އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާގޮތަށް ބަދަލުކުރަން ގާނޫނުތަކަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

އެ ދެ ގާނޫނު އިސްލާހުކުރަން ނިންމާފައި ވަނީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން އެ ކޮމިޝަނެއްގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގައި އަމަލުކުރަމުންދާ އުސޫލު އެއް ހަމަކުރުމުގެގޮތުން ކަމަށް ސަރުކާރުން ބުނެ އެވެ.

އެ ދެ ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން ރައީސްކަމާއި ނައިބު ރައީސް ކަމަށް އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅަކު އައްޔަން ކުރެއްވުމުގެ ބާރު އެމަނިކުފާނަށް ލިބިގެންވާ ކަމަށް އެ އިސްލާހުގައިވެ އެވެ.

މިހާރު ގާނޫނު އޮތްގޮތުން އެ ދެ ކޮމިޝަނަށް ވެސް ރައީސާއި ނައިބު ރައީސް އައްޔަން ކުރަނީ އެ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

އޭސީސީ އާއި އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައިވާގޮތުން އެ ކޮމިޝަންތަކުގެ ރައީސުން އިސްތުފާދޭން ބޭނުންވެއްޖެނަމަ އެކަން ހާމަކޮށް ސިޓީ ހުށަހަޅަންޖެހޭނީ ކޮމިޝަނަށެވެ. އަދި ނައިބު ރައީސް އިސްތިއުފާދޭން ބޭނުންވާނަމަ ސިޓީ ހުށަހަޅާންޖެހޭނީ ކޮމިޝަނުގެ ރައީސަށެވެ.

ނަމަވެސް މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވާގޮތުން ދެ ކޮމިޝަނުގެވެސް ރައީސާއި ނައިބު ރައީސް އިސްތިއުފާދޭނަމަ އެކަން ހާމަކޮށް ސިޓީ ހުށަހަޅަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.