ޗައިނާއަށް ދައްކަންޖެހޭ ލޯނު ދައްކަން ރިފައިނޭންސް އެގްރިމެންޓެއްގެ ދަށުން ސަރުކާރުން އަނެއްކާވެސް 74.7 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސޮއި ކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ 74،767،699 ޑޮލަރު (1.1 ބިލިއަން ރުފިޔާ) ރިފައިނޭންސް ކުރުމުގެ އެއްބަސްވުމެއްގައި 23 ސެޕްޓެމްބަރު 2024 ގައި ސޮއިކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހާ ޒަމީރު ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އަލުން ނެގި ލޯނު، ދައްކަންޖެހޭނީ ހަ އަހަރު ދުވަހުގެ ތެރޭގަ އެވެ. ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ތިން އަހަރު ވަނީ ދީފަ އެވެ.

ރިފައިނޭންސް ކުރަނީ ޑިސެމްބަރު، 2015، ގައި ސަރުކާރުން ނެގި ލޯނެކެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ނެގި ލޯނެކެވެ. އެއީ ޖުމުލަ 373.8 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ގެ ލޯނެކެވެ.

ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ މައުލޫމާތުގައި ބުނެފައި އޮތީ ލޯނު ރިފައިނޭންސް ކުރުމުން ދައުލަތުގެ ކޭޝްފްލޯ އަދި ރިޒާވަށް ކުރަންޖެހޭ ހަރަދު، މެދު ރާސްތާގައި ކުރަންޖެހޭ ހޭދަތައް ކުޑަވާނެ ކަމަށެވެ.

ދައުލަތުގެ މާލީ ހާލަތު ދަށްވެ، ފޮރިން ކަރަންސީ ރިޒާވަށް ނޭދެވޭ އަސަރު ކޮށްފައިވާ މިފަދަ ދަނޑިވަޅެއްގައި ދަރަނީގެ ޕޯޓްފޯލިއޯގައި ހިމެނެ ލޯނެއް ރިފައިނޭންސް ކުރެވުމުން، މިހާރު ދައްކަންޖެހޭ ދަރަނި އަހަރުތަކަކަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖެހިގެންދާނެކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ބޭރު ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު، ދަރަނި މިހާރު ހުރީ ޖީޑީޕީގެ ނިސްބަތުން 116.5 އިންސައްތައިގައި ކަމަށާއި ބޭރުގެ ދަރަނި އަދާކުރަން އުފެއްދި ސޮވެރިން ޑިވޮލޮޕްމަންޓް ފަންޑުގައި ވެސް ހުރީ 65 މިލިއަން ޑޮލަރު ކަމަށް ދާދިފަހުން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓްގައި ބުނެފައިވެ އެވެ. އެއީ އެކަށީގެންވާ އަދަދެއް ނޫންކަމަށްވެސް އެ ބޭންކުން ވަނީ ބުނެފަ އެވެ.

ބޭރުގެ ދަރަންޏަށް އަންނަ އަހަރު ރާއްޖެއިން 500 މިލިއަން ޑޮލަރު ދައްކަން ޖެހޭ އިރު 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ.