19 ވަނަ މަޖިލީހުން މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓު ހަރަދުކުރި ގޮތުގެ ތަފުސީލު، ސަޕްލިމެންޓަރީ ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ވެސް ސިއްރުކުރަން އެ ކޮމިޓީން ފާސްކޮށްފި އެވެ.

މިއަހަރު އިތުރަށް ހަރަދުކުރުމަށް ސަރުކާރުން ވަނީ މި މަހުގެ 24 ވަނަ ދުވަހު ފަސް ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފަ އެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މާދަމާ ހާޒިރުވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓަރު ހާޒިރުވާއިރު މި އަހަރުގެ ބަޖެޓު މިހާތަނަށް ހަރަދުކުރި ގޮތުގެ ތަފުސީލު ކޮމިޓީއާ ހިއްސާކުރުމަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްގަފޫރު މޫސާ އެވެ.

މި ހުށަހެޅުމަށް ވޯޓަށް އެހުމުން އެ ތަފުސީލުތައް ކޮމިޓީއަށް ހިއްސާކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ ހަތަރު މެންބަރުންނާއި އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް އެވެ.

ކޮމިޓީގައި ހިމެނޭ ޕީއެންސީގެ 14 މެންބަރުންނާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވޯޓު ދެއްވީ ތަފުސީލުތައް ސިއްރުކުރުމަށެވެ. މި ހުށަހެޅުމަށް ވަކިގޮތަކަށް ވޯޓު ނުދެއްވަނީ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން އެވެ.

ތަފުސީލުތައް ސިއްރުކުރަން ފެންނަ ކަމަށް ޕީއެންސީ މެންބަރުން ވޯޓު ދެއްވުމުން އިދިކޮޅު މެންބަރުން ވަނީ، ރައްޔިތުންގެ ފައިސާ ހަރަދުކުރި ގޮތް އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ސަޕްލިމެންޓަރީ ބަޖެޓް ބަޔާން މަޖިލީހަށް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ ނިމިދިޔަ ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓެއް ކަމަށެވެ. އަދި ޚަރަދުތައް ކުޑަކޮށް ދެއްކުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ރިފޯމްތަކެއް އަންނާނެ ކަމަށް ބަލައިގެން ބަޖެޓު އެކުލަވާލިއިރު، އެ ރިފޯމްތައް އެކީގައި ތަންފީޒުކުރެވޭނެ ގޮތަށް އެކުލަވާލާ ފަރުމާ ކުރުމުގެ ޒިންމާ ނިމިދިޔަ ސަރުކާރުން އަދާކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ބަޖެޓް ހަރަދުކުރި ގޮތުގެ ތަފްސީލު ހާމަނުކުރާތާ ހަތަރު މަސްވެފައިވާއިރު، މި ހަފްތާގައި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ޝާއިއުކުރަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ވިދާޅުވެފަ އެވެ.