ފާއިތުވި ހަފްތާގައި ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު އަވަހާރަކޮށްލުމަށްފަހު އިޒްރޭލުން ޣައްޒާ އާއި ލުބުނާނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފި އެވެ.

އެގޮތުން އިޒްރޭލުން ވަނީ އިއްޔެގެ ވަގުތެއްގައި ހިޒްބުﷲ ގެ އިންޓަލިޖެންސް ހެޑްކުއާޓަރަށް އަމާޒުކޮށް ލުބުނާނުގެ ވެރިރަށް ބޭރޫތައް ހަމަލާތަކެއް ދީފަ އެވެ. މީގެ އިތުރުންވެސް ބިމު އަޑީގައި ހުރި ހިޒްބުﷲ ގެ ހަތިޔާރު ގުދަނަކަށް ހަމަލާ ދީފައިވާކަމަށްވެސް އިޒްރޭލުން ބުނެފައިވެ އެވެ.

ހަމަލާތަކުގައި ހިޒްބުﷲގެ ތިން ކޮމާންޑަރަކު މަރާލާފައިވާ ކަމަށްވެސް އިޒްރޭލުން ބުނެ އެވެ. މި ހަމަލާތަކާއި ގުޅޭ ގޮތުން ހިޒްބުﷲ އިން ވަކިއެއްޗެއް ބުނެފައިނުވެ އެވެ.

ލުބުނާނުން ވަނީ މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔަހޫގެ ގެ އަށް އަމާޒުކޮށް ހަމަލާއެއް ދީފަ އެވެ. އެ ހަމަލާއިން ނަތަންޔާހޫވަނީ ހަނިގޮތަކަށް ސަލާމަތްވެފަ އެވެ. މީގެ އިތުރުންވެސް ހިޒްބުﷲ އިން ވެސް ދަނީ ގިނަ ހަމަލާތަކެއް އިޒްރޭލަށް ދެމުންނެވެ.

ފަލަސްތީނުގެ ދިފާއުގައި ހިޒްބުﷲ އިން ބޯޑަރު ހުރަސްކޮށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލަށް ދެމުންދިޔަ ހަމަލާތައް ގޯސްވެފައިވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އިޒްރޭލުން ލުބުނާނަށް ހަމަލާދޭން ފެށުމާއެކު އެވެ.

އާދިއްތަ ދުވަހު ޣައްޒާގެ ބެއިތު ލަހިޔާއަށް ދިން ހަމަލާތަކެއްގައި 87 މީހުން ޝަހީދުކޮށްލާފައިވާއިރު، އެ ސަރަހައްދުގައި ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ޓީމްތަކުން ދަނީ ކުރަމުންނެވެ. މި ހަމަލާއަކީ މިހާތަނަށް އެއް ހަމަލާއިން އެންމެ ގިނަ މީހުން ޝަހީދުކޮށްލި ހަމަލާކަމަށް ފަލަސްތީނުން ބުނެ އެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އިތުރުކޮށްފައިވާއިރު، ފާއިތުވި ދެ ހަފްތާގައިވެސް ޣައްޒާގެ ޖަބާލިޔާއަށް ގިނަ ހަމަލާތަކެއް ދީ އެތައް ބަޔަކު ޝަހީދުކޮށްލާފައިވެ އެވެ. އެގޮތުން ފާއިތުވި ހަފްތާ ތެރޭގައި ފަލަސްތީނުގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ.

މީގެ އިތުރުން އިޒްރޭލުން ވަނީ ޣައްޒާގައި މިހާރު ބޭނުންކުރެވޭ ހާލަތުގައި ހުރި ތިން ހޮސްޕިޓަލްގެ ތެރެއިން ދެ ހޮސްޕިޓަލަށް ހަމަލާދީ ބަލި މީހުނާއި މެޑިކަލް އޮފިސަރުންތަކެއް ޒަހަމްކޮށްލާފަ އެވެ.