އިންޑިއާގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ފެސްޓިވަލެއް ކަމަށްވާ ދިވާލީ ފާހަގަކުރުމަށް ބޮލީވުޑްގެ ބައެއް މަޝްހޫރު ތަރިން ރާއްޖެ އަތުވެއްޖެ އެވެ.

އެގޮތުން ބޮލީވުޑްގެ މަޝްހޫރު ޖޯޑް ކަމަށްވާ ކަރީނާ ކަޕޫރު އާއި ސައިފް އަލީ ހާންވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ސައިފްއާއި ކަރީނާ ރާއްޖޭގައި

ކަރީނާގެ ދެމަފިރިން ދަރިންނާއެކު ރާއްޖެ އައިސްފައިވަނީ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު އެވެ. ކަރީނާ ވަނީ ރާއްޖޭގެ ހިތްގައިމު މާހައުލުގައި ހުރެ ނަގާފައިވާ ފޮޓޯ އަކާއެކު ދިވާލީގެ ތަހުނިޔާ އެންމެނަށް ފޮނުވާފަ އެވެ.

ކަރީނާ ކަޕޫރުވަނީ މި ފޮޓޯ އާއެކު ދިވާލީގެ ތަހުނިޔާ ފޮނުވާފައި

ކަރީނާގެ އިތުރުން ކުރީގެ ފިލްމީތަރި ސްރީދޭވީގެ ދެ ދަރިންކަމަށްވާ ޖާންވީއާއި ހުޝީ ކަޕޫރު ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އިއްޔެގެ ވަގުތެއްގައި ވަނީ ފުރާފައި އެވެ. ޖާންވީ އާއެކު އޭނާގެ ލޯބިވެރިޔާ ޝިކަރު ޕަހަރިޔާ ވެސް ރާއްޖޭގައި އުޅުނެވެ.

ޖާންވީ ކަޕޫރު އަދި ކޮއްކޮ ހުޝީ ކަޕޫރު އާއި ދެ މީހުންގެ ބައިވެރިން ރާއްޖޭގައި

އަދި ހުޝީގެ ލޯބިވެރިޔާ އަދި ބޮލީވުޑްގެ ޒުވާންތަރި ވެދަންގް ރައިނާވެސް އެމީހުނާއެކު ރާއްޖެ އައިސްފައިވެ އެވެ.

ހުޝީ ކަޕޫރާއި އޭނާގެ ލޯބިވެރިޔާ ވެދަންގް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރަނީ

މީގެ އިތުރުން ސައިފް އަލީ ހާންގެ ދައްތަ ސޯހާ އަލީ ހާންއާއި އޭނާގެ ފިރިމީހާ ކުނާލް ކެންމޫ ވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. މީވެސް ބޮލީވުޑްގެ ފިލްމްތަށް ކުޅޭ ދެ ތަރިންކަން ފާހަގަކޮށްލެވެ އެވެ.

ކުނާލް އާއި ސޯހާ ރާއްޖޭގައި

އިއްޔެގެ ވަގުތެއްގައި ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރުވެސް ވަނީ ރާއްޖެ އައިސްފަ އެވެ. އެގޮތުން ރާއްޖޭ އެއާޕޯޓް މުވައްޒަފަކު ވަނީ އަކްޝޭ އާއެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

މި އަހަރު ކުރީކޮޅު ބޮލީވުޑްގެ ތަރިންނާއި އިންޑިއާގެ ޓޫރިސްޓުން ރާއްޖެ އައުން މަދުވި ނަމަވެސް، މިހާރު އަނެއްކާވެސް ބޮލީވުޑްގެ ތަރިން ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އަންނަމުންނެވެ.