ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ނުގޮސް ފުރަތަމަ ބުރުން ރައީސަކު ކަނޑައެޅޭ ގޮތަށް ބަދަލުކުރުމަށް ރައްޔިތުންގެ ވޯޓަކަށް އަހާނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރޭ ދަރުބާރުގޭގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ އަމިއްލަފުޅު ވިސްނުމަކީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރާ ހިސާބުން ބޭފުޅަކު ކަނޑައެޅުން ކަމަށެވެ. އެހެންވެ، ޕްރިފަރެންޝަލް ނިޒާމަކަށް އަމަލުކުރަން މިހާރު ވެސް އެޓާނީ ޖެނެރަލް އޮފީހުން އަންނަނީ ދިރާސާތައް ކުރަމުން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަވައްޓެރި ބައެއް ގައުމުތަކުގައިވެސް މިހެން އޮންނަކަމަށާއި ނަމަވެސް ރާއްޖޭގައި މިގޮތަށް ނިންމާނީ ދިރާސާކުރުމަށްފަހު ގައުމަށް އެންމެ ރަނގަޅުގޮތްކަމަށް ވާނަމަކަށެވެ. އެ މަނިކުފާނު ވިދާޅުވީ އޭރުން ހަރަދުވެސް ކުޑަކުރެވޭނެކަމަށެވެ.

މީގެ އިތުރުންވެސް ރައްޔިތުންގެ ވޯޓު ނަގައިގެން ބަދަލުކުރަން ރައީސް ބޭނުންފުޅުވާ ދެކަމެއް ހިއްސާކުރެއްވި އެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުން

ރައްޔިތުންގެ ވޯޓަކުން ނިންމަން ރައީސް މުއިއްޒު ދެން ބޭނުންފުޅުވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވޭނެ ގޮތަކަށް ބަދަލުކުރެއްވުމެވެ.

ރައީސް ވިދާޅުވީ ރާއްޖެފަދަ އާބާދީ މަދު ގައުމެއްގައި އެންމެ އެދެވޭ ގޮތަކީ އެ ދެ އިންތިހާބު އެކުގައި ބޭއްވުން ކަމަށެވެ. އެ ދެ އިންތިހާބާ ދެމެދު އޮންނަނީ އެންމެ ދެތިން މަސް ކަމަށް ވާއިރު ވަކިވަކިން އިންތިހާބު ބޭއްވުމުން ބޮޑު ހަރަދެއް ހިނގާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާކުރައްވާ ދުވަސް ނޮވެމްބަރު 17ގެ ބަދަލުގައި ނޮވެމްބަރު 11 އަށް ބަދަލުކުރުން

ރައީސް މުއިއްޒު ވިދާޅުވީ، ސިޔާސީ އޮއިވަރުގައި ޖެހި ކޮންމެ ފަސް އަހަރަކުން ރައީސް މަގާމުގެ ހުވާކުރައްވާ ތާރީހު ނޮވެމްބަރު 11 އިގެ ބަދަލުގައި ހަފުތާއެއްހާ ދުވަސް ފަހަތަށް ކައްސާލާފައިވާ ކަމަށެވެ. އެހެންކަމުން ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެމްބަރު 11 އަށް ރައީސް ހުވާކުރައްވާ ދުވަސް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ވިސްނަވާކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުން އެ ގޮތަށް އެއްބަސްވެއްޖެ ނަމަ ގާނޫނުއަސާސީ އާއި ގާނޫނަށް ގެންނަންޖެހޭ ބަދަލެއް ގެންނަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށެވެ.