އަމިއްލަ އިންޝުއަރެންސް އޮންނަ މީހުންނަށް އާސަންދަ ހިދުމަތް ދިނުމުގައި މިއަދުން ފެށިގެން ގެނައި ބަދަލަށް މުވައްޒަފުން އަހުލުވެރިކުރުމަށް އެކަށީގެންވާ ވަގުތު ނުލިބޭތީ ހިދުމަތް ދިނުމުގައި ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ހިދުމަތް ހޯދާ މީހުންގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކުން ހޯދާ ހިދުމަތްތަކަށް ބިލްކުރުމުގައި ޕްރައިވެޓް އިންޝުއަރެންސަށް އިސްކަންދިނުމަށް ސަރުކާރުން އިއްޔެ ވަނީ ނިންމައިފަ އެވެ.
އެ ނިންމުމާ ގުޅިގެން މާލޭގައި ހިންގާ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އާސަންދަ ކުންފުނިން ގެނައި ބަދަލަކީ ކުއްލި ބަދަލެއް ކަމަށެވެ. އަދި އޭޑީކޭ އިން އާސަންދަ ހިދުމަތް ދެނީ ސޮފްޓްވެއާއެއް މެދުވެރިކޮށް ކަމަށާއި މިއަދުން ފެށިގެން ގެންނަ ބަދަލާ އެއްގޮތަށް ސޮފްޓްވެއާއަށް ބަދަލު ގެންނަން ވެސް ވަގުތު ލިބިފައިނުވާ ކަމަށް ބުނެ އެވެ.
"އެހެންކަމުން، މި ބަދަލުތަކާ އެކު ހިދުމަތް ދިނުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކާ ކުރިމަތިވެ، ހިދުމަތް ފޯރުކޮށްދިނުމުގައި ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ،" އޭޑީކޭ އިން ނެރުނު ބަޔާނުގައި ބުންޏެވެ.
އާސަންދަ އިން އިއްޔެ ނިންމި ނިންމުމާ އެކު ހޮސްޕިޓަލުން ހިދުމަތް ހޯދާ ކޮންމެ ބަލި މީހެއްގެ އަތުގައި ވެސް ޕްރައިވެޓް އިންޝުއަރެންސެއް އޮތްތޯ ބެލުން ލާޒިމުކޮށްފައި ވާތީ އޭޑީކޭ އިން ހިދުމަތް ހޯދާ ބަލިމީހުންގެ އަތުގައި އަމިއްލަ އިންޝުއަރެންސް އޮތްތޯ އެ ހޮސްޕިޓަލުން ކަށަވަރު ކުރާނެ ކަމަށް ވެސް އޭޑީކޭ އިން ބުންޏެވެ.
އޭޑީކޭ އިން ބުނީ އިންޝުއަރެންސް ލިމިޓު ހަމަވުމުން ނޫނީ އައުޓް ޕޭޝަންޓުންނަށް އާސަންދައިގެ ދަށުން ފަރުވާ ނުދިނުމަށް އަންގާފައިވާ ކަމަށެވެ. އަދި އަމިއްލަ އިންޝުއަރެންސްގެ ދަށުން ކަވަރު ނުކުރާ އައުޓްޕޭޝަންޓު ހިދުމަތްތަކަށް އާސަންދަ އިން ކަވަރު ކުރާނަމަ އެ ހިދުމަތެއް އާސަންދަ އިން ލިބޭނެ ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން އިންޕޭޝަންޓު ހިދުމަތް ހޯދާ ބަލިމީހުންނަށް އަދި ފުލުހުންނާއި ސިފައިންގެ އިންޝުއަރެންސް ސްކީމުތަކުން ކުރިއެކޭ އެއްގޮތަށް ހިދުމަތް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ރަތްޔިތުންނަށް ދަތިވާ ހުރިހާކަމެއްވެސް ކުރާނެ ތިތަނުން އެހެންބައެއްގެ ބޮލުގައަޅުވާފަ ނަމަވެސް އަދި ތިޔަތަނައް ބަލިވެގެން ގޮސްސިއާ ރަތްޔިތުމީހާ ދަވާލާނެ
ސަރުކާރުގެ ނުކުޅެދުން ތެރިކަން ބޮޑީ.