ކާޑޭޝަން އާއިލާއިން މިފަހުން ބޯރާ ބޯރާއަށް ކުރި އާއިލީ ޗުއްޓީ ދަތުރުގެ ތެރެއިން އިންޓަނެޓުގައި އެންމެ ވައިގައި ހިފި އެއް ވީޑިއޯއަކީ މޫދަށް އެރި އުޅެނިކޮށް ކިމް ކާޑޭޝަންގެ އަގުބޮޑު ކަންފަތުލާ އެއްޗެއް ގެއްލިގެން އުޅޭ ވީޑިއޯ އެކެވެ.
އެ ވީޑިއޯގައި ކިމް މޫދަށް އެރި އުޅެނިކޮށް އޭނާގެ އަގުބޮޑު "ޑައިމަންޑް" ކަންފަތުލާ އެތި ގެއްލުމުން އެކަމާ ކަންބޮޑުވެގެން އުޅޭ މަންޒަރު ފެނެ އެވެ.
އެ އަޑު އަހަން ފާލަން މަތީގައި ހުރި ކޯޓްނީ ކިމްއާ މުހާތަބުކޮށް "ދުނިޔޭގައި އެކި ސަބަބުތަކާހުރެ މަރުވާ މީހުން އެބައުޅޭ" ކަމަށް ބުނެ އެވެ.
ކޯޓްނީގެ އެ ބުނުމުން މާނަކޮށްފައިވަނީ ޖަވާހިރުގެ ގަހަނާއެއް މޫދަށް ގެއްލުމަށްވުރެ ބޮޑަށް ކަންބޮޑުވާންޖެހޭ ކަންކަން ދުނިޔޭގައި އެބަހުރި ކަމެވެ.
މި ވީޑިއޯ ވައިގައި ހިފައި ގިނަ ބައެއްގެ ފާޑުކިޔުން ވެސް ކާޑޭޝަން އާއިލާއަށް އަމާޒުވި އެވެ. އެގޮތުން ކަން ދެއްކުމުގެ ބޭނުމުގައި ފިޔަވައި ޖަވާހިރުގެ ގަހަނާ އަޅައިގެން މޫދަށް އެރެނީ ކީއްކުރަންތޯ ވެސް ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.
މިފަހަރު މިއޮތީ އަނެއްކާ ވެސް އެ ވީޑިއޯ އަލުން ފެންމަތިވެފަ އެވެ. އެހެން ނަމަވެސް މިފަހަރު ތަފާތުވަނީ އެ ވީޑިއޯއިން ފެންނަ މޫނުތަކެވެ.
ބޮލީވުޑްގެ ޒުވާން ދެބެއިން ކަމަށްވާ ޖާންވީ ކަޕޫރާއި ޚުޝީ ކަޕޫރު މިހާރު ރާއްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީގެ ތެރެއިން އެ ދެ ތަރިން ވަނީ ކޯޓްނީއާއި ކިމްގެ ވީޑިއޯ އަލުން "ރީކްރިއޭޓް" ކޮށްފަ އެވެ.
އެގޮތުން ޖާންވީ ކިމްގެ ޖާގައިގައި މޫދުގައި އޮވެ ކަންފަތުލާއެތި ގެއްލިގެން ރޯއިރު ކޯޓްނީގެ ބައި ކުޅުނީ ހުޝީ އެވެ. ވީޑިއޯގައި ބޭނުން ކޮށްފައިވަނީ ކިމްއާއި ކޯޓްނީގެ އަސްލު އަޑެވެ.
މި ވީޑިއޯ އިންޓަނެޓަށް ޕޯސްޓު ކުރުމާއެކު ގިނަ ބަޔަކު ވަނީ ޖާންވީގެ ދެބެއިން ކާޑޭޝަންގެ ދެބެއިންނާ އަޅާކިޔައި އެދެ މީހުންނަކީ "އަގުހެޔޮ ކާޑޭޝަންސް"ގެ ގޮތުގައި ސިފަކޮށްފަ އެވެ.