާ ޖަަލުގައި ބެހެއްޓިއިރު، އޭނާއަކީ ޑްރަގް އެޑިކްޓެއް ނޫން ކަމުގެ ލިޔުމެއް ދީފަ އެވެ.

އޭނާގެ ގާނޫނީ ވަކީލު އަހްމަދު ތޯލިބު ވިދާޅުވީ އެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުމަށްޓަކައި މިރޭ ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ދިޔުމުން އެ މައްސަލަ ފުލުހުންނަށް ނުބެލޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. އަދި ފުލުހުން ލަފާދިނީ އެ މައްސަލަ ހިއުމަންރައިޓްސް ކޮމިޝަނަށް ހުށަހެޅުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތޯލިބު ވިދާޅުވީ އެޗްޕީއޭގެ އެ އަމަލަކީ ޖިނާއީ ކުށެއް ކަމަށާއި އެކަމުގައި އިހްމާލުވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގެން ޖެހޭ ކަމަށެވެ.

"ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބަތުގައި ވަރަށް ސާފުކޮށް ބަޔާން އެބަކުރޭ ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމަކީ ކުށެއް ކަމަށް. އެ މާއްދާގެ ދަށުން މި މައްސަލަ ތަހްގީގު ކުރެވެން އެބަޖެހޭ،" ތާލިބު ވިދާޅުވި އެވެ.

މަދަނީ ޤާނޫނުތަށް ، ވުޖޫދުވެފައި ވާާނަމަ " ފޯލްސް އިންޕްރިޒަންމަންޓުގެ ދަށުން " ޤާނޫނާއި ޚިލާާފަށް މީހަކު ބަންދު ކުރުމުން މަދަނީ ބަދަލު ކޯޓުން މިފަދަ މައްސަލަތަކުގައި ނަގައިދެވިދާާނެ އެވެ.