ކޮވިޑް ކޭސްތަކެއް ކުއްލިއަކަށް ފެނުމާ ގުޅިގެން، އައްޑޫ މޮނިޓަރިންގެ ހާލަތަށް ގެނައުމަށްފަހު މަހަކަށް ވުރެ ގިނަ ދުވަސްފަހުން މޮނިޓަރިން އުވާލައިފި އެވެ.

ހޯމް ކަރަންޓީނުގައި ނެތް ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެގެން އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ ހަވަނަ ދުވަހު އެވެ.

މޮނިޓަރިންގެ ހާލަތުގައި އޮތްއިރު، އެ އަތޮޅުގެ ގުޅިފައިވާ ރަށްތަކުން ޖުމްލަ 57 ކޭސް ފެނިފައިވެ އެވެ. އަދި ހުޅުމީދު އިން ޖުމްލަ 35 ކޭސް ފެނިފައިވެ އެވެ.

އެންމެ ފުރަތަމަ އައްޑޫން ކޮވިޑަށް ޕޮޒިޓިވްވީ ހުޅުމީދޫގައި މަސައްކަތް ކުރަން ދިޔަ ބަންގްލަދޭޝްގެ މީހުންތަކެކެވެ. އެއީ އެމްޓީސީސީގެ މުވައްޒަފުންތަކެކެވެ. އެއަށްފަހު ހިތަދޫގެ ފްލޫ ކްލިނިކަކަށް ޑޮކްޓަރަށް ދައްކަންދިޔަ ދެ މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެއާއެކު މުޅި އައްޑޫ މޮނިޓަރިންގެ ހާލަތަށް ގެނަ އެވެ.

އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މޮނިޓަރިންގެ ހާލަތުން އުވާލިކަން އަންގައިދޭ ލިޔުން ވަނީ އައްޑޫ ސިޓީ ކައުންސިލަށް ފޮނުވާފަ އެވެ. މިއާއެކު ކޮވިޑާ ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް އައީ ކަމަށް އެ ލިޔުމުގައިވެ އެވެ.