ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ހިދުމަތް ދޭތީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުން އެކަމުގެ ނުރުހުން ފާޅުކޮށްފި އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ލިބޭތީ ޕީއެންސީގެ މެންބަރުން ކަންބޮޑުވުން ފާޅު ކުރީ، ދުންފަތާއި ވޭޕުގެ ބާވަތްތަކުން ޓެކްސް ބޮޑު ކުރުމުގެ ބިލަށް މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ.

އެކަމާ ކަންބޮޑުވުން ފާޅު ކުރައްވަމުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އުމުރުގެ ބޮޑުބައި ސިނގިރޭޓު ބޮއެފައި، މުސްކުޅިވާ ދުވަހު އާސަންދައިން ބޭސް ކުރުމަކީ ވިސްނައިލަންޖެހޭ މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ ދިރިއުޅުމުގެ އާދަތައް ބޭނުންހާ ގޮތަކަށް ބަހައްޓާފައި މުސްކުޅިވާ ދުވަހު އާސަންދައަށް ބަރޯސާވެގެން ދައުލަތުން ބޭސްކޮށްދޭންޖެހުމަކީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ވިލިމާލެ ދާއިރާގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރު މުހައްމަދު އިސްމާއިލް ވަނީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ބޮޑެތި ބަލިތަކަށް އާސަންދަ ދިނުމާ ދެކޮޅުކަމަށް ވިދާޅުވެފަ އެވެ.

އެ ބިލަށް ވާހަކަ ދައްކަވަމުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ ކަންބޮޑުވުން ފާޅު ކުރެއްވީ އާސަންދައިން އަހަރަކު ދާ ހަރަދު ދުންފަތުގެ ޓެކުހުން ނުލިބޭތީ އެވެ.

"އާސަންދައިން ބޭސްކުރަން 974 މިލިއަން ރުފިޔާ ކޮންމެ މަހަކު ދުންފަތުން ވާ ގެއްލުމަށް ބޭސްކުރަން އެބަ ހަރަދުކުރެވޭ. ދުންފަތަށް ނަގާ ޓެކްސްއަކަށް އެވަރަކަށް ނުވެސް ލިބޭ. ވަރަށް ރީއްޗެއްނު؟" އޭނާ ވިދާޅުވި އެވެ.

އެ ބަހުސްގައި ވާހަކަ ދައްކަވަމުން ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެއިން ހަމީދު ވިދާޅުވީ ދުންފަތާ ގުޅޭ ބަލިތަކަށް އާސަންދައިން ހޭދަ ކުރަންޖެހޭ މިންވަރު ދިރާސާ ކުރަންޖެހޭ ކަމަށެވެ. ހަމީދު ހުށަހެޅުއްވީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދަ ދިނުން ހުއްޓާލުމަށް ނުވަތަ އާސަންދައިން ހަރަދު ކުރާ މިންވަރުން ޕަސެންޓެއް އުނި ކުރުމަށެވެ.

ހަމަ ހަމަކަމާއެކު ހުރިހާ ރައްޔިތުންނަށް ލިބޭ އާސަންދަ ވަކިބަޔަކަށް ނުދިނުމަށް ސަރުކާރު މެންބަރުން ވާހަކަ ދައްކަވާއިރު، މަޖިލިސް މެންބަރުންނާއި އާއިލާއަށް އަދި ކުރީގެ މެންބަރުންނަށް ވެސް އާސަންދައިގެ އިތުރުން ވަކި ހެލްތު އިންސުއަރެންސްއެއް ލިބެ އެވެ.