ރައީސް މުހައްމަދު މުއިއްޒު މިހާތަނަަށް އައްޔަންކުރެއްވި ސިޔާސީ ބޭފުޅުންގެ މައުލޫމާތު ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.

މި ކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 59 މެންބަރުން ވޯޓާއެކު މައްސަލަ ވަނީ ތަޅުމުން ބޭރުކޮށްލާފަ އެވެ. ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ.

މިކާއިލް ހުށަހެޅުއްވި މައްސަލައިގަައި ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް ފަރާތްތަކުގެ މުސާރަ ކުޑަކުރަން ނިންމިކަން ސަރުކާރުން އިއުލާނުކޮށްފައިވާއިރު ރައީސް އައްޔަންކުރައްވާފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު މިއަދާ ހަމައަށް ވެސް ހާމަކޮށްފައިނުވާ ކަން ވަނީ ފާހަގަކޮށްފަ އެވެ.

މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ސިޔާސީ މަގާމުތަކަށް ރައީސް އައްޔަންކުރައްވާފައިވާ ބޭފުޅުންގެ އަދަދާއި އެ ބޭފުޅުންގެ މަގާމުގެ މަސްއޫލިއްޔަތު ހާމަކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.