ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރު ކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކާ ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވާނީ ނިންމާފައި ކަމަށެވެ.

މީގެ އިތުރުން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށި ކުރުމަށްވެސް ގާނޫނަށް އިސްލާހު ގެނެވޭނެކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ އަންނަ މަހުން ފެށިގެން ތިން ރުފިޔާ އިން އަށް ރުފިޔާއަށް ބޮޑުކުރުމަށާއި ވަކިވަކި ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީގެ އިތުރުން ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީގައި ހިމެނޭ އެޑް ވެލޮރަމް ރޭޓް 50 ޕަސެންޓުން 100 ޕަސެންޓަށް މަތިކުރަންވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.