ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިނަށް ކަރަންޓީނު ނުވެ މާލެއިން ރަށްރަށަށް ދެވޭ ގޮތަށް ގައިޑްލައިން އިސްލާހުކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކައުންސިލް އިންތިޚާބުގެ ގައިޑްލައިނަށް މިރޭ ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން މާލެއިންނާއި މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކުން ޚާއްސަ ކަންތައްތަކެއް ފުރިހަމަކޮށް ކެންޑިޑޭޓް ކަނޑައަޅާ ބަޔަކަށް ދަތުރު ކުރެވޭނެ އެވެ.

އެފަދަ ދަތުރެއް ނުރެވޭނީ އެޗްޕީއޭގެ ހުއްދަ ހޯދައިގެން ކަމަށާއި އެ ހުއްދަ ދެވޭނީ 72 ގަޑިއިރުގެ ކުރިން ހަދާފައިވާ ކޮވިޑްގެ ޕީސީއާރް ނެގަޓިވް ޓެސްޓެއް ހުށަހެޅުމުން ކަމަށް އެ ގައިޑްލައިންގައިވެ އެވެ. އެފަދަ ދަތުރުތައް ކުރުމަށް ހުއްދަ ދެނީ ފަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށެވެ.

ގައިޑްލައިންގައި ވާގޮތުން އެފަދަ ދަތުރުތަކުގައި ބައިވެރިކުރެވޭނީ ކެންޑިޑޭޓު ކަނޑައަޅާ ފަސް މީހުންނަށް ވުރެ އިތުރުނުވާ އަދަދެއްގެ މީހުންނެވެ.

ފަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ކެމްޕެއިން ދަތުރެއް ކުރެވޭނީ 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާ ގޮތަށް ކަމަށް ވެސް އެ ގައިޑްލައިންގައިވެ އެވެ.

އެޗްޕީއޭއިން ދީފައިވާ ދަތުރުކުރުމުގެ ހުއްދަ ރަށަށް ފުރުމުގެ ކުރިން އެރަށެއްގެ ކައުންސިލަށް ފޮނުވައި ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް އެ ގައިޑްލައިންގައިވެ އެވެ.

ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ނުވަތަ ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވެފައިވާ ނަމަ އެފަދަ މީހަކު ދަތުރުގައި ބައިވެރި ނުކުރެވޭނެ އެވެ.

ގައިޑްލައިންގައި ވާގޮތުން ކެންޕެއިނަށް ދާ ރަށެއްގައި ވަކިން ތިބެވޭނެ އިންތިޒާމު ހަމަަޖައްސަން ޖެހެ އެވެ. އަދި އެ ރަށެއްގައި ބައްދަލުވުންތައް ބޭއްވުމަށް ކަނޑައަޅާފައިވާ ތަން ނޫން އެހެން ތަނަކަށް ގޮސްގެން ނުވާނެ ކަމަށް ވެސް ގައިޑްލައިންގައި ބުނެފައިވެ އެވެ.

ގޭގެއަށް ޒިޔާރަތް ކުރުމާއި ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމްތައް ތިބޭ ތަންތަނަށް އާންމުން ދިޔުން ވެސް އެ ގައިޑްލައިންގެ ދަށުން ވަނީ މަނާކޮށްފަ އެވެ.

ބާއްވާ ބައްދަލުވުންތަކުގައި ހަ ފޫޓުގެ ދުރުމިނެއް ބަހައްޓަން ޖެހޭ ކަމަށް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

ކެމްޕެއިނަށް ދާ މީހަކު އެރަށުގައި ހުއްޓައި ޕޮޒިޓިވްވެފައިވާ މީހަކާ ކޮންޓެކްޓް ވެއްޖެނަމަ އެކަން ލަސްނުކޮށް އެޗްޕީއޭ އަށް ނުވަތަ އެރަށެއްގައި ހުންނަ ސިއްހީ ޚިދުމަތްދޭ ތަނަކަށް އަންގަން ޖެހެ އެވެ.