ދިވެހި މުޖްތަމައުގައި ޒަމާނުއްސުރެ އޮތް ރީތި ދިވެހި ސަގާފީ އާދައަކީ އަންހެން ކުދިން މަންމަ ކައިރިން ގޭތެރޭގެ މަސައްކަތް ދަސްކުރުމާއި ފިރިހެން ކުދިން ބައްޕަ ކައިރިން މަސައްކަތް ދަސްކޮށް އެދުރުވުމެވެ. އެއްވެސް ތަމްރީނު ދޭ މަރުކަޒަކަށް ނުގޮސް ދިވެހި މުޖްތަމައުއަށް ބޭނުންތެރި ހުނަރުވެރި ގާބިލް މަސައްކަތްތެރިން އުފެދި އާލާވަމުން ދިޔައީ އެޒަމާނުގައި ގޭތެރޭން ލޯތްބާއެކު ލިބުނު އިލްމާއި ތަމްރީނުގެ ސަބަބުންނެވެ.
ހަމައެކަނި އަންހެން ކުދިންނަށް އަމާޒުކޮށް ހެދި ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި އެކުދިންގެ އެންމެ ފުރިހަމަ މަސައްކަތާއި ހުނަރު އުފެދި ފައްކާވުމަށް ރަނގަޅު އަންހެން "ރޯލްމޮޑެލް" (ނަމޫނާ) އެއް ބޭނުންވެ އެވެ. އެ ރޯލް މޮޑެލުންގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ދަސްވުމުން އެ އަންހެން ކުދިން ހެދިބޮޑުވަމުން އަންނާނީ ގާބިލް، އަމިއްލަ ނަފްސަށް އިތުބާރުކުރާ ހީވާގި އަންހެނުންގެ ގޮތުގަ އެވެ.
އަންހެން ކުއްޖަކު އޭނާގެ މަންމަ ރޯލްމޮޑެލެއްގެ ގޮތުގައި ބަލައިފިނަމަ ހީވެސް ނުކުރާހާ ހިސާބަކަށް ފޯރާނެކަން ފާތުމަތު އުޝާމާ ހާމިދު (އުޝް) އަންނަނީ ސާބިތުކޮށްދެމުންނެވެ. އަމީނިއްޔާ ސްކޫލުން ތައުލީމު ހާސިލްކުރި އުޝްގެ މައިންބަފައިން ދުށްގޮތުގައި ދިރިއުޅުމުގައި ބޭނުންވާ ހުރިހާ މަސައްކަތަކާއި އިލްމަކީ ހަމައެކަނި ކިޔަވައިދޭ މަދަރުސާއިން ލިބިދޭނެ އެއްޗެއް ނޫނެވެ. ދަރިފުޅު ގާބިލު މީހަކަށް ހެދުމަށްޓަކައި މައިންބަފައިންގެ ރޯލުގެ މުހިންމު ކަން އެމީހުންނަށް ފެނުނެވެ. އެ މީހުންގެ ވަގުތާއި އެއްބާރުލުން ދިނެވެ. މަގުދައްކައި އެހީތެރިވިދިނެވެ. އުޝްގެ ހުނަރު ކުރިއެރީ މައިންބަފައިންގެ އެއްބާރުލުމާއި ލިބުނު ހިތްވަރުންނެވެ.
މަންމަގެ ހުނަރު އުޝްއަށް: މުސްތަގުބަލް ބިނާކޮށްދިން
އުޝް ބުނިގޮތުގައި އޭނާގެ މަންމަ އަކީ ހެދުން ފަހާ މީހެކެވެ. އުޝް ކުޑައިރުވެސް އޭނާއަށް ކުރެވޭނެ މަސައްކަތް ދެނެގަނެ ކުދިކުދި މަސައްކަތް ހަވާލު ކުރެ އެވެ.
