މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ބޯޑުން އިބްރާހިމް ނޫރައްދީން ވަކިކޮށްފި އެވެ.
ނޫރައްދީން މަގާމުން ވަކި ކުރީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނޫރައްދީންއަކީ 2019 އިން ފެށިގެން އެމްއޭސީއެލްގެ ބޯޑުގައި އިންނަވާ ބޭފުޅެކެވެ.
ނޫރައްދީން އެމްއޭސީއެލްގެ ބޯޑުން ވަކި ކުރިއިރު، މިދިޔަ ފެބްރުއަރީ މަހު މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވަނީ އެމްއޭސީއެލްގެ ބޯޑުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުގައި 10 އަހަރު ހުންނެވުމަށް ފަހުގަ އެވެ.
އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު އައިސްފައި ވާތީ އެ ކުންފުނިން މިއަދު މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ، ކުންފުނީގެ ބޯޑަށް ބަދަލު އައިކަން މިދިޔަ ބުރާސްފަތި ދުވަހު އަންގާފައިވާ ކަމަށެވެ.
އެގޮތުން، އެ ސާކިއުލާގައި ބުނެފައި ވަނީ، ޑިރެކްޓަރުންގެ ގޮތުގައި އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބެވީ ފަސް މެންބަރުން ކަމަށެވެ. އެއީ އިބްރާހިމް ޝަރީފް - މެނޭޖިން ޑައިރެކްޓަރު ، އިބްރާހިމް ސިޔާދު ގާސިމް، އިބްރާހިމް މަހުދީ، ސަހަރު ވަހީދު އަދި މުހައްމަދު ރިޔާޒު އެވެ.
އެމްއޭސީއެލް ބޯޑުން ނޫރައްދީން ވަކިކުރި ސަބަބު ޕީސީބީން ބުނެފައިނުވެ އެވެ.
ޗެއާމަން ހިމެނޭ ގޮތުން އެމްއޭސީއެލްގެ ބޯޑުގައި ނުވަ ބޭފުޅުން ތިއްބަވަން ޖެހެ އެވެ. އެހެންކަމުން، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ހަތަރު މަގާމު އޮތީ ހުސްކޮށެވެ.