ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފިޔަވާ އެހެން އެއްވެސް އެއާޕޯޓަކުން ޑިޕާޗާ ޓެކްސް ނުނަގަން އެމްޑީޕީން ހުށަހެޅި އިސްލާހު މަޖިލީހުގެ މުޅި ކޮމެޓީން ފާހެއް ނުވި އެވެ.
ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާފީ ބޮޑުކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް މި މަހު ވަނީ ހުށަހަޅާފަ އެވެ.
އެންމެ ފުރަތަމަ އެ އިސްލާހު ހުށަހެޅުމުން މުޅި މަޖިލީހުގެ ކޮމެޓީން ވަނީ މާލިއްޔަތު ކޮމެޓީއާއި އިގްތިސޯދީ ކޮމެޓީ ހިނެމޭ ސަބް ކޮމެޓީއަކަށް ފޮނުވާފަ އެވެ. އެ ކޮމެޓީން އެއްވެސް ބަދަލެއް ނުގެނެސް އެ ބިލް ފާސްކުރުމަށްފަހު މިއަދު ވަނީ މަޖިލީހުގެ މުޅި ކޮމިޓީއަށް ހުށަހަޅާފަ އެވެ.
އެގޮތުން މުޅި މަޖިލިސް ކޮމެޓީގައި ކަނޑިތީމް ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ހުށަހެޅުއްވީ ވީއައިއޭ ފިޔަވައި އެހެން އެއާޕޯޓުތަކުން ފުރާ ފަސިންޖަރުންގެ އަތުން އެ ފީ ނުނަގާ ގޮތަށް އެ ބިލު އިސްލާހުކުރުމަށެވެ.
އަމީން ވިދާޅުވީ މިހާރު އޮތްގޮތަށް ބިލް ފާސްވެއްޖެ ނަމަ އަތޮޅުތެރޭގައި ހުރި ކުދި އިންޓަނޭޝަނަލް އެއާޕޯޓްތައް ބޭނުންކުރާ މިންވަރު މަދުވެ އެތަންތަން ތަރައްގީވުމަށް ހުރަސް އެޅޭނެ ކަމަށެވެ.
އަމީންގެ ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ތާއިދުކުރެއްވި އެވެ.
އެގޮތުން އެ އިސްލާހާމެދު ގޮތެއް ނިންމުމަށް ނެގި ވޯޓްގައި ފާސްކުރަން ނުފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދީފައިވާއިރު، ފާސްކުރަން ފެންނަ ކަމަށް ވޯޓު ދިނީ އެންމެ 11 މެންބަރުންނެވެ. ވަކިކޮޅަކަށް ނުޖެހި ވޯޓު ދިން މެންބަރަކު ނެތެވެ.
އެހެންކަމުން މުޅި މަޖިލިސް ކޮމިޓީން ބިލް ފާސްކުރީ ސަރުކާރުން ބިލް ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެވެ. މި އިސްލާހާއެކު އިކޮނޮމީ ކްލާހުން ފުރާ ބިދޭސީންގެ އަތުން ނަގާ ފީ 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކޮށް ބިޒްނަސް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުމުގެ އިތުރުން ފަސްޓް ކްލާހުން ފުރާ މީހުންގެ އަތުން ނަގާ ފީ 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ޖެޓުގައި ފުރާ މީހުންގެ އަތުން ނަގާ ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުން ހިމެނެ އެވެ.
މިއާއެކު 1 ޑިސެމްބަރުއިން ފެށިގެން އެ ފީތައް ބޮޑުވާނެ އެވެ.