"އަޅުގަނޑަށް މަސައްކަތް ކުރެވޭވަރު ވުމުން މަންމަ ބައެއް މަސައްކަތް ހަވާލު ކުރާނެ. މިސާލަކަށް ބުނާނަމަ ހެދުމުގައި ގޮށްލުން، ބަންދު ފުށުންޖެހުން، ހެދުމުގެ ކައިރިފަށުގައި ޒިގްޒެގް ހެދުން ކަހަލަ ކަންކަން. އެކަންކަން ރަނގަޅަށް ކުރެވެން ފެށުމުން އަޅުގަނޑުގެ ކޮންފިޑެންސް އިތުރުވެ، ފެހުމަށް ޝައުގުވެރިވެ ފަހާފޮށިން ފަހަން ބޭނުންވި،" އުޝް ކިޔައިދިނެވެ.
އަމިއްލައަށް ފެހޭނެކަމުގެ އިތުބާރު އުފެދުމުން ދެން އޭނާ ބޭނުންވީ އާކަންކަން ތަޖުރިބާ ކޮށްލުމަށެވެ. އެގޮތުން ފަހާ ފޮށިން އެކި އެއްޗެތި ފަހަން ފެށި އެވެ. އުޝްގެ ހުނަރު ތަރައްގީވަމުން ދިޔައީ އޭނާގެ މަންމަގެ ފުރިހަމަ އިރުޝާދުގެ ދަށުންނެވެ. ސްކޫލް ނިމުނުއިރު އޭނާ ހުރީ އަމިއްލައަށް ހެދުން ކަނޑާ ފަހަން ވެސް ދަސްވެފަ އެވެ. ނަމަވެސް ފެހުމަކީ އާމްދަނީ ހޯދުމަށް ކުރަން ބޭނުން މަސައްކަތެއްގެ ގޮތުގައި އޭރު އޭނާ ނުދެކެ އެވެ.
"ސްކޫލް ނިމުނުގޮތަށް އަޅުގަނޑު އެއާ މޯލްޑިވްސްގައި ކުޑަ ދުވަސްކޮޅަކު މަސައްކަތް ކުރިން. އެއަށްފަހު މިނިސްޓްރީ އޮފް ޔޫތްގަ އާއި ވޭސްޓް މެނޭޖްމަން ސެކްޝަންގަ ވެސް މަސައްކަތް ކުރިން،" އުޝް ބުންޏެވެ.
ފުރަތަމަ ދަރިފުޅު އުފަންވުން: ފެހުމުގެ މުހިންމުކަން ފެނުނު
އޭނާ ފުރަތަމަ ދަރިފުޅަށް ބަލިވެ އިން އިރު ވެސް އަދި އޭގެ ފަހުން ވެސް ހުރީ ސަރުކާރު ވަޒީފާގަ އެވެ. ވިހަންވާއިރަށް އޭނާއަށާއި ބޭބީ އަށް ބޭނުންވާނެ ހުރިހާ އެއްޗެއް ފަހައިދިނީ އޭނާގެ މަންމަ އެވެ.
"މަންމަފެހި ބެޑްޝީޓާއި ބޭބީ ލިބާސްކޮޅާއި އެކަހަލަ ބޭނުންވާނެ ހުރިހާ އެއްޗެއް. އެކަމަކު ބޭބީ ލިބާސް ފަހާފައި ބުނި އުޝް ހަދާށޭ ހޭންޑް އެމްބްރޮއިޑަރީ (ޖަރީ). ފުރަތަމަ ޖަރީ ޖަހަން ދަސްކުރީއޭރު. މަންމަ ކިޔައިދިނީ ޖަރީ ޖަހާނެ ގޮތް. ޓްވިޓީ، ޕޫބެއާ ކަހަލަ އެއްޗެހި އަތުން ހެދޭތޯ އަޅުގަނޑު ބެލީ. ނަސީބަކުން ވަރަށް ރީތިކޮށް ޖަރީ ޖެހުނު. އެ ހިސާބުން ހޭންޑް އެމްބްރޮއިޑަރީއަށް ޝައުގުވެރިވި އަދި އަގަށް ކުޑަކުދިންގެ ހެދުމާއި ބެޑްސެޓް ހަދަން ފެށިން،" އުޝް ވަރަށް އުފަލާއެކު ކިޔައިދިނެވެ.
