ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ރައްޔިތުންގެ ފާޑުކިޔުން އަމާޒުވުމުން ރައީސް މުހައްމަދު މުއިއްޒު އެ އިސްލާހުތައް ދިފާއުކުރައްވާ، މިނިވަން މުއައްސަސާތަކަށް ނުފޫޒު ނުފޯރުއްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިރޭ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

ސަރުކާރަށް ފާޑުކިޔުން އަމާޒުވީ އިލެކްޝަން ކޮމިޝަން (އީސީ) އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސުންނާއި ނައިބު ރައީސުން އައްޔަންކުރުމުގެ ބާރު ރައީސަށް ލިބިދޭ ގޮތަށް ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެންނެވެ.

ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވަނީ އެމަނިކުފާނު އެއްވެސް މިނިވަން މުއައްސަސާއަކަށް އަދި ޖުޑިޝަރީއަށް ވެސް ނުފޫޒު ނުފޯރުވާނެ ކަމަށެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރުތަކުން ރައީސް ގެންދަވަނީ ބާރުތައް ޖަމާކުރައްވާ މުހިއްމު މުއައްސަސާތައް ރައީސްގެ ކޮންޓްރޯލުގެ ދަށަށް ގެންދިއުމަށް މަސައްކަތް ކުރައްވަމުންނެވެ.

ރައީސް މިރޭ ވިދާޅުވީ ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިހާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު މިއަދާ ހަމައަށްވެސް ކުރެއްވި ކަމެއް ނޫން ކަމަށާއި އަދި ކުރިއަށް އޮތް ތާނގައި ވެސް ކުރާނޭކަމެއް ނޫން ކަމަށެވެ.

"އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ ވާހަކަ ދަންނަވަން،" ރައީސް އިސްލާހުތައް ދިފާއުކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ފާހަގަކުރެވެނީ ވިދާޅުވާ އެއްޗަކާއި އިދިކޮޅަށް އަމަލު ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގަ އެވެ. ރައީސް މިރޭ އެހެން ވިދާޅުވި ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެންބަރުން ގެންދަނީ ރައީސްއަށް ހުރިހާ ބާރުތައް ދޭންޖެހޭ ކަމަށް ބުނެ މި އިސްލާހުތައް ދިފާއުކުރަމުންނެވެ.

އެގޮތުން މިއަދު މަޖިލިސް ޖަލްސާގައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ އިތުރުން ޖުޑިޝަރީ އާއި މަޖިލިސް ވެސް އިސްލާހުކުރުމުގެ ބާރު ރައީސްއަށް ދޭން ޖެހޭ ކަމަށެވެ.