މަޝްހޫރު އިނގިރޭސި ދެ ލަވަކިޔުންތެރިން ކަމަށްވާ އެޑޭލްއާއި ސެލީން ޑިއޯންއަކީ ވަރަށް ހާއްސަ ގުޅުމެއް ހިއްސާކުރާ ގާތް ދެ ތަރިންނެވެ.
އެކަން އެންމެ ފަހުން ހާމަވެގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު ލަސް ވޭގަސްގެ ދަ ކޮލޯސިއަމްގައި އޮތް އެޑޭލްގެ ކޮންސެޓުގެ ތެރެއިންނެވެ.
އެ ކޮންސެޓުގައި އެޑޭލް އޭނާގެ ހުށައެޅުން ކުރިއަށް ގެންދަނިކޮށް ސެލީން އަންނަ މަންޒަރު ފެނުމުން އެޑޭލްއަށް އުފަލުން ރޮވުނުކަން އެއްވެ ތިބި އެންމެންނަށް ފާހަގަވި އެވެ.
ދެތަރިން ބައްދަލުވެ އެކަކު އަނެކަކާ ބައްދާލައި އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރިއިރު އެއްވެ ތިބި ސަޕޯޓަރުންގެ އަޑު މުޅި ތަނުގައި ގުގުމާލި އެވެ.
އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު އެމަންޒަރުން ފެނިގެންދަނީ ދެތަރިންގެ ދެމެދުގައި އޮތް ލޯތްބާއި އެކަކު އަނެކަކަށް ކުރާ އިހުތިރާމު ކަމަށް ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.
އެ މަންޒަރުގެ ފޮޓޯއެއް އެޑޭލްގެ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އޭނާ ބުނެފައިވަނީ ކޮންސެޓުން ސެލީން ފެނުމަކީ ލިބުނު "ސަޕްރައިޒެއް" ކަމަށާއި އެ އުފާވެރިކަން ދުލުން ބަޔާން ނުކުރެވޭނެ ކަމަށެވެ.
"ވަރަށް ބޮޑަށް ލޯބިވޭ. އަހަރެންގެ ހިތުގައި ދެވިފައި އޮތް މަގާމެއް ބުނެދޭން ވެސް ނޭނގޭ" ސެލީންއާ މުހާތަބުކޮށް އެޑޭލް އޭނާގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.
އެޑޭލް މިހާރު މަސައްކަތް ކުރަމުން އަންނަނީ އޭނާގެ ކޮންސެޓް ސީރީޒް "ވީކެންޑްސް ވިތު އެޑޭލް"ގެ އެންމެ ފަހު ކޮންސެޓުތަކުގަ އެވެ. 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށި އެ ކޮންސެޓް ސީރީޒް އަންނަ ނޮވެމްބަރު މަހު ނިމޭނެ އެވެ.