ހުނަރާބެހޭ މާހިރުން ބުނާގޮތުގައި އެމީހަކު ޝައުގުވެރިވާ ހުނަރުހުރި މަސައްކަތެއް ކުރާނަމަ، އެކަމަކަށް އެ މީހެއްގެ ހުރިހާ ސަމާލުކަމެއް އެއްކޮށް ދޫކޮށްލެވެ އެވެ. އެހެންވުމަށް އެމީހުން ދީފައިވާ ނަމަކީ "އިން ދަ ޒޯން" (ވަކި ސަރަހައްދެއްގައި ބަނދުވުން) އެވެ. އެ ޒޯންގައި ވާ މީހާ ހުންނާނީ އާދަޔާ ޚިލާފަށް އުފާވެ، ހިތްހަމަޖެހިފަ އެވެ. އެހެން ކަމަކަށް އޭނާ އެވަގުތަކު ސަމާލުކަމެއް ނުދޭނެ އެވެ.
އުޝް ދެން ވިސްނީ ސަރަނގު ޖަރީއިން ހިންގާ ޖަރީ ކޯސްހަދައި، އިތުރު ހަރުފަތްތަކަކަށް އޭނާގެ މަސައްކަތް ގެންދިއުމަށެވެ. ކޯސް ނިންމައި، އޭނާ ވެސް "އިން ދަ ޒޯން "އަށް ވަނެވެ. ފެހުމުގެ ތެރެއަށް ޣަރަގުވި އެވެ. ހުރިހާ ސަމާލުކަން ފެހުމަށް އެއްކޮށް ދޫކޮށްލި އެވެ.
"އަޅުގަނޑަށް ފުރަތަމަ ވިހެއީ އަންހެން ކުއްޖެ. އޭނައަށް އެކި ޑިޒައިންތަކުގެ ހެދުން ފަހަމުން ލައްވަމުން ގެންދިޔައިން. އޭރު އަޅުގަނޑުގެ އުމުރު ވަރަށް ހަގު އަދި އޮފީހަށް ވެސް ދަން. ދެވަނަ ދަރިފުޅު ލިބި އޮފީހަށް ދަމުން ފަހަން އުނދަގޫވުމުން އޮފީހުން ކެނޑިގެން ހަމައެކަނި ފެހުމަށް ފޯކަސް ކުރީ،" އުޝް ބުންޏެވެ.
ޖަރީ ޖަހާފައިވާ ބޭބީ ބެޑިން ސެޓް: ގިނަބައެއްގެ މަގްބޫލުކަން އަތުލައިގަތް
ދެ ކުދިން ބަލަމުން ވެސް ފެހުމަކީ އުޝްއަށް ހިތްހަމަޖެހުން ގެނުވައިދިން ކަމެކެވެ. ފެހުމަކީ ހަމައެކަނި އޭނާއަށް އާމްދަނީ ލިބޭ މަގެއް ނޫނެވެ. ފެހުމުގެ ސަބަބުން އޭނާގެ އުދާސްތައް ބޭރުކޮށްލެވެ އެވެ. ހިތްހަމަޖެހުން ގެނުވަ އެވެ. މީހުނާ ގުޅިގެން އުޅެވޭކަމުގެ އިހްސާސްއެއް ކުރެވެ އެވެ. މުޖްތަމައަށް ފައިދާހުރިކަމެއް ކުރެވޭތީ އުފާވެ އެވެ.
