ގާނޫނަށް ގެންނަ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން ޕާޓީއެއްގެ މެންބަރުކަމަށް ގަވާއިދާ ޚިލާފަށް މީހެއްގެ ނަން ހުށަހެޅުން ފިޔަވައި ސިޔާސީ ޕާޓީގެ ގާނޫނާ ޚިލާފުވާ ކޮންމެ މީހަކު 30،000 ރުފިޔާ އާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ. އަދި އެ އަމަލެއް ހިންގި މީހަކު ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ގާނޫނަށް ހުށައަޅާފައިވާ އިސްލާހުގައިވޭ.

ސިޔާސީ ޕާޓީގެ ގާނޫނާ ޚިލާފުވާ މީހާ ޖޫރިމަނާ ކުރުމުގެ އިތުރުން އެ މީހަކު ނިސްބަތްވާ ސިޔާސީ ޕާޓީ ވެސް ޖޫރިމަނާކުރާ ގޮތަށް އެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްލަތީފް މުހައްމަދު އެވެ.

ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ހުށަހެޅި ސަބަބެއް ކަމަށް ބުނެފައި ވަނީ ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ކަނޑައަޅާފައިވާ އުސޫލު އިސްލާހުކޮށް، ގާނޫނާ ޚިލާފުވާ ހާލަތްތައް މަދުކުރުމަށް ސިޔާސީ ޕާޓީތަކުން ޒިންމާ އުފުލުމަށް ބާރުއެޅުމަށް ކަމަށެވެ. އަދި ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރުމަށް މިހާރު ހުށަހަޅާ ފޯމު ގާނޫނުގެ ޖަދުވަލުގައި ހިމެނުމުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތްވާގޮތުގެ މަތިން ހުށަހެޅޭ ގޮތަށް ވެސް މި އިސްލާހުގެ ދަށުން ހަމަޖެއްސުމަކީ ވެސް ގާނޫނު އިސްލާހު ކުރުމުގެ މަގުސަދެއް ކަމަށް ބުނެފައިވެ އެވެ.

އެ ގާނޫނަށް ގެންނަ އިސްލާހުގައި ވަނީ ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ ކެންޑިޑޭޓަކު އެހެން ހައިސިއްޔަތަކުން އިންތިޚާބުތަކުގައި ވާދަކުރުމާ ގުޅޭގޮތުން އޮތް މާއްދާ ވެސް އުނިކޮށްފަ އެވެ. އެ މާއްދާގައިވާ ގޮތުން ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މެންބަރަކަށް އިންތިޚާބުތަކުގެ ޕްރައިމަރީގައި ވާދަކުރުމަށްފަހު އެހެން ހައިސިއްޔަތަކުން އެ އިންތިޚާބުގައި ވާދަނުކުރެވޭނެ އެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ހިމަނާފައިވާ މާއްދާއަށް ވެސް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ. އެ އިސްލާހުގައިވާ ގޮތުން ސިޔާސީ ޕާޓިތަކަށް ފައިސާ ދޫކުރާނީ އަހަރީ ބަޖެޓުން އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެކެވެ. މިހާރު އޮންނަ ގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އަހަރުގެ ބަޖެޓުން 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެކެވެ. މި އިސްލާހާއެކު ޕާޓީތަކަށް ދޫކުރާ ފައިސާގެ އަދަދު މަދުވާނެ އެވެ.

ގާނޫނަށް ގެންނަ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން ޕާޓީއެއްގެ މެންބަރުކަމަށް ގަވާއިދާ ޚިލާފަށް މީހެއްގެ ނަން ހުށަހެޅުން ފިޔަވައި ސިޔާސީ ޕާޓީގެ ގާނޫނާ ޚިލާފުވާ ކޮންމެ މީހަކު 30،000 ރުފިޔާ އާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ އަމަލެއް ހިންގި މީހަކު ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ގާނޫނަށް ހުށައަޅާފައިވާ އިސްލާހުގައިވެ އެވެ. މިހާރު ޖޫރިމަނާ ކުރަނީ ގާނޫނާ ޚިލާފުވާ މީހާ އެކަންޏެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އިސްލާހު ތަސްދީގުކުރާތާ 30 ދުވަހުގެ ތެރޭގައި ގަވާއިދުތައް އިސްލާހު ކުރުމަށް ވަނީ ބުނެފަ އެވެ.