ފޯސް ސްޓްރަކްޗާ ދެމެހެއްޓުމާއި ގާބިލު މީހުން ބޭތިއްބުމަށް ރިޓަޔާ ކުރެވިދާނެ ކަމަށް ސިފައިންގެ ރިޓަޔަމެންޓު ގަވާއިދުގައި ހިމަނަން ގާނޫނަށް ގެނެވުނު އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.

ސިފައިންގެ ގާނޫނުގެ 30 ވަނަ މާއްދާގައިވާ ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުމާ ބެހޭ މާއްދާގެ (ށ) ގެ ފަހަތަށް ދެ އަކުރެއް އިތުރުކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ސިފައިންގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ، ސިފައިންގެ މީހަކު ވަޒީފާއިން ވަކިވަނީ އެ ގާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ހާލާތަކުން ކުރެ ހާލަތެއްގައި ކަމުގައި ނުވާނަމަ، ސިފައިންގެ ވަޒީފާއިން ވަކިވާ ކޮންމެ މީހަކީ އެ ގާނޫނުގެ ދަށުން ހަދާ ރިޓަޔަމަންޓް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޝަރަފުވެރިކަމާއެކު ސިފައިންގެ ވަޒީފާއިން ވަކިވާ މީހެއް ކަމަށް މިނިސްޓަރަށް ކަނޑައެޅިދާނެ ކަމަށެވެ. އަދި (ށ) ގައި ބުނަނީ، ސިފައިންގެ މީހަކު ރިޓަޔާ ކުރެވޭނެ އަންނަނިވި ގޮތްތައް ސިފައިންގެ ރިޓަޔާމަންޓް ގަވާއިދުގައި ހިމަނަންވާނެ ކަމަށެވެ.

މިގޮތުން، އެއްވަނަ އަދަދުގައި ވަނީ ރޭންކަށް ކަނޑައެޅިފައިވާ އުމުރު ހަމަވުމެވެ. ދޭއްގައި ވަނީ، ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އެމަގާމުގައި ހުރުން، އަދި ތިނެއްގައި ވަނީ ސިއްހީ ހާލަތު ތަންނުދިނުމެވެ. މީގެ އިތުރުން، ހަތަރެއްގައިވަނީ އަމިއްލަޔަށް އެދިގެން ވަކިވުމެވެ.

މިފަހަރު ގާނޫނަށް ގެނެވުނު އިސްލާހާއެކު އިތުރުކުރެވުނީ، ފޯސް ސްޓްރަކްޗާ ދެމެހެއްޓުމާއި ގާބިލު މީހުން ބޭތިއްބުމަށް ރިޓަޔާ ކުރެވިދާނެ ކަމަށް އިތުރުކުރި ނަންބަރެވެ.

ސިފައިންގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދެވެ. އަދި މި ބިލުގައި ބުނެފައިވަނީ، ގާނޫނަށް ގެނެވޭ ބަދަލާއެކު ރިޓަޔަމެންޓް ގަވާއިދުގެ ދަށުން ރިޓަޔަރ ކުރެވުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.