ސަރަނގު ޖަރީއިން ހިންގާ އެމްބްރޮއިޑަރީ ކޯސް ހެދުމަށްފަހު ބޭބީ ބެޑްސެޓްގައި އުޝާގެ ކުރެހުންތަކުން ޖަރީކުރަން ފެށި އެވެ. އޭނާ ބުނި ގޮތުގައި އެ ދުވަސްވަރު އެކަން ކުރާ މީހުން މަދެވެ. ވީމާ އުޝްގެ މި މަސައްކަތައް މީހުންގެ ބޮޑު ތަރުހީބެއް ލިބެން ފެށި އެވެ. ލިބޭ އޯޑަރުތައް ގިނަވާން ފެށި އެވެ.
އޭނާ ތައްޔާރު ކުރާ ބޭބީ ފުލްސެޓްގައި ހިމެނެނީ ބެޑްޝީޓް، ބާލިސް، ބަންޕާ، ބަންޕާ ކަވާ، ނެޕީ ސްޓެކާ، އަދި ލޯންޑްރީ ހެމްޕާ އެވެ. އޭގެ އިތުރުން ބޭބީ ލިބާހެވެ.
"މިހާރު ފުލްސެޓްގެ ބަދަލުގައި ހަދަނީ އެންމެ އާދައިގެ ބެޑިން. ހެދުންތަކުގަ އެމްބޮރޮއިޑަރީ ޖަހައިދެން ބޭނުންގޮތަކަށް ދިވެހިން ވެސް ޖަހައިދެން، އަރަބިން ވެސް ނަން ޖަހައިދެން. ބޭބީ ހެދުންވެސް އޭރު ހަދަން. އެމްބްރޮއިޑަރީ ހިމަނާލާފައި ހަދަނީ. މަސައްކަތް ފުޅާކޮށް 'ބޭބީސް'ގެ ނަމުގައި ރަޖިސްޓްރީކޮށް ފިހާރައެއް ވެސް ހުޅުވިން، ފަހުން ފަހާތަނެއް ވެސް ހުޅުވިން. އެކަމަކު ވީގޮތަކީ ސިއްހީ މައްސަލައެއް ދިމާވެގެން ދުވަސްކޮޅަކަށް ބްރޭކެއް ނަގަން ޖެހުނީ. ފިހާރަ ވެސް ފަހާތަން ވެސް އެދަނޑިވަޅުގައި ބަންދު ކުރަންޖެހުނު،" ކުރިމަގުގައި ކޯސްހިންގުމަށް ވިސްނަމުން ގެންދާ އުޝް ކިޔައިދިނެވެ.
ބްރޭކަކަށްފަހު އުޝްގެ މަސައްކަތް އަނެއްކާ ވެސް އާހިތްވަރާއެކު ފެށި އެވެ. އޮންލައިކޮށް އޯޑާ ނަގަމުން ފެށި މަސައްކަތް ހުއްޓާނުލާ ކުރާތާ މިހާރު 15 އަހަރު ވެއްޖެ އެވެ. މުޅިއެކު އެ މަސައްކަތް ކުރާތާ މިހާރު 20 އަހަރު ވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާގެ މަސައްކަތް މިހާ ދިގު މުއްދަތެއްގައި އެހާ ފުރިހަމަކޮށް ކުރެވެމުން ދިޔުމުގެ އަސްލަކީ އާއިލާއިން ދޭ އެއްބާރުލުންކަން އުޝް ވަރަށް ޝުކުރުވެެރިކަމާއެކު ފާހަގަ ކުރެއެވެ. އުޝްގެ ބުރަ މި މަސައްކަތަށް އެންމެ ބޮޑު އެހީތެރިކަމެއް ދޭފަރާތަކީ އަބަދުވެސް އޭނާގެ މަންމަ އެވެ. އޭގެ އިތުރުން އޭނާގެ ބައްޕަ އާއި ފިރިމީހާގެ ދައުރު ވެސް ވަކި ކުޑަ ނޫންކަމަށް އުޝް ބުނެ އެވެ.