ދިގު ހަތް އަހަރަށްފަހު އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކްރުޝްނާ އަބީޝޭކްއާއި އޭނާގެ ބޮޑުބޭބެ އެކްޓަރު ގޯވިންދާއާ ދެމެދު އޮތް މައްސަލަތައް ހައްލުކޮށް ސުލްހަވެއްޖެ އެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކްރުޝްނާ ވަނީ އެ އާއިލާގެ އެންމެންވެސް މާޒީ ހަނދާން ނައްތާލައި އާ ފެށުމަކުން ފަށާފައިވާކަން ޔަގީންކޮށްދީފަ އެވެ.

ކްރުޝްނާ ބުނީ ދުވަސްތަކަކަށްފަހު ބޮޑުބޭބެއާއި އޭނާގެ އާއިލާއާ ބައްދަލުވުމަކީ އަސަރުގަދަ ކަމެއް ކަމަށާއި އެމީހުންނާއެކު ހޭދަކުރި ހަޔާތުގެ ދުވަސްތައް ހަނދާނަށް އައި ކަމަށެވެ.

"މާޒީގެ ވާހަކަ އެއްވެސް މީހަކު ނުދައްކާ. އެންމެންވެސް ބޭނުންވީ ވީ ކަމެއް ވީ ގޮތަކަށް ދޫކޮށްލައި ކުރިއަށް އޮތް ތަނަށް ވިސްނަން" ކްރުޝްނާ ބުންޏެވެ.

ކްރުޝްނާއާއި ގޯވިންދާ ސުލްހަ ވެފައި މިވަނީ މި މަހުގެ ކުރީކޮޅު ގޯވިންދާގެ ފަޔަށް ވަޒަނެއް އަރައި ހޮސްޕިޓަލުގައި ފަރުވާދީފައި ވަނިކޮށެވެ.

އެ ހާދިސާ ހިނގުމާއެކު ކްރުޝްނާގެ އަންހެނުން ކަޝްމީރާ ޝާހް ގޯވިންދާއަށް ޒިއާރަތްކުރިއިރު ކްރުޝްނާއަށް އޭރު އެތަނަށް ނުދެވުނީ އިންޑިއާގައި ނެތުމުންނެވެ.

ގޯވިންދާއާއި ކްރުޝްނާއާ ދެމެދު މައްސަލަ ގޯސްވީ ގޯވިންދާގެ ބައެއް ފިލްމު ކެރެކްޓަރުތަކަށް ކްރުޝްނާ ހަޖޫ ޖެހުމުންނެވެ. އެއަށްފަހު އެ ދެމީހުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ވަނީ ބަދަލު ކުރެވިފަ އެވެ.