ރާއްޖޭގައި ރިޔާސީ އިންތިހާބު މިހާރު ބާއްވަމުންދާ ގޮތް ބަދަލުކުރުމަށް އުޅެނީ މި ސަރުކާރުގެ ނުބައި ރޭވުމަކުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ނުގޮސް ފުރަތަމަ ބުރުން ރައީސަކު ކަނޑައެޅޭ ގޮތަށް ބަދަލުކުރުމަށް ރައްޔިތުންގެ ވޯޓަކަށް އަހާނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ އޭރުން ދައުލަތުގެ ބަޖެޓުން އިންތިހާބަށް ކުރަންޖެހޭ ހޭދަ ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށެވެ.

އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މިހާރު ފެންނަމުންދަނީ ވިރާސީ ވެރިކަމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ. އަދި އެ ދިމާލަށް މިސްރާބު ޖަހާފައިވާތަން ކަމަށެވެ.

"ރިޔާސީ އިންތިހާބާ ގުޅޭ ރިފަރަންޑަމަކީ މިކަން މުޅިން އެގޮތަށް ބަދަލުކުރުމަށް ޑރ. މުއިއްޒުގެ ނުބައި ރޭވުމުގެ ތެރެއިން ކުރެވޭ ކަމެއް ކަމާމެދު އަޅުގަނޑަށް އެއްވެސް ޝައްކެއް ނެތް" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބު އެއްބުރަށް ބަދަލުކުރާ ގޮތަށް ހެދުމަކީ ވެސް ނުރައްކާތެރިކަމެއް ކަމަށާއި އެހެން ހަދަން އުޅެނީ ވޯޓުފޮށިތައް މާލެއަށް ގެނެސް އޮޅުވާލާ ކުރީގެ ނިޒާމަށް އަނބުރާ ދިއުމަށް ކަމަށެވެ/

ފައިސާ އާއި ބާރާއި ނުފޫޒުގެ ތެރެއިން ވެރިކަމާއި މަޖިލީހާ އެއްކޮށް ނިގުޅައިގަތުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށާއި މިއީކީ އެއްގޮތަކަށް ވެސް ދޫކޮށްލައިގެން ތިބެވޭނެ ކަމެއް ނޫންކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ހަރަދު ކުޑަކުރަން ކަމަށް ބުނެ ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމުގެ ވާހަކަ ދައްކަނީ މިހާރު ގާނޫނު އަސާސީގައި އޮތް ފާރަވެރި ދައުލަތެއްގެ ސިފަ ގެއްލުވާލުމަށްކަމަށެވެ.

"އެއީ ވަރަށް ނުރައްކާތެރި ސިގްނަލެއް. ރައްޔިތުން އިހުތިޔާރުކުރާ ވެރިކަމެއް އޮބަހެއްޓުމަށް މަޖިލިސް ބާއްވާނެ ގޮތް ނިންމުމުގެ ހައްގު ރައްޔިތުންނަށް އޮންނަންވާނެ" ފައްޔާޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ނިންމުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަންގަވާނެކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ ރާއްޖެފަދަ އާބާދީ މަދު ގައުމެއްގައި އެންމެ އެދެވޭ ގޮތަކީ އެ ދެ އިންތިހާބު އެކުގައި ބޭއްވުން ކަމަށެވެ. އެ ދެ އިންތިހާބާ ދެމެދު އޮންނަނީ އެންމެ ދެތިން މަސް ކަމަށް ވާއިރު ވަކިވަކިން އިންތިހާބު ބޭއްވުމުން ބޮޑު ހަރަދެއް ހިނގާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.