ތެހެރާން (އޮކްޓޯބަރު 28) - އިޒްރޭލުން ދިން ވައިގެ ހަމަލާތަކާ ގުޅިގެން އެކަށޭނަ ރައްދެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި އެވެ.

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވީ އިޒްރޭލުން ދިން ހަމަލާތައް ލުއި ގޮތަކަށް ނުނަގާނެ ކަމަށާއި އެކަން މާބޮޑު ކަމަކަށް ވެސް ނުދެކޭ ކަމަށެވެ.

އީރާނުގެ ރައީސް މައްސޫދު ޕެޒެޝްކިއަން ވިދާޅުވީ ތެހެރާނުން ބޭނުން ވަނީ ހަނގުރާމައެއް ނޫން ކަމަށާއި އެކަމަކު އިޒްރޭލަށް އެކަށޭނަ ރައްދެއް ދޭނެ ކަމަށެވެ.

އިޒްރޭލުން ބުނެފައި ވަނީ ހަމަލާތައް އަމާޒުކުރީ އީރާނުގެ އަސްކަރީ ތަންތަނަށް ކަމަށެވެ. އެ ހަމަލާތަކުގައި އީރާނުގެ ހަތަރު މީހުން ވަނީ މަރުވެފަ އެވެ. އިޒްރޭލުން ބުނެފައި ވަނީ އެ ހަމަލާ ދީފައި ވަނީ އޮކްޓޯބަރު 1 ވަނަ ދުވަހު އީރާނުން ދިން މިސައިލް ހަމަލާތަކުގެ ރައްދެއްގެ ގޮތުން ކަމަށެވެ. އީރާނުން ވަނީ އިޒްރޭލަށް 200 ބެލިސްޓިކް މިސައިލް ފޮނުވާލައިފަ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ އެ ގައުމުން ދިން ހަމަލާތަކުގެ ސަބަބުން އީރާނުގެ ވައިގެ އަސްކަރީ ގާބިލްކަން ވަރަށް ބޮޑަށް ދަށްކޮށްލި ކަމަށެވެ. އެކަމަކު އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ އިޒްރޭލުން ފޮނުވާލި ގިނަ މިސައިލްތައް އަމާޒަށް ވާސިލްވުމުގެ ކުރިން ހަލާކުކޮށްލާފައިވާ ކަމަށެވެ.

އިޒްރޭލުގެ ހަމަލާތަކަށް ފަހު ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ޚާމަނާއީ ވިދާޅުވީ އިޒްރޭލަށް ރައްދު ދޭނެ ގޮތެއް ނިންމުމަކީ އެ ގައުމުގެ ވެރިންނާއި ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޗީ ވިދާޅުވެފައި ވަނީ އިޒްރޭލުގެ ހަމަލާގެ ކުރިން އެ ހަމަލާދޭން އުޅޭކަން އީރާނަށް އެނގުނު ކަމަށާއި އެހެންވެ ދިފާއުވާން ތައްޔާރުވި ކަމަށެވެ.

ހުޅަނގުގެ ބައެއް ގައުމުތަކުން ދަނީ އިޒްރޭލަށް ރައްދު ނުދިނުމަށް އީރާނުގެ ކިބައިން އެދެމުންނެވެ.